މުޖުތަމަޢުގެ އަމަށް އަމާންކަމާއި، ހަމަޖެހުން ދެމި އޮތުމަށްޓަކައި، އަހަރެމެންގެ މައްޗަށް އިސްކުރެވިފައިވާ ވެރިން، ދީނާ ޚިލާފަށް، އަމުރު ނުކުރާހައި ހިނދަކު، އެބައިމީހުންނަށް ކިޔަމަށް ގަތުން ވަނީ ވާޖިބު ކުރައްވާފައިކަމެއްކަން ހާމަކޮށްދެމުން މިއަދުގެ ޚުޠުބާ "އަމަން އަމާންކަމުގެ ނިޢުމަތް" ހާއްސަ ކޮށްފިއެވެ.
މިއަދުގެ ޚުޠުބާ އިން ބުނާ ގޮތުގައި އިސްލާމް ދީނަކީ ހުރިހާ ތަނަކަށާއި ހުރިހާ ޒަމާނަކަށް ކަމުދާ ގޮތުގައި، ﷲ ގެ އަޅުންނަށްޓަކައި ފުރިހަމަ ކުރައްވައި، ރުހިވޮޑީގެންފައިވާ ދިރި އުޅުުމުގެ ނިޒާމެވެ. އަދި މި ނިޒާމުގައި އެންމެ އިސްކަމެއް ދެވިފައިވާ އެއްކަމަކީ، އަމަން އަމާންކަމެއް ކަމަށް ޚުޠުބާ އިން ބުނެއެވެ.
އެހެންކަމުން ﷲ، އެކަލާނގެއަށް ބިރުވެތިވެ، ދޭދޭ ގުޅުންތައް ރަނގަޅު ކުރުމަށް އަމުރު ކުރެއްވިކަމަށް ޚުޠުބާ އިން ބުނެފައިވެއެވެ. އަދި ކޮންމެ މުޖުތަމައަކަށް ވެސް އުޖާލާ މުސްތަޤުބަލެއް ލިބުން އޮތީ، އެބައެއްގެ މެދުގައި އޮންނަ އަމަން އަމާންކަމާއި، ހަަމަޖެހުމުގެ މަށްޗަށް ކަމަށްވެސް ބުނެއެވެ.
ﷲ ދެއްވާފައިވާ ނިޣުމަތްތަކުގެ ތެރެއިން، އަމަށް އަމާންކަމާއި، ހަމަޖެހުމާ މުލައި، ޙަޔާތުގެ އެއްވެސް އުފަލެއް އިހުސާސެއް ނުކުރެވޭނެ ކަމަށް ޚޫޠުބާ އިން ބުނެއެވެ. އެއީ ކެއިން ބުއިމަށްވުރެ ވެސް މުހިއްމު ކަމެއް ކަމަށް ވެސް ބުނެއެވެ.
އެގޮތުން އިބްރާހިމްގެފާނުގެ އަހުލުވެރިންނާއި، ޤައުމަށްޓަކައި، ﷲ ގެ ހަޟްރަތުން އިސްވެ އެދިވަޑައިގަތީ، އަމަށް އަމާންކަމާއި ހަމަޖެހުމަށް ކަން ޚުޠުބާ އިން ބުނެފައިވެއެވެ.
ހަމައެފަދައިން، މުޖުތަމަޢުގެ އަމަށް އަމާންކަމާއި، ހަމަޖެހުން ދެމި އޮތުމަށްޓަކައި، އަހަރެމެންގެ މައްޗަށް އިސްކުރެވިފައިވާ ވެރިން، ދީނާ ޚިލާފަށް، އަމުރު ނުކުރާހައި ހިނދަކު، އެބައިމީހުންނަށް ކިޔަމަށް ގަތުން ވަނީ ވާޖިބު ކުރައްވާފައި ކަމަށް ޚުޠުބާ އިން ހާމަކޮށްފައިވެއެވެ.
މުޖުތަމަޢުގެ އަމަން އަމާންކަމާއި، ހަމަޖެހުމަކީ، މާތްވެގެންވާ އިސްލާމްދީނުގައި، ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވާ ކަމެކެވެ. އެހެންކަމުން އެކި ނަންނަމުގައި ޖަމާޢަތްތަށް ހަދައި، ވައްކަންކުރުމާއި، މީހުންގެ މުދާ ފޭރުމާއި، މީހުންނަސް އަނިޔާކުރުމާއި، އެކި ގޮތްގޮތުން އިންޒާރުދި ބިރުދެއްކުމަކީ މުޖުތަމަޢުގެ އަމަން އަމާންކަން ގެއްލޭ ކަމެއް ކަމަށް ޚުޠުބާ އިން އަލިއަޅުވާލައިފައިވެއެވެ.
އަދި މިފަދަ ކަންކަމަކީ އެކަންކަމަށ ބޮޑެތި ޢުޤޫބާތްތައް ކަނޑައެޅިފައިވާ ކުށްތައް ކަމަށްވެސް ބުނެއެވެ.
ޚުޠުބާ އިން ބުނެފައިވާ ގޮތުގައި މިއަދު އަހަރެމެން ހަނދާންކުރަންޖެހޭ އެއްކަމަކީ، ﷲ ގެ ދަރުމަވަންތަވެރިކަމުން، އަހަރެމެން ދިވެހިންނަކީ، މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިންކަމުގައި ވީކަމެވެ. އިސްލާމް ދީނަކީ އަމަށް އަމާންކަމާއި ސުލްހަވެރިކަމުގެ ދީނެއްކަމަށް ޚުޠުބާ އިން ފާހަގަކުރައްވައެވެ.
އަދި އަހަރެމެން ތަބާވާންޖެހެނީ، އިލާހީ މަންހަޖަށް ކަމަށް ޚުޠުބާ އިން ބުނެއެވެ. މި މަންހަޖުގައި ވަނީ، އަހަރެމެން އެކަތިގަނޑަކަށްވެ، އަމާންކަމާއި ހަމަޖެހުމަށް އިސްކަންދިނުމަށް ގޮވާލައްވާފައެވެ. މި މަތިވެރި މަންހަޖާ އަހަރެމެން ދުރު ކުރުމަށް، ދީނުގެ އަޛުއްވުން ކުރަމުންދާ ހަނގުރާމައިން ސަލާމަތްވެ ރައްކާތެރިވުމަށް ޚުޠުބާ އިން ބުނެއެވެ. އަދި ދީނުގެ އަޛުއްވުން ބޭނުންވަނީ، އަހަރެމެން މުސްލިމުން ބައިބަކޮށް، އަހަރެމެންގެ ސަފުތައް ރޫޅާލާލުމަށް ވެސް ޚުޠުބާ އިން ބުނެއެވެ.
މީގެ އިތުރަށް، ޤައުމާއި މުޖުތަމަޢުގެ އަމަން އަމާންކަމާއި ހަމަޖެހުން ދެމެހެއްޓުމަކީ، ޤައުމުގެ ކޮންެމެ މުއާޠިނެއްގެ ޒިންމާއެެއް ކަމަށް ޚުޠުބާ އިން ބުނެއެވެ. އެގޮތުން އެކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި ކުރަންޖެހޭ ކަންތައްތައް ގިނަގުނަ ކަމަށް ޚުޠުބާ އިން ބުނެފައިވެއެވެ.
އޭގެ ތެރެއިން އެންމެ އިސްކަމެއް ދޭންޖެހޭ އެއްކަމަކީ، ޙިޔާލު ތަފާތުވުމުގެ ސަބަބުން އުފެދިފައިވާ ނުތަނަވަސްކަން ދޫކޮށް އަޚުވަންތަކަމާއި، އެކުވެރިކަން އާލާކޮށް، ސުލްހަވެރިކަން އިސްކުރުން ކަމަށް ޚުޠުބާ އިން ފާހަގަކުރައްވައެވެ. އަމަން އަމާންކަމާއި ހަމަޖެހުމަކީ ، އަހަރެމެންގެ މެދުގައި އޮންނަ ލޯތްބާއި، އެކުވެރިކަމާޢި، އަޅާކުމުގެ ނަތީޖާއެއް ކަމަށް ޚުޠުބާ އިން ބުނެއެވެ.
ހަމައެއާއެކު މުޖުތަމަޢުގެ އަމަން އަމާންކަމާއި، ހަމަޖެހުން ދެމެހެއްޓުމަށް ކުރަންވީ އަނެއްކަމަކީ، ހެޔޮކަންތައް ގިނަކޮށް ނުބައިކަންތަކާ ދުރުހެލިވުން ކަމަށް ޚުޠުބާ އިން ބުނެއެވެ.
ޚުޠުބާ އިން ބުނީ ފާފަތަކަށް އަރައިގަތުމަކީ ނުބައިކަން ފެތުރި، އަމަން އަމާންކަމާއި ހަމަޖެހުން ނެތިދާ ކަމެއް ކަމެވެ. އަދި ހެޔޮ ޢަމަލު ކުރުމަކީ، ދެދުނިޔޭގެ ބާއްޖަވެރިކަމާއި، ހަމަޖެހުން ލިބޭނެ ކަމެއް ކަމަށްވެސް ޚުޠުބާ އިން ބުނެފައިވެއެވެ.
ހަމަޖެހުމާއި އަމަން އަމާންކަން ތަނެއްގައި އޮންނާނީ އެ ތަނެއްގައި ދިރިއުޅޭ މީހުންގެ ތެރެއިން އިޖްތިމާޢީ ބަލިތައް ފުހެލެވިގެން ކަމަށް ޚުޠުބާ އިން ބުނެއެވެ. އަދި ދުލުގެ އާފާތްތަކުން އެ މީހުން ސަލާމަތް ވެގެންކަމަށް ވެސް ޚުޠުބާ އިން ފާޙަގަކުރައްވާފައިވެއެވެ.
ހަމައެފަދައިން ފުރައްސާރަ ކުރުމާއި، ނެތިމޮށުމާއި، ދެބައޮޑުވުމާއި، މަލާމާތްކުރުން ފަދަ ހުތުރު ޢަމަލުތަކާ ދުރުލެހިވެގެން ކަމަށ ޚުޠުބާ އިން ބުނެއެވެ. އަދި އިސްލާމް ދީން އައިސްފައިވަނީ މި ފަދަ އާފަތްތަކުން މީސްތަކުން ސަލާމަތް ކުރުމަށް ކަމަށް ޚުޠުބާ އިން ހާމާކުރައްވާއިވެއެވެ.
އެގޮތުން ތަނުގައި ހަމަޖެހުން އޮންނާނ، މީޑީޔާގެ ދައުރު ޒިއްމާދާރުކަމާއެކު އަދާކޮށްގެން ކަމަށް ޚުޠުބާ އިން ބުނެފައިވެއެވެ. އަދި މީޑީޔާ ވާން ޖެހޭނީ ތެދުވެރި ބިނާކުރަނިވި ބާރަކަށް ކަމަށް ޙުޠުބާ އިން ބުނެއެވެ. އަދި މީސްތަކުންނަށް ޙަޤީޤަތް ބަޔާންކޮށްދޭ، ﷲ އަށް ބިރުވެރިވާ ފަރާތަކަށް ކަމަށްވެސްމެއެވެ.
އެއީ ދޮގު ޙަބަރުތައް ފަތުރައި، މީހުންގެ ހިތްތަކަށް ބިރުވެރިކަން ވައްދާ ވަސީލަތަކަށް ވެގެން ނުވާނެ ކަމަށް ޚުޠުބާ އިން ބުނެއެވެ.
ޙަބަތުރައް ފެތުރުމުގައި ޢާއްމު ރައްޔިތުންގެ ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއްވެސް ހުންނަކަމަށް ޚުޠުބާ އިން ބުނެއެވެ. އަދި ތެދު ގޮތު ނުބަލައި މީހަކު ފަތުރާ ކޮންމެ ވާހަކައެއް ނުވަތަ ޙަބަރެއް އިތުރަށް ފަތުރާ ބަަޔަކަށް އަހަރެމެން ވެގެން ނުވާނެ ކަމަށް ޙުޠުބާ އިން ބުނެފައިވެއެވެ.
ރަނގަޅު ރައުޔެއް ދެވޭނީ އެކަމުގެ ތަޖްރިބާ ކާރުންކަމަށާއި ކޮންމެ ޓްވީޓަކަށް ޖަވާބުދޭ މީހަކަށް ނުވުމަށް ޚުޠުބާ އިން ބުނެއެވެ. މިފަދަ ޓްވީޓްތަކާއި، ވައިބަރު ޗެޓްތަކާއި، ފޭސްބުކްގެ ލައިކްތަކުގެ ސަބަބުން މުޖްތަމަޢުގައި ހަމަނުޖެހުންތައް ހިނގަމުންދާތަން ފެނޭ ކަމަށް ޚުޠުބާ އިން ހާމަކުރައްވާފައިވެއެވެ.
މީސްތަކުންގެ ހިތްތަކުގައި ނަފްތަރާއި ނުރުހުން އުފެދޭތަން އަންނަ ކަމަށާއި މިއީ މުއުމިނުންގެ ސިފެއް ނޫންކަމަށް ޚުޠުބާ އިން ބުނެފައިވެއެވެ. އަދި މުއުމިނުންގެ ސިފައަކަށްވާން ޖެހޭނީ އެހެން މީހުންނަސް އުފާވެރިކަން ގެނެސްދިނުން ކަމަށް ޙުޠުބާ އިން ބުނެއެވެ.
އަދި މުއުމިނުންނަކީ ނޫސްވެރިން ކަމުގައި ވިޔަސް ނުވަތަ އެހެން މަސައްކަތެއް ކުރާ މީހަކުކަމުގައި ވިޔަސް، ފައިދާއެއް ނެތް ޢަމަލުތަކާ ދުރުލެލިވާ ބަޔެއް ކަމަށް މިއަދުގެ ޚުޠުބާ އިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް