ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވޭ ގޮތް ބަދަލުކުރަން ގާނޫނުއަސާސީ އިސްލާހު ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.
އެޓަރނީ ޖެނެރަލް ގެ އޮފީހުން މިކަން ހާމަކުރައްވާ ނެރުއްވި ބަޔާނެއްގައި ވަނީ ޖޭއެސްސީ މިނިވަންކުރުމަށްޓަކައި ބައިނަލްއަގްވާމީ ހަމަތަކާ އެއްގޮތަށް ގާނޫނުއަސާސީ އިސްލާހުކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގައި ހުށަހަޅާނެ ކަމަށެވެ.
އެ ބިލަށް ޚިޔާލު ހޯދުމަށްޓަކައި ސުޕްރީމް ކޯޓާއި ހައި ކޯޓާއި ދަށު ކޯޓުތަކާއި ޖޭއެސްސީ އަދި ކަމާބެހޭ އެހެން ފަރާތްތަކާ ވެސް ބައްދަލުކުރާނެ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލު ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދަކަށްވާއިރު، މިހައިތަަނަށް އައި އިރުވެސް އެ މަސައްކަތް ލަސްވެފައިވާތީ ގިނަބައެއްގެ ފާޑުކިޔުންތަކެއް ވެސް ވަނީ އަމާޒުވެފަ އެވެ.
ޖޭއެސްސީގައި މިހާރު ތިއްބަވަނީ 10 މެމްބަރުން ނެވެ. އޭގެ ތެރެއިން ހަ މެމްބަރުންނަކީ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެމްބަރުން ނެވެ.
އެހެންވުމުން ޖޭއެސްސީގެ ތެރެއަށް ސިޔާސީ ނުފޫޒު ވަންނަކަމުގެ ޝަކުވާ އަކީ އަބަދު ވެސް ގަދަވެފައިވާ ޝަކުވާއެކެވެ.
ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލުކުރުމަށް އިދިކޮޅުން މީގެ ކުރިން އެކި ފަހަރުމަތިން ވަނީ ރައްޔިތުންގެ މަޖިލީހަށް ވަނީ ބިލް ހުށަހަޅާފަ އެވެ. އެހެންނަމަވެސް އެ ބިލްތައް، ސަރުކާރުގެ އަޣުލަބިއްޔަތު އޮންނަ މަޖިލީހުން ކޮންމެ ފަހަރަކު ވެސް ބޭރުކޮށްލަނީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް