ސިފްކޯ ހިޔާއަށް އިތުރުކުރި 30 ފްލެޓް ދޭނެ ފަރާތްތަކުގެ ލިސްޓަށް ބަދަލުގެނެސް މިހާރު ފްލެޓް ދެނީ އެންމެ 10 ފަރާތަށް ކަމަށްބުނެ ގެނެސްދީފައިވަނީ ހަގީގަތާއި ހިލާފު ދޮގު ހަބަރެއްކަމުގައި އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން މިހެން ބުނެފައިވަނި މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ 29 ސެޕްޓެމްބަރު 2023 ވަނަ ދުވަހު "ދިޔަރެސް" ނޫހުގައި ގެނެސްދީފައިވާ ހަބަރުގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ގާތްވެފައިވަނިކޮށް ސިފްކޯ ހިޔާއަށް އިތުރުކުރި 30 ފްލެޓް ދޭނެ ފަރާތްތައް ކަނޑައަޅާފައިވަނީ ރިޔާސީ އިންތިހާބުގެ މާ ކުރިން މި ފްލެޓްތައް ދޭނެ ފަރާތްތައް ކަނޑައެޅުމަށް އެކުލަވާލެވުނު ކޮމިޓީގެ ރެކޮމެންޑޭޝަންތަކާ އެއްގޮތަށްކަމުގައި ދަންނަވާކަމަށެވެ.
"އެ ފަރާތްތަކަށް ލިބިފައިވާ މާކްސްތަކާއެކު 24 ޖުލައި 2023 ގައި ސިފައިންގެ މަރުކަޒުގައި އިއުލާނުވެސް ކުރެވިފައިވާނެ" އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެމްއެންޑީއެފުން އިތުރަށް ބުނެފައިވަނީ ގައުމީ ދިފާއީ ބާރުގެ އެކިކަންކަމާއި ގުޅިވައިގެން ކަންކަމުގެ ހަގީގަތް އޮޅުވާލައި، އެ މުއްސަސަސާގެ ނަން ކިލަނބުކޮށްލުމަށް ފަތުރަމުންދާ ހަގީގަތާއި ހިލާފު ދޮގު ވާހަކަތައް ހުއްޓާލުމަށް ތަކުރާރުކޮށް އިލްތިމާސް ކުރާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް