ގަތަރު ވޯލްޑްކަޕް ތައްޔާރީތަކުގައި ފަނަރަ ހާހަށްވުރެ ގިނަ މަސައްކަތްތެރިން މަރުވެފައިވޭ - އެމްނެސްޓީ

އަންނަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ގަތަރުގައި ފަށާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ ފީފާ ވޯލްޑްކަޕަކީ ދުނިޔޭގެ ތާރީޚުގައި މިހާތަނަށް ވޯލްޑްކަޕެއް ބޭއްވުމަށް އެންމެ ބޮޑު ޚަރަދެއް ...

29 Sep 2022 | 06:16

އަންނަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ގަތަރުގައި ފަށާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ ފީފާ ވޯލްޑްކަޕަކީ ދުނިޔޭގެ ތާރީޚުގައި މިހާތަނަށް ވޯލްޑްކަޕެއް ބޭއްވުމަށް އެންމެ ބޮޑު ޚަރަދެއް ކުރެވުނު މުބާރާތެވެ. އެގޮތުން މިހާތަނަށް ބޭއްވޭ އެންމެ އަގުބޮޑު ވޯލްޑް ކަޕް މުބާރާތް މިއަހަރު ގަތަރުގައި ބޭއްވޭއިރު، މިފަހަރުގެ މުބާރާތައް ތައްޔާރުވުމަށް 229 ބިލިއަން ޕައުންޑް (220 ބިލިއަން އެމެރިކާ ޑޮލަރ) ހޭދަކޮށްފައިވާ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މީގެ ކުރިން އެންމެ އަގުބޮޑުކޮށް ވޯލްޑްކަޕެއް ބޭއްވުނީ 2014 ވަނަ އަހަރު ބްރެއިލްގައެވެ. އެ ފަހަރު އެ މުބާރާތަށް 15.6 ބިލިއަން ޕައުންޑް ހޭދަކުރިކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިފަހަރުގެ ވޯލްޑްކަޕް މުބާރާތަކީ ތާރީޚުގައިވެސް އެންމެ ބޮޑު ހޭދައެއް ކޮށްގެން ބާއްވާ މުބާރާތެވެ. އެހެން ކަމުން ގަތަރުން ވޯލްޑްކަޕަށް ކުރަމުން އަންނަ ބޮޑު ޚަރަދައް ބައިނަލްއަޤުވާމީ ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފައެވެ.

ގަތަރުގައި ބާއްވާ ވޯލްޑް ކަޕަށް ކުރަމުން އަންނަ ބޮޑެތި ޚަރަދުތަކަށް ބައިނަލްއަގުވާމީ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، އެފަރާތްތަކުން އެންމެ ކަންބޮޑުވާ މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މަސައްކަތް ކުރާ މަސައްކަތްތެރިންގެ އިންސާނީ ހައްގުތަކާ ހިލާފުވެފައިވުމެއެވެ. އެމްނެސްޓީ އިންޓަނޭޝަނަލް އިން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ފާއިތުވި ދިހަ އަހަރު ތެރޭގައި އެތައް ހާސް ހިޖުރަވެރި މަސައްކަތްތެރިންނެއް މަރުވި މައްސަލަތައް ގަތަރުގެ ކަމާއި ބެހޭ ފަރާތްތަކުން ތަހުގީގު ކޮށްފައި ނުވާކަމަށެވެ. އަދި މި މައްސަލައަކީ އެފާރާތުން އެންމެ ބޮޑަށް ނުކޮށްވާ މައްސަލަ ކަމަށް އެމްނެސްޓީން ބުނެއެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްގެ ރަސްމީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2010 އާއި 2019 އާ ދެމެދު ގަތަރުގައި އެހެން ގައުމުތަކުގެ މަސައްކަތްތެރިންގެ ތެރެއިން ޖުމްލަ 15،021 ރައްޔިތުން މަރުވެފައިވާކަމަށާއި އަދި ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ތެރޭގައި މަރުވީ މީހުންގެ އަދަދު ރަސްމީކޮށް ގަތަރު ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކާފަނުވާކަމަށެވެ. ގަތަރުގެ ސުޕްރީމް ކޮމިޓީން ފާހަގަކޮށްފައިވާ ގޮތުގައި 2015 ވަނަ އަހަރުން ފެށިގެން އެގައުމުން ސުޕަވައިޒްކުރި ވޯލްޑް ކަޕް މަޝްރޫއުތަކުގައި ޖުމްލަ 35 މަސައްކަތްތެރިން މަރުވެފައިވެއެވެ. ނަމަވެސް މުބާރާތް ސްޓޭޖްކުރުމާ ގުޅޭ އެހެން އިންފްރާސްޓްރަކްޗާ މަޝްރޫއުތަކުގައި މަރުވެފައިވަނީ ކިތައް މަސައްކަތްތެރިން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އެހެންކަމުން އެމްނެސްޓީ އިންޓަނޭޝަނަލްއިން މިހާރުދަނީ ގަތަރުގައި މަރުވި އެހެން ގަުމުތަކުގެ މީހުންގެ ތަފާސްހިސާބުތައް ހޯދާ ބެލުމުގެ މަސައްކަތް ކުރަމުން ކަމަސް އެފަރާތުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް