ޕީއެސްއައިޕީ މަޝްރޫޢުތަކަށް މިއަހަރު 4.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް ސްޕޯކްސްޕަރސަން މިއުވާން ވިދާޅުވެއްޖެ

ޕީއެސްއައިޕީ މަޝްރޫޢުތަކަށް މިއަހަރު 4.6 ބިލިއަން ރުފިޔާ ހޭދަކުރައްވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މިޢްވާން މުޙައްމަދު ވިދާޅުވެއްޖެ އެވެ. މިޢްވާން މިހެން ވިދާޅުވީ، ސަ...

29 Sep 2022 | 13:54

ޕީއެސްއައިޕީ މަޝްރޫޢުތަކަށް މިއަހަރު 4.6 ބިލިއަން ރުފިޔާ ހޭދަކުރައްވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މިޢްވާން މުޙައްމަދު ވިދާޅުވެއްޖެ އެވެ.

މިޢްވާން މިހެން ވިދާޅުވީ، ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް ސިލްސިލާގޮތެއްގައި ބާއްވަވަމުން ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ނެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ޚާއްޞަކުރައްވާފައި ވަނީ، ސަރުކާރުގެ ޕީއެސްއައިޕީ މަޝްރޫޢުތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މިޢްވާން ވިދާޅުވީ، މިއަހަރުގެ އޮގަސްޓް މަސް ނިމުނު އިރު ޕީއެސްއައިޕީ މަޝްރޫޢުތަކަށް ދައުލަތުގެ ބަޖެޓުން، 4.6 ބިލިޔަން ރުފިޔާ ހޭދަކުރެވިފައިވާ ކަމަށާއި، އެއީ ޕިއެސްއައިޕީ މަޝްރޫޢުތަކަށް މިއަހަރު ކަނޑައެޅި ބަޖެޓުގެ 76 އިންސައްތަ ކަމަށެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި މިޢްވާން ވަނީ، އެކި ދާއިރާތަކުން ހިންގިފައިވާ ޕީއެސްއައިޕީ މަޝްރޫޢުތަކާއި މިހާރު ހިނގަމުންދާ މަޝްރޫޢުތަކާއި އަދި ބީލަން މަރުހަލާއާ ޕްލޭނިންގ މަރުހަލާގައި ހުރި މަޝްރޫޢުތަކުގެ ތަފާސް ހިސާބު މަޢުލޫމާތުތައް ނޫސްވެރިންނާ ޙިއްޞާކުރައްވާފަ އެވެ.

މިގޮތުން، ކަރަންޓާއި، ފެނާއި، ނަރުދަމާ އަދި ބަނދަރުހެދުމާ، ގޮނޑުދޮށް ޙިމާޔަތްކުރުމާ، މަގުހެދުމާ، ބޯހިޔާވަހިކަމާއި ގުޅޭ މަޝްރޫޢުތަކުގެ ތަފާސް ހިސާބު މަޢުލޫމާތުތައް މިޢްވާން ނޫސްވެރިންނާ ޙިއްޞާ ކުރެއްވި އެވެ.

މީގެ އިތުރުން މިއަދުގެ ޕްރެސް ކޮންފަރެންސްގައިވެސް ސްޕޯކްސްޕަރސަން މިޢްވާން މުޙައްމަދު ވަނީ، ފާއިތުވެ ދިޔަ ހަފްތާގެ މުހިއްމު ކަންކަމަށާއި އަދި ކުރިޔަށް އޮތް ހަފްތާއަށް ރޭވިފައިވާ މުހިއްމު ކަންކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފަ އެވެ.

މިގޮތުން ރައީސުލްޖުމްހޫރިއްޔާ ތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅުގެ މަޢުލޫމާތު ޙިއްޞާކުރައްވައި، ކައުންސިލްތަކާ، އ.ތ.މ ކޮމިޓީތަކާ އެކު ބޭއްވެވި ބައްދަލުވުންތަކުގައި، ރަށްރަށުގެ މެދުގައި ތަފާތު ކުރުމެއް ނެތި އެރަށްރަށުގެ ތަރައްޤީއަށް މިސަރުކާރުން ގިނަ ކަންތައްތަކެއްކޮށްދެއްވާފައިވާ ކަން ކައުންސިލްތަކުން ފާހަގަކުރައްވާފައިވާ ކަމުގައި ވިދާޅުވި އެވެ.

މިޢްވާން ވިދާޅުވީ، މީގެ ކުރިން ކައުންސިލް ބައްދަލުވުންތަކުގައިވެސް ކައުންސިލްތަކުން އެންމެ ބޮޑަށް ފާހަގަކުރައްވަމުން އައީ އަސާސީ ޚިދުމަތްތައް ނުލިބުން ކަމުގައި ވީނަމަވެސް، މިސަރުކާރުން ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކާއި އެކު އެޙާލަތު ބަދަލުވެފައިވާ ކަމަށެވެ.

ކުރިއަށް އޮތް ހަފްތާގެ މުހިއްމު ކަންކަމުގެ ތެރޭގައި، ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުފުރުމާ ގުޅިގެން ބާއްވާ އެކި ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެ ކަމާއި، އެގޮތުން ފަތުރުވެރިކަމުގެ އެޕްރިސިއޭޝަން ނައިޓްގައި މިރޭ ރައީސުލްޖުމްހޫރިއްޔާ ބައިވެރިވަޑައިގަންނަވާކަމުގައި މިޢްވާން ވިދާޅުވި އެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި، ޕީއެސްއައިޕީ މަޝްރޫޢުތަކާއި ގުޅޭ ގޮތުންނާއި، އަދި އެހެން ދާއިރާތަކުން ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މިޢްވާން މުޙައްމަދު ވަނީ ޖަވާބު ދެއްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް