ނިޔާވެފައިވާ ވިޔަފާރިވެރިޔާ ހއ. ހޯރަފުށީ ހާޝިމް މުހައްމަދުގެ ވިޔަފާރި، އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ސަލްމާން މިސްކިތުގެ އިމާމް ޢަބްދުލް ޖަލީލު އިސްމާއިލް ވެރިކޮށްލައިގެން އުޅޭ ކަމަށް ބުނާ މައްސަލައިގާ ކޯޓަށް ދާން ފުލުހުން އިރުޝާދު ދީފިއެވެ.
ޖަލީލަށް ޕަބްލިކް މީޑިއާ އަދި ސޯޝަލް މީޑިއާގައި، ފޯޖަރީ އާއި ނުހައްގު މުދަލާއި ވިޔަފާރި ފޭރިގަނެގެން އުޅޭކަމަށް ގިނަ ތުހުމަތުތަކެއް ކުރަމުން އަންނައިރު މިއަދު ފުލުހުންގެ މީޑިއާ ގްރޫޕްގައި، ރިވާޔާ ނޫހުގެ ނޫސްވެރިޔާ އާއިދާ އަބްދުލްހަކީމް ކުރި ސުވާލަކަށް ޖަވާބުދެމުން ފުލުހުން ބުނެފައިވަނީ ފޯޖަރީގެ މައްސަލައެއް މި މަހުގެ 19 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
"ފިހާރައެއްގެ ތެރޭގައި ދެ ފަރާތުގެ މެދުގައި ހިނގި ހިތްހަމަނުޖެހުމުގެ މައްސަލަ ސެޕްޓެމްބަރ 23 ވަނަ ދުވަހު ރިޕޯޓްކޮށްފައިވޭ، މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން" ފުލުހުން ބުނެފައިވެއެވެ.
އިތުރަށް ފުލުހުން ބުނެފައިވަނީ މުދަލާއިގޯތި ގެދޮރުގެ މައްސަލަ ސިވިލް ކޯޓު މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ދެ ފަރާތަށްވެސް ފުލުހުން ވާނީ އިރުޝާދު ދީފައިކަމަށެވެ.
މީގެ ދެ އަހަރުކުރިން ހާޝިމް ނިޔާވެފައި އޮއްވާ ފެނުނީ ޝައްކު ކުރެވޭފަދަ ގޮތަކަށްކަމުގައިވާތީ އޭރު އެކަން ތަހުގީގުވެސް ކުރަން ފެށިއެވެ. އެހެންނަމަވެސް ފަހުން އެ މައްސަލަ ފައިލްކުރިއެވެ.
ޖަލީލަށް ކުރަމުން އަންނަ ތުހުމަތުތަކަކީ ހާޝިމްގެ ވިޔަފާރިތަކަށް އަތްގަދަކޮށްފައިވާ ކަމުގެ ތުހުމަތުތަކެވެ. ހާޝިމްގެ ވިޔަފާރިތައް ޖަލީލްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއްގެ ދަށަށް ބަދަލުކޮށްފައިވާކަމުގެ ތުހުމަތެވެ.
އެކަންކަން އެގޮތަށް ކުރުމަށް ހާޝިމްގެ ދަރިފުޅުގެ ސޮއި ފޯޖުކޮށް ލިޔެކިޔުން ތައްޔާރު ކުރިކަމުގެ ތުހުމަތުވެސް ޖަލީލަށް ލޯކަލް، ސޯޝަލް މީޑިއާގައި އަދި ހާޝިމްގެ އާއިލާއިން ކުރަމުންގެންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް