އިންޑިޔާގައި ކުރިއަށް ދިޔަ 17 އަހަރުން ދަށުގެ ވޯލްޑްކަޕްގެ ފައިނަލްގައި ސްޕެއިން އިން 2 ލަނޑުގެ ކުރިއެރުމެއް ހޯދާފައިވަނިކޮށް، ފަހަތުން އަރާ 5-2 ގެ ނަތީޖާއިން މޮޅުވެ އިންގްލެންޑުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މެޗުގެ ކުރީ ކޮޅުގައި ސްޕެއިންގެ ސާޖިއޯ ގޮމޭޒް ޖެހި ދެ ލަނޑާއެކު އިންގްލެންޑަށް މެޗުގެ ފުރަތަމަ ހާފުގައި ކުރިމަތިވީ ވަރަށް އުނދަގޫ ހާލާތެކެވެ. އެހެންނަމަވެސް ހުނަރުވެރި މޮޅު ކުޅުމާއެކު، މި މުބާރާތުގެ ލަނޑު ލިސްޓުގެ އެއް ވަނައިގައި އުޅޭ ރިއާން ބްރޫސްޓްރާ ޖެހި ލަނޑާއެކު އިންގްލެންޑުން ފުރަތަމަ ހާފު ނިންމާލީ ތަފާތު ކުޑަކޮށްގެންނެވެ.
ދެ ވަނަ ހާފު ފަށައިގެން މޯގަން ގިބްސް އަދި ސިޓީގެ ޒުވާން ކުޅުންތެރިޔާ ފިލިޕް ފޯޑެން ޖެހި ލަނޑުތަކާއެކު އިނގިރޭސި މެޗުގެ ނަތީޖާ އަނބުރާލިއެވެ. އަދި މެޗުގެ ފަހު ކޮޅު މާކް ގުއިހީ އަދި ފޯޑެން ޖެހި ލަނޑުތަކާއެކު އިންގްލެންޑުން މެޗު ނިންމާލީ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
އިންގްލެންޑުގެ ޒުވާން ޓީމުތަކުން މިއަހަރުގެ މިހާތަނަށް 4 ފައިނަލް ކުޅުނު އިރު، މިއީ އެ ގައުމުން ކާމިޔާބު ކުރި 3 ވަނަ މުބާރާތެވެ. މީގެ ކުރިން އިންގްލެންޑް ވަނީ 19 އަހަރުން ދަށުގެ ޔޫރޯ އާއި 20 އަހަރުން ދަށުގެ ވޯލްޑްކަޕްވެސް މިއަހަރު ކާމިޔާބު ކޮށްފައެވެ. އިންގްލެންޑް ފައިނަލްގައި ބަލިވީ 17 އަހަރުން ދަށުގެ ޔޫރޯގައި ސްޕެއިން އަތުންނެވެ. އެހެންކަމުން 17 އަހަރުން ދަށުގެ ވޯލްޑްކަޕްގެ ތަށި އުފުލާލުމާއެކު، މިއީ އިންގްލެންޑް ގެ 17 އަހަރުން ދަށުގެ ޓީމު ސްޕެއިންގެ ކިބައިން ހިފި ރަނގަޅު ބަދަލު ހިފުމެކެވެ.
އަނެއްކޮޅުން އިންގްލެންޑް އަތުން ސްޕެއިން ބަލިވުމާއެކު، އެ ޓީމު މި މުބާރާތުގެ ތަށްޓަކަށް ކުރި އުންމީދު އަނެއްކާވެސް ވަނީ ފުރިހަމަ ވާގޮތް ނުވެފައެވެ. ސްޕެއިންގެ 17 އަހަރުން ދަށުގެ ޓީމު 17 އަހަރުން ދަށުގެ ވޯލްޑްކަޕްގެ ފައިނަލްގައި މީގެ ކުރިން 1991، 2003 އަދި 2007 ގައިވެސް ވާދަކުރިއެވެ.
ރޭ މި މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި މާލީ 2-0 އިން މާލީ ބަލިކޮށް ބްރެޒިލް ވަނީ މުބާރާތުގެ 3 ވަނަ މަގާމު ހޯދާފައެވެ. ބްރެޒިލްގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ އަލަން އަދި ޔޫރީ އެވެ.
މުބާރާތުގައި ކާމިޔާބު ކުރި 8 ލަނޑާއެކު އެޑިޑާސް ގޯލްޑަން ބޫޓް އެވޯޑް ހޯދީ އިންގްލެންޑްގެ ރަޔާން ބްރޫސްޓާ އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ގޯލްޑަން ބޯލް އެވޯޑް ލިބުނީ އިންގްލެންޑްގެ ފިލިޕް ފޯޑެން އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް