މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި ވަގަށްނަގާފައިވާ ގިނައަދަދެއްގެ ވަކިލާރިތަކަކާއެކު މީހަކު މ.މުލަކުން ހައްޔަރުކޮށްފި އެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ މި މީހާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ މުލަކު ގެއަކުން ގިނައަދަދެއްގެ ވަކިލާރިތަކެއް ވަގަށްނަގާފައިވާކަމުގެ މައުލޫމާތު މުލަކު ޕޮލިސް ސްޓޭޝަނަށް ލިބުމާއި ގުޅިގެން ފުލުހުން ކުރަމުންދިޔަ މަސައްކަތުން މި އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުގެ 14:40 ހާއިރު ކަމަށެވެ.
މި މީހާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސް އޭނާގެ ހަށިގަނޑާއި އޭނާ އުޅެމުންދާ ގެ ބަލައިފާސްކުރިއިރު ވަގަށްނަގާފައިވާ ގިނައަދަދެއްގެ ވަކިލާރިތަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި ބަންގުރާ ހުސްކުރި ފުޅިއެއްގެ އިތުރުން 2 ސިރިންޖެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލާގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މ.މުލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަހައްޓައިގެން ތަހުޤީގް ކުރިޔަށް ގެންދިޔުމަށް ފަސް ދުވަހުގެ މުއްދަތެއް ދީފައި ވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް