ސަލީމް ދިއުމުން އުމަރަށް ލިބުނީ ކުއްލި ސިހުމެއް

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ރަނިންމޭޓް އަހުމަދު ސަލީމް (މާޒް ސަލީމް) ، ދެވަނަ ބުރުގައި އެމްޑީޕީގެ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސ...

29 Sep 2023 | 06:14

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ރަނިންމޭޓް އަހުމަދު ސަލީމް (މާޒް ސަލީމް) ، ދެވަނަ ބުރުގައި އެމްޑީޕީގެ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން ނިންމެވި އަޑު އިވުމުން ކުއްލި ސިހުމެއް ލިބިވަޑައިގެންނެވި ކަމަށް އުމަރު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހަށް ތާއީދު ކުރާކަން ސަލީމް އިއުލާނު ކުރެއްވީ އިއްޔެއެވެ.

އެކަމާ ގުޅިގެން އުމަރު އާއްމު ކުރައްވާފައިވާ ވީޑިއޯއެއްގައި ވިދާޅުވީ، ސަލީމް އެމްޑީޕީގެ ޕޯޑިއަމް އަކުން ފެނުމުން ވަރަށް ހައިރާންވި ކަމަށެވެ.  އަދި ވަކިން ހާއްސަކޮށް، އިންޑިޔާ ސިފައިން ރާއްޖޭގައި ނެތް ކަމަށް ދޭހަވާ ގޮތަށް ސަލީމް ވާހަކަ ދައްކަވާފައި ވާތީ އިތުރު ހައިރާންކަމެއް ގެނުވި ކަމަށް އުމަރު ވިދާޅުވިއެވެ.

"ހުދު ސަލީމަކީ އަޅުގަނޑާއެކުގަ މަގުމަތީގަ ޕިކަޕުތަކަށް އަރައިގެން، އަޑުގަދަކުރާއިން އިންޑިޔާ ސިފައިން ބާލަން  ގޮވަމުން ދިޔަ މީހެއް. މިއަދު އެހެން ޕޯޑިއަމްއަކަށް އަރާ އެހެން ގޮތަކަށް ވާހަކަދެއްކީމަ އަޅުގަނޑު މުޅިން ހައިރާންވެއްޖެ" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ، ދިވެހިރާއްޖޭގައި އިންޑިޔާ ސިފައިން ތިބިކަމީ އެންމެންނަށްވެސް އެނގޭ ކަމެއް ކަމަށެވެ. އަދި ހަގީގަތެއް ކަމަށެވެ. އެހެންކަމުން އެމީހުން ރާއްޖެއިން ބާލަން ޖެހޭ ކަމަށް އުމަރު ވިދާޅުވިއެވެ.

ރާއްޖެއިން އިންޑިޔާ ސިފައިން ބޭލުމުގެ މަސައްކަތަކީ އުމަރު ފެއްޓެވި މަސައްކަތެއްކަން ފާހަގަ ކުރައްވައި އުމަރު ވިދާޅުވީ، އަބަދުވެސް އެ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށެވެ. އަދި އާއްމުންވެސް އެ މަސައްކަތުގައި ދެމިތިބުމަށް އުމަރު ގޮވާލިއެވެ. ސަބަބަކީ އެއީ ގައުމަށް އޮތް ނުރައްކަމެއް ކަމަށް އުމަރު ވިދާޅުވިއެވެ.

މީގެ އިތުރުން އުމަރު ވިދާޅުވީ، އެކުގައި މަސައްކަތް ކުރި މީހަކު ކޮޅު ބަދަލުކޮށް، އެހެން ފަރާތަކަށް ދިއުމަކީ އުމަރު ޒިންމާވާން ޖެހޭ ކަމެއް ނޫން ކަމަށާއި އެއީ އެމީހެއްގެ އަމިއްލަ ކަމެއް ކަމަށެވެ.

ސަލީމް ރައީސް ސޯލިހަށް ތާއީދު ކުރަން ނިންމެވުމާއެކު އުމަރު ވިދާޅުވެފައި ވަނީ އުމަރަށްވެސް އެކަން އެނގިވަޑައިގަތީ އެ ވާހަކަ ނޫސްތަކަށް ތިލަވުމުން ކަމަށެވެ. އެ ވާހަކަ ނޫސްތަކަށް އެރުމާއެކު އެކި ފަރާތްތަކުން އުމަރަށްވެސް މެސެޖު ކުރަން ފެށިއެވެ. އަދި އެއީ ހަގީގަތެއްތޯއާއި އެއީ ކިހިނެތް ވީ ކަމެއްތޯ އަހަން ފެށިއެވެ.

ޖަވާބުގައި އުމަރު ވިދާޅުވެފައި ވަނީ، ސަލީމް އެގޮތަށް ނިންމެވީ ކީއްވެކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެގޮތަށް ނިންމުމުގެ ކުރިން އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވާފައި ނުވާކަމަށް އުމަރު ވިދާޅުވިއެވެ.

“އަޅުގަޑުގެ ރަނިންގްމޭޓް އަހުމަދު ސަލީމް އެމް،ޑީ،ޕީ ކެންޑިޑޭޓް އަށް ތާއީދު ކުރައްވަން ނިންމެވި ނިންމެވުން އެއީ އެބޭފުޅާގެ އަމިއްލަފުޅު ނިންމެވުމެއް. އަޅުގަޑުކުރެން ލަފަޔަކަށް އެދުނު ނަމަ، ވަކިކޮޅަކަށް ނޭރުމަށް ލަފާ އެރުވީމު” އުމަރު ވިދާޅުވިއެވެ.

މީގެއިތުރުން އުމަރު ވިދާޅުވީ، އެކުގައި މަސައްކަތް ކުރެއްވި ކޮންމެބޭފުޅަކީވެސް އަމިއްލަ މިނިވަން ބޭފުޅުން ކަމަށާއި އެ ބޭފުޅުންނަށް އަމިއްލަ ނިންމުން ނިންމެވޭނެ ކަމަށެވެ. އަދި ބޭފުޅުން ކޮންމެ ނިންމެވުމެއް ނިންމެވިޔަސް އެކުވެރިކަމާއި ގާތްކަން އޮންނާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

ފުރަތަމަ ބުރުގެ ނާކާމިޔާބީ އަށްފަހު އުމަރު ނިންމެވީ އެއްވެސް ކެނޑިޑޭޓެއްގެ ފަހަތަށް ނޭރުމަށެވެ. އަދި އުމަރު ވަނީ 2028 ގެ އިންތިހާބަށް ކެމްޕޭން ކުރަން ފަށާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް