އެޕަލް އައިފޯނު އެކްސް އަންނަ ހުކުރު ދުވަހު ވިއްކުމަށް ހަމަޖެހިފައިވާއިރު އެޕަލް އެކްސްގެ އިންޖިނޭރެއްގެ އަންހެން ދަރި ކުރި ކަމަކުން، އެ އިންޖިނޭރުގެ ވަޒީފާ ގެއްލިއްޖެ އެވެ.
ގެއްލިފައިވަނީ ބްރޫކް އަމީލިޔާ ކިޔާ މީހެއްގެ ބައްޕަގެ ވަޒީފާ އެވެ. އޭނާގެ ވަޒީފާ ގެއްލުނީ މި ހަފްތާގެ ކުރީކޮޅު އަމީލިޔާ އޭނާގެ ބައްޕައާއިއެކު އެޕަލްގެ ކެމްޕަހަކަށް ގޮސް އައިފޯނު އެކްސްގެ ވީޑިއޯ ރިވިއު އެއް ރެކޯޑް ކުރުމަށްފަހު އެ ވީޑިއޯ އިންޓަނެޓުގައި އާއްމު ކުރުމުންނެވެ.
މަދު ވަގުތުކޮޅެއްގައި މި ވީޑިއޯ ވަނީ އާއްމުވެގެން ގޮސްފަ އެވެ.
އަމީލިޔާ އޭގެ ފަހުން ޕޯސްޓް ކޮށްފައިވާ ވީޑިއޯއެއްގައި، ރޮމުން ބުނެފައިވަނީ ކުރިން އާއްމު ކުރި ވީޑިއޯގެ ސަބަބުން އޭނާގެ ބައްޕަގެ ވަޒީފާ ގެއްލިފައިވާކަމަށާއި އަދި އެ ވީޑިއޯ ޑިލީޓް ކުރުމަށް އެޕަލް ކުންފުނިން އަންގާފައިވާކަމަށެވެ. އަމީލިޔާ އެ ވީޑިއޯ ޑިލީޓް ކުރި ނަމަވެސް ގިނަ ބަޔަކު ވަނީ އެ ވީޑިއޯ އަލުން ޕޯސްޓް ކޮށްފަ އެވެ.
އެޕަލް ކުންފުނިން މިކަމާއިމެދު މީޑިއާއަށް ވަކި އެއްޗެއް ބުނެފައިނުވިނަމަވެސް ޓެކް ދުނިޔޭގައި މީގެ ކުރިންވެސް މި ފަދަ ބައެއް ހާދިސާތައް ހިނގާފައި ވެ އެވެ. އޭގެ ތެރޭގައި މައިކްރޯސޮފްޓް ކުންފުނީގެ އިންޖިނޭރެއްގެ ދަރިއަކު، އެކްސް ބޮކްސް 360ގެ ފޮޓޯއެއް އިންޓަނެޓަށް ލުމުން އެ އިންޖިނޭރު ވަޒީފާއިން ވަކިކޮށްފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް