ބުރްޖު ހަލީފާ ދުނިޔޭގެ އެންމެ އަގުބޮޑު އިމާރާތްތަކުގެ ތެރޭގައި ނުހިމެނެނީ ކީއްވެ!

ދުނިޔޭގެ އެންމެ އުސް އިމާރާތް ބުރްޖް ހަލީފާ ހުންނަނީ ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގެ ދުބާއީގައި އެވެ. ބުރުޖް ހަލީފާ މަޝްހޫރުވާ އެތައް ގޮތެއް ހުރެ އެވެ. އެ އިމާރަތަށް ނަން ދެވިފައިވަނީ ޔޫއޭއީގ...

29 Sep 2022 | 11:46

ދުނިޔޭގެ އެންމެ އުސް އިމާރާތް ބުރްޖް ހަލީފާ ހުންނަނީ ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގެ ދުބާއީގައި އެވެ.

ބުރުޖް ހަލީފާ މަޝްހޫރުވާ އެތައް ގޮތެއް ހުރެ އެވެ. އެ އިމާރަތަށް ނަން ދެވިފައިވަނީ ޔޫއޭއީގެ ކުރީގެ ރައީސް ހަލީފާ ބިން ޒައިދު ބިން ސުލްތާން އަލް ނަހްޔާނަށް ނިސްބަތްކޮށެވެ.

160 ފަންގިފިލާ ހިމެނޭ ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ބުރްޖް ހަލީފާގެ އުސްމިނުގައި 828 މީޓަރު ހުރެ އެވެ. 2004 ވަނަ އަހަރު މަސައްކަތް ފެށި އިމާރާތް އެއްކޮށް ނިންމާލާ ހުޅުވާފައިވަނީ 2010 ވަނަ އަހަރު އެވެ.

ބުރްޖު ހަލީފާގައި އޮފީސް ބައިތަކާއި ލަގްޒަރީ އެޕާޓްމެންޓުތަކާއި، އައުޓް ޑޯ ޕޫލް އާއި ޖިމްތަކުގެ އިތުރުން އެންމެ މަތި ބަލާލައި ތަޖުރިބާ ކޮށްލަން ހާއްސަ ޑެކެއް އޮވެ އެވެ.

އިމާރާތުގެ މަސައްކަތް ކުރަން 22 މިލިއަން ގަޑިއިރު ލޭބަރުން މަސައްކަތް ކޮށްފައިވާ ކަމަށް އެ އިމާރާތާއި ގުޅޭގޮތުން އާންމުކޮށްފައިވާ މައުލޫމާތުތަކުން އެނގެ އެވެ. އެކަމަކު އިމާރާތް އެޅުމަށް ހަރަދުކޮށްފައިވަނީ 1.5 ބިލިއަން ޑޮލަރެވެ. އެހެންވެ މި އިމާރާތް ދުނިޔޭގެ އެންމެ އަގުބޮޑު 10 އިމާރާތުގެ ތެރޭގައި ނުހިމެނެ އެވެ.

އިމާރާތް އެޅުމުގެ ހަރަދު ގުނާ މިންގަނޑުގެ ތެރޭގައި އިމާރާތް ކުރުމަށް ދިޔަ ހަރަދާއި ޑިޒައިނަށް ދިޔަ ހަރަދާއި އެ އިމާރާތެއް އެޅުމުގެ މަސައްކަތް ކުރި މުވައްޒަފުންގެ މުސާރައާއި އެނޫންވެސް ކަންކަމަށް ދިޔަ ހަރަދު ހިމަނަ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ބުރްޖު ހަލީފާ ދުނިޔޭގެ އެންމެ އަގުބޮޑު 10 އިމާރާތުގެ ތެރޭގައި ނުހިމެނެނީ ޔޫއޭއީއަކީ މަސައްކަތްތެރިންނަށް ކުޑަ އުޖޫރައެއް ދޭ ގައުމަކަށް ވާތީ އެވެ. އެ އިމާރާތް ކުރި މަސައްކަތްތެރިންނަށް މަހު އުޖޫރައިގެ ގޮތުގައި ދީފައިވަނީ 175 ޑޮލަރު ކަމަށްވެ އެވެ.  އެކަމަކު ދުބާއީގައި ރަނގަޅު ވަޒީފާތަކުގައި އުޅޭ މީހުންގެ އެންމެ ދަށް މުސާރައަކީ މަހަކު 2،100 ޑޮލަރެވެ.

އެ މަސައްކަތުގައި އުޅުނީ ޗައިނާ، ބަންގްލަދޭޝް، އިންޑިއާ، ސްރީލަންކާ އަދި ޕާކިސްތާނު މީހުންނެވެ. އޭގެ ތެރެއިން ބައެއް މީހުން އޭރު ބުނެފައިވަނީ އެ މަސައްކަތް ކުރި އިރު އެމީހުންގެ ޕާސްޕޯޓުތައް އަތުލައި ދުބާއީން ނުދެވޭނެ ގޮތް ހެދި ކަމަށެވެ. އަދި އެމީހުންގެ ހުރުމުގެ އިންތިޒާމު ހަމަޖައްސާފައި އޮތީ ކުނި ގޮނޑެއް ކަހަލަތަނެއްގައި ކަމަށާއި އެ ގައުމުގެ ސަރުކާރުން އަމަލު ކުރީ ވަރަށް ލާއިންސާނީ ކޮށް ކަމަށެވެ.

އެ މަސައްކަތް ކުރި 14 އަހަރުގެ ތެރޭގައި އެ މުވައްޒަފުން ސާފު ބޯފެން ނުލިބޭ އެތައް ދުވަހެއްވަންދެން ތިބެން ޖެހުމުން މުވައްޒަފުންގެ މެދުގައި ބަލިމަޑުކަން ފެތުރުނު ކަމަށްވެސް ވެ އެވެ. އަދި ކަރަންޓާއި ސަޕްލައި ފެން ނުލިބި އެތައް ދުވަހެއް ތިބެން ޖެހިދިޔަ ކަމަށް ބުންޏެވެ.

އާންމުކޮށް ހޫނު ގަދަ ދުބާއީގައި ބުރްޖު ހަލީފާ އެޅީ ދުވާލަކު 14 ގަޑިއިރު މުވައްޒަފުން ލައްވާ ބްރޭކެއް ނެތި މަސައްކަަތް ކުރުވައިގެންނެވެ. މުވައްޒަފުންގެ އުޖޫރަ ކުޑަވެ އެމީހުން ހާލުގައި ޖެގިގެން އެ އިމާރާތް އެޅި 14 އަހަރުގެ ތެރޭގައި އެތައް ފަހަރަކު މުޒާހަރާކޮށްފައިވެ އެވެ. އަދި އެ ރުޅިގަނޑުގައި އެމީހުން ވަނީ ސަރުކާރުގެ މިލިއަނަކަށްވުރެ ގިނަ ޑޮލަރުގެ ތަކެއްޗަށް ގެއްލުން ދީފައިވެ އެވެ.

އެވަރުންވެސް މުވައްޒަފުންގެ އުޖޫރަ ބޮޑުކޮށްދީފައި ނުވުމަކީ މި އިމާރާތަށް ކުރަން ޖެހުނު ހަރަދު ކުޑަވި ސަބަބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް