ގެދޮރުވެރިކަމުގެ މަޝްރޫއުގައި ތަފާތު ކުރުމެއް ނުގެންގުޅޭނަން: ޑރ. މުއިއްޒު

ގެދޮރުވެރިކަމުގެ މަޝްރޫއުގައި ތަފާތު ކުރުމެއް ނުގެންގުޅޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މުއިއްޒު މިހެން ވިދާޅުވީ، އިއްޔެ އެމްޕީއެލް ސަރަހައްދުގައި ރައްޔ...

28 Sep 2023 | 20:00

ގެދޮރުވެރިކަމުގެ މަޝްރޫއުގައި ތަފާތު ކުރުމެއް ނުގެންގުޅޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ، އިއްޔެ އެމްޕީއެލް ސަރަހައްދުގައި ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މުއިއްޒު ވިދާޅުވީ، ވަގުތުގެ ދަތިކަމާއެކު، އެމްޕީއެލް ސަރަހައްދުގައި މަސައްކަތް ކުރާ މީހުންނާ ބައްދަލު ކުރަން ދެވުނީ ވަރަށް ކުއްލި ގޮތަކަށް ކަމަށެވެ. ނަމަވެސް އެތަނުގައި މަސައްކަތްކުރާ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ދާއިމީ ހައްލެއް ގެނެސްދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހުރިހާ ރައްޔިތުންނަކީ ވެސް އަމިއްލަ ފައިމައްޗަށް ތެދުވެވޭ ފުދުންތެރި ބަޔަކަށް ހަދާނެކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ، ގެދޮރުވެރިކަން ޔަގީންކުރުމަށް ހިންގާ މަޝްރޫޢުގައި އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ކަށަވަރުކޮށްދޭނެ ކަމަށެވެ.

މީގެ އިތުރުން، މަސައްކަތުގެ މާހައުލާއި އިމާރާތުގެ ފެންވަރު ރަނގަޅު ކޮށްދީ، ޕާކިންގް ގެ މައްސަލައަށް ހައްލެއް ހޯދައިދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ދައްކަވާ ވާހަކަތަކަށް އެކި ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންވެސް އިތުބާރު ކުރައްވާނެކަން ޔަގީން ކުރައްވާ ކަމަށެވެ. އަދި މާލޭގައި ވިޔަސް ރަށެއްގައި ވިޔަސް ސިޔާސީ މަޤާމްތަކުން ފިޔަވައި އެހެން އެއްވެސް ވަޒީފާއަކުން މީހަކު ވަކި ނުކުރާނެ ކަމަށެވެ.

މަސައްކަތުގެ މާހައުލަށް ގެންނަންޖެހޭ ހެޔޮ ބަދަލުތައް ގެނެސް އިތުރު ވަޒީފާތައް އުފައްދާ އާމްދަނީ އިތުރުވާނެ ގޮތް ހަމަޖައްސައިދޭނެ ކަމަށާއި ރައްޔިތުން ފުދުންތެރިކުރެވޭނީ އާމްދަނީ އިތުރުކުރެވޭނެ ގޮތް ހޯދައިދީގެން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް