އަހުމަދު އަދީބު ވަކި ކުރުމާއި ގުޅިގެން ޒުވާނުންތަކެއް ވަކިވެއްޖެކަމަށްބުނެ މީޑިއާއަކުން ފަތުރަމުންގެންދާ ހަބަރަކީ އެއްވެސް ހަގީގަތެއްނެތް ދޮގު ވާހަކަތަކެއް ކަމަށް ޕީޕީއެމުން ބުނެފި އެވެ.
އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަދީބު ޕީޕީއެމުން ވަކި ކުރުމާއި ގުޅިގެން ޕާޓީން ވަކިވުމަށް އެދި އެއްވެސް ފަރާތަކުން ސިޓީ ހުށަހަޅުއްވާފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް ޕާޓީގެ އަސާސްތަކާ ހިލާފުވެ ޕާޓީގެ ވިސްނުމާއި ފިކުރާ ދެކޮޅަށް ވަކާލާތުކޮށް އެގޮތަށް އަމަލު ކުރަމުންގެންދާ ފަރާތްތަކާމެދު ޕާޓީގެ ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާ ޕާޓީން ވަކި ކުރަންޖެހޭ ހާލަތްތަކުގައި އެ ފަރާތްތައް ޕާޓީން ވަކި ކުރާނެ ކަމަށެވެ.
އަދި އެފަދަ މެމްބަރުންގެ މައްސަލަތައް މިހާރުވެސް ޕާޓީގެ ސުލޫކީ ކޮމިޓީން ބަލަމުން ގެންދާ ކަމަށާއި އަދި އެފަދަ ނިންމުމެއްގެ ސަބަބުން ޕާޓީގެ އެއްބައިވަންތަކަށާއި، ޕާޓީއަށް ލިބެމުންދާ ތަރުހީބަކަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށާއި އަދި ޕާޓީގެ މެމްބަރުންނަކީ، އުސޫލުތަކެއްގެ މަތީ ދެމިތިބޭ، ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާބައެއް ކަމަށްވެސް އެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޕާޓީގެ މެމްބަރުކަމުން އަހުމަދު އަދީބު ވަކިކުރި ފަހުންވެސް ޕާޓީއާއި ގުޅުމުގެ ޝައުގުވެރިކަން އެތައް ޒުވާނުންނެއް ފާޅުކޮށްފައިވާކަމަށާއި އަދި އެތައް ޒުވާނުންނެއް ޕާޓީއަށް ސޮއިކޮށްފައިވާކަމަށެވެ. އެހެންކަމުން މީޑިއާތަކުން ހަބަރާއި މައުލޫމާތު ގެނެސްދެއްވުމުގައި، ޒިންމާދާރުކަމާއެކު، ވަކި އަތަކަށް ބުރަވުމެއްނެތި ޒާތީ ތައައްސުބެއްނެތި ހަބަރާއި މައުލޫމާތު ހާމަކުރައްވަމުން ގެންދެވުމަށް އިލްތިމާސްކުރާ ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް