އިންޑިއާގައި ހުރިހާ އަންހެނުންނަށް ހަމަހަމަކޮށް އެބޯޝަން ހުއްދަކޮށްފި

އިންޑިއާ ސުޕްރީމް ކޯޓުން އެ ގައުމުގައި ހުރިހާ އަންހެނުންނަށް ހަމަހަމަކޮށް އެބޯޝަން ހުއްދަ ކޮށްފި އެވެ. މިއަދު އެ ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އެބޯޝަން ހެއްދުމުގެ ހުއްދަ ކައިވެނި ކޮށްގެން އުޅޭ...

29 Sep 2022 | 13:17

އިންޑިއާ ސުޕްރީމް ކޯޓުން އެ ގައުމުގައި ހުރިހާ އަންހެނުންނަށް ހަމަހަމަކޮށް އެބޯޝަން ހުއްދަ ކޮށްފި އެވެ.

މިއަދު އެ ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އެބޯޝަން ހެއްދުމުގެ ހުއްދަ ކައިވެނި ކޮށްގެން އުޅޭ މީހުންނާއި ނުކުރާ މީހުންނަށް އޮންނާނެ ކަމަށެވެ. އެކަމަކު އެބޯޓު ކުރެވޭނީ ބަނޑަށް 24 ހަފްތާ ވުމުގެ ކުރިން ކަމަށް ބުނެފައިވެ އެވެ.

މީގެ ކުރިން އިންޑިއާ ގާނޫނު ބުނާގޮތުން ރޭޕްގެ ޝިކާރައަކަށް ވާ މީހުންނާއި، ފިރިމީހާ މަރުވާ މީހުންނާއި ކައިވެނި ކޮށްގެން އުޅޭ މީހުންނަށް 24 ހަފްތާ ވުމުގެ ކުރިން އެބޯޓު ކުރެވެ އެވެ. އެކަމަކު ކައިވެނީގެ ބޭރުން ނަހަލާލަށް ބަލިވެ އިންނަ މީހުންނަށް އެބޯޓު ކުރެވޭނީ 20 ހަފްތާ ނުވާނަމަ އެވެ.

އެބޯޝަން ނުހެއްދިގެން ކޯޓަށް މައްސަލަ ހުށަހެޅީ 25 އަހަރުގެ އަންހެނެކެވެ. އޭނާ ހުށަހެޅި މައްސަލައިގަ ބުނެފައިވަނީ ލޯބިވެރިޔާއަށް ބަލިވެ އިނުމުން ފިރިހެން މީހ ކައިވެންޏަށް ދެކޮޅު ހެދީ ކަމަށެވެ. އެހެންވެ އެބޯޝަން ހައްދަން ދިޔައިރު ބަނޑަށް 23 ހަފްތާ އާއި ފަސް ދުވަސްވެފައިވާތީ އެއްވެސް ތަނަކުން އެބޯޝަން ހައްދައި ނުދިން ކަމަށެވެ.

މި މައްސަލަ ބެލުމަށް ފަހު ސުޕްރީމް ކޯޓުން ނިންމާފައިވަނީ ކައިވެންޏެއް ކޮށްގެން ނޫޅޭ މީހަކަށް ވެސް، ކައިވެނިކޮށްގެން އުޅޭ އަންހެނަކަށް އޮންނަ ގޮތަށް، 24 ހަފްތާ ވުމުގެ ކުރިން ކޮންމެ ވަގުތަކު ވެސް އެބޯޝަން ހެދުމުގެ ހައްގު އޮންނާނެ ކަމަށެވެ. އަދި ކައިވެންޏެއް ނުކުރުމަކީ އަންހެނަކަށް އޭނާގެ ހައްގުތައް ގެއްލެންޖެހޭ ސަބަބެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.

ފިރިން އަނބިންނަށް ކުރާ ޖިންސީ އަނިޔާ އަކީ މެރިޓަލް ރޭޕް ކަމުގައި ވެސް މިހާރު އޮތް ގާނޫނުގެ ދަށުން ބެލޭނެ ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ. އިންޑިއާގެ ގާނޫނުތައް އޮންނަ ގޮތުން މެރިޓަލް ރޭޕް ކުށެއްގެ ގޮތުގައެއް ނުބެލެވެ އެވެ. އެކަމަކު މިކަން ބަދަލުކުރުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.

އިންޑީއާގައި އެބޯޝަން ގާނޫނަކަށް އަމަލު ކުރަން ފެށީ 1971 ވަނަ އަހަރު އެވެ. އޭގެ ފަހުން ވަރިވެފައި ތިބި މީހުންނާއި، ރޭޕްގެ ޝިކާރައަށް ވާ މީހުންނާއި ފިރިމަރުވެފައިވާ މީހުންނަށް 24 ހަފްތާ ނުވާނަމަ އެބޯޝަންއަށް ދެވޭ ގޮތަށް މުއްދަތު އިތުރު ކުރީ 2020 ވަނަ އަހަރު އެވެ. އެ ލިސްޓުގައިވެސް ހުސްހަށިބައި އަންހެނުންނަށް އެބޯޝަން ހެއްދޭ މުއްދަތު އިތުރެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް