މި މަހުގެ 20 ވަނަ ދުވަހު ރިލީޒް ކޮށްފައިވާ، ރޯހިތު ޝެޓީގެ "ގޯލްމާލް އަގޭން" ފިލްމުން ޖާގަ ލިބިގެން ދިއުމީ ފިލްމީ ހަޔާތުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމުގައި، ބޮލީވުޑް ބަތޮލާ ޕަރީނީތީ ޗޯޕްރާ ދެކެ އެވެ. އަދި އެކަން އޭނާ ވަނީ ހާމަވެސް ކޮށްފަ އެވެ.
ކޮންމެއަކަސް މި ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު ޕަރީނީތީ މިވަނީ މި ފިލްމުގެ ކާމިޔާބީއާއެކު ބޮޑު ވައުދެއް ވެފަ އެވެ.
އޭނާ އިއްޔެ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ "މި ހުރެވެނީ ދުނިޔޭގެ އެންމެ މަތީގައި ކަމުގެ އިހުސާސު ކުރެވޭ ކަމަށާއި، ދިމާވާ ކޮންމެ ކުއްޖަކުވެސް މިހާރު ގޮވާލަނީ "ޚުޝީ" މި ނަމުން" ކަމަށެވެ. ގޯލްމާލް އަގޭންގައި އޭނާގެ ނަމަކީ ޚުޝީ އެވެ. އެ ޓްވީޓްގައި ޕަރީނީތީ އިތުރަށް ބުނެފައިވަނީ "ގަދަޔަށް މަސައްކަތް ކުރުމަށް ވައުދުވާ" ކަމަށެވެ.
ގިލްމު ގޯލްމާލް އަގޭން އަކީ ރޯހިތު ޝެޓީގެ ގޯލްމާލް ފްރެންޗައިސްގެ ހަތަރުވަނަ ފިލްމެވެ. މި ފިލްމުގައި ލީޑް ރޯލު ކުޅެފައިވާ ތަރިންގެ ތެރޭގައި އަޖޭ ދޭވްގަން، ތާބޫ، އަރުޝަދު ވަރުސީ، ތުޝާރު ކަޕޫރު، ޝްރެޔާސް ތަލްޕަޅޭ، ކުނާލް ކޭމޫ އަދި ޕްރަކާޝް ރާޖް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް