ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މާދަމާ ފެށޭއިރު، ވެރިކަން ކުރާ އެމްޑީޕީ ކޯލިޝަނުން ވަކިވެ، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލިއަންސް (އެމްޑީއޭ)އިން އިދިކޮޅު ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާއިދު ކުރާކަން ހާމަކުރީ މިދިޔަ ބުދަ ދުވަހުއެވެ.
އެގޮތަށް އެ ޕާޓީން ނިންމާފައިވަނީ އެ ޕާޓީން ބޭއްވި ކައުންސިލް ބައްދަލުވުމެއްގައެވެ.
ޕާޓީގެ ރައީސް އަހްމަދު ޝިޔާމް މުހައްމަދުވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި ކައުންސިލްގެ 34 މެންބަރުން ބައިވެރިވިއިރު އެ ނިންމުން ނިންމާފައިވަނީ ކައުންސިލްގެ 33 މެންބަރުންގެ ސާފު އަގުލަބިއްޔަތުންނެވެ.
އޭގެ ފަހުން ޕީޕިއެމްއިން ވަނީ ނޫސްބަޔާނެއް ނެރި، އެމްޑީއޭއަށް މަރުހަބާ ކިޔާފައެވެ.
ނަމަވެސް އޭގެ ފަހުން 48 ގަޑިއިރަށްވުރެ ގިނައިރު ވެގެން ދިޔައިރު، އަދި ޕީޕީއެމްގެ އެތައް ހަރަކާތެއް ކުރިއަށް ގެންދިޔައިރުވެސް އޭގެ ތެރެއިން އެމްޑީއޭ ފެނިފައެއް ނުވެއެވެ. އެއްވެސް ޖަލްސާއެއްގައިވެސް އެމްޑީއޭގެ އެއްވެސް މެމްބަރަކު ބައިވެރިވެފައި ވާތަނެއް ނުފެނެއެވެ.
ކެމްޕޭން ނިންމުމަށްޓަކައި ޕީޕިއެމް ކޯލިޝަނުން ވަނީ މިއަދު ހަވިހިރު ހިނގާލުމެއް ބޭއްވުމަށް ނިންމާފައެވެ. އެ ހިނގާލުން އޮންނާނެ ކަމަށް އިއުލާނު ކުރި ޕޯސްޓަރުގައިވެސް ޕީޕީއެމް/ޕީއެންސީގެ އިތުރުން ދެން ޖަހާފައި ވަނީ އެމްއެންޕީގެ ލޯގޯއެވެ. އެމްޑީއޭގެ ލޯގޯއެއް ހިމަނާފައެއް ނުވެއެވެ.
ޕީޕީއެމްގެ އެއްވެސް ހަރަކާތެއްގައި ރަސްމީކޮށް އެމްޑީއޭ ބައިވެރި ކޮށްފައެއް ނުވެއެވެ. ހަމައެކަނި މަރުހަބާ ކިޔާލީއެވެ. އެހެންކަމުން ޕީޕިއެމް ކޯލިޝަނުގައި އެމްޑީއޭއިން ބައިވެރި ނުކުރީކަމަށް ގިނަ ބަޔަކު ބުނަމުންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް