ލިއޮނަލް މެސީ އާއި ޕައުލީނިއޯގެ ލަނޑުތަކާއެކު ބާސެލޯނާއިން އެތުލެޓިކޯ ބިލްބާއޯ ބަލިކޮށް މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފިއެވެ. އަނެއްކޮޅުން މި މޮޅާއެކު ބާސާއިން މި ވަނީ ލީގުގައި އެންމެ ފަހުން ބިލްބާއޯ އާ ދެކޮޅަށް ކުޅުނު 8 މެޗުންވެސް މޮޅުވެފައެވެ.
ކުރިން ބިލްބާއޯ އަށް ކުޅުނު އަދި ކޯޗުކަން ކޮށްދިން ވަލްވާޑޭ އެ ޓީމާ ދެކޮޅަށް ބާސާ ގޮވައިގެން ނުކުތް އިރު، މެޗުގެ 36 ވަނަ ލިއޮނަލް މެސީ ބާސާއަށް ލީޑު ނަގައިދިނީ ޖޯޑީ އަލްބާ ހުރަސް ކޮށްލި ބޯޅައަކުންނެވެ. މިއީ ލަލީގާގައި 10 މެޗުން މެސީ މި ސީޒަންގައި ކާމިޔާބު ކުރި 12 ވަނަ ލަނޑެވެ. އަނެއްކޮޅުން ޖޯޑީ އަލްބާ ވެފައިވަނީ މެސީއަށް ލަނޑު ޖަހަން އެންމެ ގިނަ އެސިސްޓް ކޮށްދިން ކުޅުންތެރިޔާއަށެވެ.
ބާސާގެ ގޯލަށް ބިލްބާއޯ އިން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ހުށިޔާރު ކަމާއެކު، ޓާ ސްޓެގަން ސަލާމަތް ކުރިއިރު، ބާސާއަށް ތިން ޕޮއިންޓް ކަށަވަރު ވީ ދެވަނަ ހާފުގެ އިތުރު ވަގުތުގައި ޕައުލީނިއޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ޕައުލީނިއޯ މި ލަނޑު ޖެހީ ސުއަރޭޒް ފޮނުވާލި ހަމަލާއެއް ބިލްބާއޯގެ ކީޕަރު ސަލާމަތްކޮށް ފޮނުވާލުމުން ދެވަނަ ފަހަރަށް އެ ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.
މި މޮޅާއެކު ބާސާއިން މި ސީޒަނުގައި ސްޕެއިން ލީގުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި އޮތްއިރު، ދެ ވަނައިގައި އޮތް ވެލެންސިއާގެ މައްޗަށް ވަނީ 4 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. ވެލެންސިއާ ވަނީ ރޭ އަލަވޭސް އަތުން 2-1 ގެ ނަތީޖާއިން މޮޅުވެފައެވެ. ތިން ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރިއަލް މެޑްރިޑްގެ މައްޗަށް ވަނީ 8 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެއް މެޗު މަދުން ކުޅެފައިވާ ރިއަލް މެޑްރިޑް މިރޭ ރާއްޖެ ގަޑިން 20:15 ގައި ޖިރޯނާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ ލީޑު 5 ޕޮއިންޓަށް ކުޑަކުރެވޭނެއެވެ.
ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑް ވިލަރެއާލް އާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ ސިމިއޯނީއަށް ވަނީ ހާސްކަން ކުރިމަތިވެފައެވެ. ލީގުގައި އެންމެ އެދެވޭ ނަތީޖާތަކެއް މި ސީޒަނުގައި ނުހޯދޭއިރު، ދަށް ނަތީޖާތަކުގެ ސަބަބުން އެތުލެޓިކޯއަށް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖް ފަހަނަ އަޅާ ދިއުމަށްވެސް މިހާރު އޮތީ އުނދަގޫ މަރުޙަލާއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް