ތިބާގެ ހުންނަނީ ކޮންކަހަލަ ހަންގަނޑެއް؟

ހަންގަނޑަކީ އިންސާނާގެ ހަށިގަނޑުގެ އެންމެ ބޮޑު ގުނަވަނެވެ. ހަންގަނޑަށް ރަނގަޅަށް އަޅާލެވޭނީ ތިމާގެ ހަންގަނޑަކީ ކޮންކަހަލަ ހަންގަނޑެއްކަން އެނގިގެންނެވެ. ކޮންމެ މީހެއްގެ ހަންގަނޑަކީވެސް ތަފާތު ހަންގަނޑ...

28 Oct 2017 | 22:04

ހަންގަނޑަކީ އިންސާނާގެ ހަށިގަނޑުގެ އެންމެ ބޮޑު ގުނަވަނެވެ. ހަންގަނޑަށް ރަނގަޅަށް އަޅާލެވޭނީ ތިމާގެ ހަންގަނޑަކީ ކޮންކަހަލަ ހަންގަނޑެއްކަން އެނގިގެންނެވެ. ކޮންމެ މީހެއްގެ ހަންގަނޑަކީވެސް ތަފާތު ހަންގަނޑެކެވެ. ނަމަވެސް އާއްމުކޮށް ހަންގަނޑުގެ ވައްތަރުތަށް ބަހާލެވެނީ ހަތަރު ބަޔަކަށެވެ. އެއީ ތެޔޮ، ކުރަކި/ހިކި ހަންގަނޑު، ދެބައި އެއްވެފައިވާ ހަންގަނޑު އަދި އާދައިގެ ހަންގަނޑެވެ. މިއިން ކޮންމެ ވައްތަރެއްގެ ހަންގަނޑަކަށްވެސް އަޅާލަން ޖެހޭގޮތް ތަފާތުވާނެއެވެ.

ހަންގަނޑުގެ ބާވަތް ދެނެގަންނާނީ ކިހިނެއް؟

ވީހާވެސް ބާރު ކުޑަ، މޫނު ދޮންނަ އެއްޗަކުން މޫނު ދޮވެލާށެވެ. އަދި ތުވާއްޔަކުން ފަރުވާތެރި ކަމާއެކު ފެން ހިއްކައިލާށެވެ. ފެން ހިއްކާނީ ތުވާލި މަޑުމަޑުން މޫނުގައި ޖައްސައިގެންނެވެ. މިކަމަށްފަހު އެއްވެސް އެއްޗެއް މޫނުގައި ނުއުނގުޅާށެވެ. އަދި މޫނު ނުފޮހޭށެވެ. އެއްގަޑިއިރު ފަހުން ލޯގަނޑުން ފަރުވާތެރި ކަމާއެކު ތިމާގެ މޫނަށް ބަލައިލާށެވެ.

ހިނިތުންވެލާއިރު ނުވަތަ މޫނަށް ތަފާތު ވައްތަރު ޖައްސާއިރު ހަންގަނޑަށް ވާންކަން އިހުސާސު ވޭހެއްޔެވެ؟ އެހެންވާނަމަ ތިއީ ހިކި ހަންގަ ނޑެއްގެ ވެރިއެކެވެ. ވާންކަމުގެ އިތުރުން ހަންގަނޑު ހިކިކަން އަދި ކުރަކިކަންވެސް އިހުސާސުވާނެއެވެ. ނިއްކުރިއާއި ނޭފަތްމަތީގައި ކުޑަކޮށް ވިދުމެއް ނުވަތަ ދަޅައެޅުމެއް ހުރިނަމަ ތިބާގެ ހަންގަނޑަކީ އާދައިގެ ހަންގަނޑެކެވެ.

އަދި ނިއްކުރިއާއި ނޭފަތްމައްޗާއި. ދަތްދޮޅިއާއި، ކޮލުގައި ވިދުން ހުރިނަމަ ނުވަތަ ދަޅަ އަޅާނަމަ ތިއީ ތެޔޮ ހަންގަނޑެއްގެ ވެރިއެކެވެ. ދެބައި އެއްވެފައިވާ ހަންގަނޑެއްނަމަ، ދަތްދޮޅިއާއި، ނިއްކުރިއާއި ނޭފަތްމަތިން ދަޅައަޅާކަން ފާހަގަވެފައި ކޮލުގެ ހަންގަނޑު ވާންކަން އަދި ހިކިކަން އިހުސާސުވާނެއެވެ.

އާދައިގެ ހަންގަނޑު

އާދައިގެ ހަންގަނޑު އެހެން ވައްތަރުތަކުގެ ހަންގަނޑުތަކާއި އަޅާކިޔާނަމަ ސާފުވެފައި އޮމާވާނެއެވެ. މިފަދަ ހަންގަނޑުތަކުގައި ބިއްސާއި ލަކުނު ހުންނާނީ މަދު ފަހަރެއްގައެވެ. މިފަދަ ހަންގަނޑު ހުންނަ މޫނުގެ އޮމާންކަމުގެ ސަބަބުން މޫނުގައި އަލިކަމެއް ހުންނަހެން ހީވާނެއެވެ. އާދައިގެ ހަންގަނޑަކަށް ބޭނުންކުރަންވާނީ ވީހާވެސް ބާރުކުޑަ ސާފުކުރާ އެއްޗެކެވެ. އެހެން ނޫންނަމަ ހަންގަނޑުގެ ޤުދުރަތީ ނިޒާމަށް ބަދަލުއައިސް ހަންގަނޑުގެ ތަފާތު މައްސަލަތައް ޖެހުން ވަރަށް ގާތެވެ. އަދި ހަފްތާއަކު ދެފަހަރު ނުވަތަ ތިންފަހަރު "އެކްސްފޮލިއޭޓް" ކުރުން އެދެވިގެން ވެއެވެ. އެއީ ހަންގަނޑުގެ ތާޒާކަމާއި އުޖާލާކަށް ދެމެހެއްޓުމަށްޓަކައެވެ. އަދި ހަންގަނޑު މާބޮޑަށް ތެޔޮވުމުން ނުވަތަ މާބޮޑަށް ހިކުމުން ސަލާމަތް ކުރުމަށްޓަކައި "ލައިޓް ވެއިޓް" މޮއިސްޗުރައިޒަރ އެއް ބޭނުން ކުރާށެވެ.

ހިކި ހަންގަނޑު

މިއީ ހަންގަނޑުގައި ތެތްކަން ކުޑަވުމުގެ ނަތީޖާއެވެ. ހިކި ހަންގަނޑުގެ ވެރިންގެ ކޮލާއި ލޯކައިރީގެ ހަންގަނޑުގެ ތާޒާކަން ކުޑަވާނެއެވެ. ހަންގަނޑު މާބޮޑަށް ހިކިއްޖެނަމަ ކެހުމާއި ފަޅައިގެން ދިޔުން އެކަށީގެންވެއެވެ. ހިކި ހަންގަނޑަކީ ވާރުތަވާ އެއްޗެކެވެ. ނަމަވެސް މޫސުމާއި، އުޅޭތަނާއި، ބޭނުން ކުރެވޭ ބޭހާއި އަދި ރީތިވާ ސާމާނުގެ ސަބަބުންވެސް ހަންގަނޑު މިހެން ވުމަށް މެދުވެރިވެއެވެ. ހަމައެއާއެކު އުމުރުން ދުވަސް ވުމުގެ ސަބަބުންވެސް ހަންގަ ނޑަށް މިހެން ދިމާވެއެވެ.

މިފަދަ ހަންގަނޑަކަށް އަޅާލުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރަންޖެހެއެވެ. އެއީ، މިއީ ވަރަށް "ސެންސިޓިވް" ހަމެއްކަމުގައި ވުމުންނެވެ. މިގޮތުން ފެންވެރުމުގައި މާގިނަ އިރު ހޭދަކުރުމުން ދުރުވާން ޖެހެއެވެ. އެހެނީ ހަންގަނޑުގައި މާގިނައިރު ފެންޖެހޭނަމަ ހަންގަނޑުގައި ހުންނަ ޤުދުރަތީ ތެޔޮކަން ފިލާނެއެވެ.

މިފަދަ ހަންގަނޑަށްވެސް ބޭނުން ކުރުން އެންމެ ރަނގަޅީ ވީހާވެސް ބާރުކުޑަ ސާފު ކުރާއެއްޗެކެވެ. އަދި ހަންގަނޑު ބޮޑަށް އުނގުޅުމާއި "ސްކްރަބް" ކުރުމުން ވީހާވެސް ދުރުވުމަށް މަސައްކަތް ކުރަން ޖެހެއެވެ. އަދި ހަންގަނޑަށް ތެޔޮކަން ލިއްބައިދޭނެ ލޯޝަނެއް ނުވަތަ ކުރީމެއް ބޭނުން ކުރާށެވެ. ޚާއްސަކޮށް ތެޔޮ ނުވަތަ "ޝީ ބަޓަރ" ބޭނުންކޮށްގެން އުފައްދާފައި ހުންނަ އެއްޗެހި ބޭނުން ކުރުން ރަނގަޅެވެ.

ތެޔޮ ހަންގަނޑު

އަންހެނުންނަށް ވުރެ ގިނައިން މީގެ ހަންގަނޑު ލިބިފައިވަނީ ފިރިހެނުންނަށެވެ. މިފަދަ ހަންގަނޑުގައި ދަޅައެއް ހުރެއެވެ. އަދި ހަންގަނޑުގެ ލޯވަޅުތައް ބޮޑެއްޗެވެ. މިއީ ފަސޭހައިން ބިއްސާއި އޮށާޅަ ނަގާފަދަ ހަންގަނޑެކެވެ. އަދި ފަސޭހައިން ލަކުނު ލައެވެ. މިފަދަ ހަންގަނޑެއް ދޮވުމަށް ބޭނުން ކުރާ އެއްޗަކީ އެންމެ ބާރު ކުޑަ ނޫނަސްވެސް ހަންގަނޑަށް "ޖެންޓަލް" އެއްޗަކަށް ވާންވާނެއެވެ. އަދި ހަންގަނޑު އެކްސްފޮލިއޭޓް ކުރާށެވެ. އެންމެ ރަނގަޅީ ހަފްތާއަކު ދެފަހަރު ނުވަތަ ތިންފަހަރު އެކްސްފޮލިއޭޓު ކުރުމެވެ. ނަމަވެސް މި އަދަދު ބޮޑަށް ގުޅިފައިވަނީ އެމީހެއްގެ ހަންގަނޑުގެ ނާޒުކުކަމާއި ބޭނުން ކުރާ އެކްސްފޮލިއޭޓަރ އަކާއެވެ.

ތެޔޮ ހަންގަނޑެއް ނަމަވެސް މޮއިސްޗުރައިޒަރ ބޭނުން ކުރަންވާނެއެވެ. މިކަމަށް "ލައިޓް ވެއިޓް" ކުރީމެއް ނުވަތަ ޖެލްއެއް ބޭނުން ކުރާށެވެ.

ދެބައި އެއްވެފައިވާ ހަންގަނޑު

މިއީ ވަރަށް އާއްމު ވައްތަރުގެ ހަންގަނޑެކެވެ. މިފަދަ ހަންގަނޑަކަށްވެސް ބޭނުންވަނީ " ޖެންޓަލް" ސާފުކުރާ އެއްޗެކެވެ. އަދި ހަންގަނޑަށް ތެތްކަން ލިއްބައިދޭނެ ސެރަމްއެއް މުޅި މޫނުގައި ބޭނުންކުރުން ރަނގަޅެވެ. އަދި ލައިޓްވެއިޓް ނުވަތަ ޖެލް ލޯޝަނެއް ބޭނުން ކުރާށެވެ. އުމުރުން ދުވަސްވާ ވަރަކަށް ހަންގަނޑަށް ތަފާތު ބަދަލުތައް އަންނާނެއެވެ. ކުރިން ތެޔޮ ހަންގަނޑެއް ހުރިނަމަވެސް ފަހުން ހިކި ހަންގަނޑަކަށްވެސް ބަދަލުވެދާނެއެވެ. ވީމާ އެއްމެ ރީތިކޮށް އަދި ތާޒާކަންމަތީ ހަންގަނޑު ބެހެއްޓުމަށްޓަކައި ދޭތެރެއަކުން ތިމާގެ ހަންގަނޑަށް އެއްވެސް ބަދަލެއް އައިސްފައި ވޭތޯ ބެލުން މުހިއްމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް