އަރަބިއްޔާ ސްކޫލްގެ އާ އިމާރާތާއި ޖަމާލުއްދީން ސްކޫލް އެނެކްސް އިމާރާތް ކުރަން އަމީން ކޮންސްޓްރަކްޝަނާއި ހަވާލުކޮށްފި އެވެ.
މި ދެ ސްކޫލް އަޅަނީ ބާ ޖަމާލުއްދީން ބިމުގައި އެވެ.
މި ދެ ސްކޫލް އެޅުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ.
މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ. އަމީން ކޮންސްޓްރަކްޝަންގެ ސެކްރެޓަރީ އިބްރާހިމް ނިހާދެވެ.
މި މަޝްރޫއުއަކީ މިއަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން އަޅާ ދެ ސްކޫލެވެ. ދެ ސްކޫލް އެޅުމަށް އެ ކުންފުންޏާއި ހަވާލު ކުރީ168.5 މިލިއަން ރުފިޔާއަށެވެ.
މަސައްކަތް ނިންމަން ޖެހެނީ420 ދުވަހުގެ ތެރޭގައި އެވެ.
މީގެ ތެރެއިން އަރަބިއްޔާ ސްކޫލްގައި40 ކްލާސް ރޫމާއި މަލްޓީޕާޕަސް ހޯލެއްގެ އިތުރުން ހަތަރު ލިފްޓު ހުންނާނެ އެވެ. ޖަމާލުއްދީން ސްކޫލް އެނެކްސްގައި34 ކްލާސް ރޫމާއި މަލްޓީޕާޕަސް ހޯލެއްގެ އިތުރުން ދެ ލިފްޓު ހަރު ކުރުމަށް ހަމަޖެހިފައިވެ އެވެ.
ދެ ސްކޫލްގައިވެސް ސްކޫލެއްގައި ފުރިހަމާވަން ޖެހޭ ހުރިހާ ހިދުމަތްތަކާއި އޮފީސް އިމާރާތް ހުންނާނެ ކަމަށް އެޑިއުކޭޝަނުން މައުލޫމާތުދެ އެވެ. އަދި މުވައްޒަފުންގެ ވެހިކަލް ޕާކު ކުރުމަށް ހާއްސަ ޕާކިން ޒޯނެއްގެ އިތުރުން އިތުރު މަދޮށި ގޯޅިން ޖަމާލުއްދީން މަގަށް ސްކޫލް ބޭނުމަށް ހާއްސަ މަގެއް ހެދޭނެ އެވެ.
މިނިސްޓްރީން ބުނީ އަރަބިއްޔާގެ އާ އިމާރާތާއި އެކު އެ ސްކޫލަށް ދާއިމީ ހިޔާވައްސެއް ލިބިގެންދާނެ ކަމަށެވެ. ޖަމާލުއްދީން ސްކޫލަށް އެނެކްސްއެއް އިތުރު ކުރަނީ އެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ކަމަށާއި އާ އިމާރާތް ނިމުމުން ޖަމާލުއްދީން ސްކޫލްގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލު ކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެޑއިުކޭޝަން މިނިސްޓްރީން ލަފާ ކުރާ ގޮތުގައި ތާވަލާއި އެއްގޮތަށް ނިމިއްޖެ ނަމަ ދެ ސްކޫލްގެ މަސައްކަތް އަންނަ އަހަރުގެ ޑިސެމްބަރަށް ނިމޭނެ އެވެ. އަދި2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ދެ ވަނަ ޓާމުގެ ކިޔެވުން އެ ދެ ސްކޫލްގައި ކުރިޔަށް ގެންދަން ފެށޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް