الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ، وَالْعَاقِبَةُ لِلْمُتَّقِينَ، وَصَلَّى الله عَلَى مُحَمَّدٍ خَاتَمِ النَّبِيِّينَ، وَعَلَى جَمِيعِ الْأَنْبِيَاءِ وَالْمُرْسَلِينَ.
އާދެ! ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނެ ގާތައް މަރު އަންނަ ހިނދު ކަންތައްވެގެން ދާނެ ގޮތް ބަޔާންކުރައްވަމުން ވަޙީކުރައްވަވާފައިވަނީ އެ އިންސާނާ ގާތަށް މަރު އަންނަ ހިނދު، އެ އިންސާނާ ބުނާނޭ، ތިމަންނާ އަލުން އަނބުރާ ދުނިޔެއަށް ފޮނުވަވާފާންދޭވެ. އަދި ކުޑަ ވަގުތު ކޮޅެއް ވިޔަސް ތިމަންނައަށް ދެއްވާންދޭވެ. އަދި މަރު ކުޑަތަންކޮޅެއް ލަސްވެލުމަށް ވެސް އޭނާ އެދެމުން ދާނެ، އަދި އުމުރުން ކުޑަތަންކޮޅެއް ނަމަވެސް ދިގުވުމަށް އޭނާ އެދެމުންދާނެ، އެއީ ކީއްވެގެންތޯ ؟
އެއީ ދުނިޔޭގައި އުޅުނު އިރު، ތިމަންނާ ނުކޮށް ދޫކޮށްލާފައިވާ ހެޔޮ ޢަމަލުތައް ކުރުމަށްޓަކައެވެ. އަދި އެ ހެޔޮ ޢަމަލުތައް ކުރުމަށް ދުނިޔެއިން ކުޑަ ވަގުތުކޮޅެއް ނަމަވެސް ލިބުމަށް އިންސާނާއެދޭނެއެވެ. އަދި އިންސާނާގެ މި އެދުމާއި އެކު މާތް ﷲ ސުބުޙާނަޙޫ ވަތަޢާލާ ވަޙީކުރައްވާނެއެވެ. ހަމަ ހިލާ އެހެންނަކުން ނުވާނެއެވެ. އެފަދަ ދެވަނަ ފުރުސަތެއް އެ އިންސާނާއަކަށް ނުލިބޭނެއެވެ. އެއީ ހަމައެކަނި އޭނާގެ ދުލުން ބުނެލާ ކަލިމައެކެވެ. އަދި ދެވަނަ ފުރުސަތެއް ދިން ނަމަވެސް އެ އިންސާނާއަށް އެކަން ނުކުރެވޭނެ ކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲއެވެ. ދުނިޔޭގައި އިންސާނާއަށް ޢަމަލުތައް އިސްލާހުކޮށް ރަނގަޅުކުރަން އެތަކެއް އަހަރެއްގެ ފުރުސަތު ލިބުނު އިރުވެސް ރަނގަޅު ނުކުރެވުނު ހެޔޮޢަމަލެއް އިތުރަށް އިންސާނާއަށް ރަނގަޅު ކުރެވޭނެ ގޮތެއް ނޯންނާނެކަން ވެސް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲއެވެ.
އެދުވަސް އައުމުގެ ކުރިން މިއަދު އަޅުގަނޑުމެންނަށް ލިބިފައި މިވާ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފަންވީނޫންތޯއެވެ. ނަމާދުކޮށް ހެޔޮ ޢަމަލުތައް ކުރުމުގައި ވަގުތުތައް ހޭދަކުރަންވީ ނޫންތޯއެވެ. މާތް ﷲ ހަރާމްކުރައްވާ މަނާކުރައްވާފައިވާ އެންމެހާ ކަންތައް ތަކުން ދުރުވެ ރައްކާތެރިވާން ވީނުންތޯއެވެ. މިއަދު ނުވެވުނު ރަނގަޅެއް ނުވަތަ މިއަދު ނުވެވުނު އިސްލާހެއް ދެން ފަހުން ވެވޭނެހެއްޔެވެ. ނުވެވޭނެއެވެ. އެހެން ކަމުން މި ވަގުތަކީ އަހަރެމެންނަށް އިސްލާޙުވެ ހެޔޮޢަމަލުކުރުންމަތީ ދެމި ތިބުމައް ލިބޭނެ އެންމެ ރަނގަޅު ފުރުސަތުކަމަށް ވީއިރު، މި ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އަޒުމު ކަނޑައަޅާށެވެ.
ލޮބުވެތި މުސްލިމުންނޭވެ. މަރުވުމަށްފަހު ތިބާ ދުނިޔޭގައި ކޮށްފައިވާ އަމަޅުތަކުގެ ހިސާބު ބެއްލެވޭނެއެވެ. އެދުވަހު މަހުސަރުގެ މައިދާނުގައި މީސްތަކުންގެ ކުރިމަތީގައި ތިބާ ކޮށްފައިވާ އަމަލުތަކުގެ ހިސާބު ބެލެވޭއިރު، ދުނިޔެމަތީގައި ކޮށްފައިވާ ކިތެންމެ ކުޑަނަމްވެސް އަދި ބޮޑުނަމަވެސް އެ އަމަޅެއް ތިބާ އާއި އެހެން މީސްތަކުންގެ ކުރިމަތީގައި ބޭޒާރުވެގެން ދާނެއެވެ.
މިއަދު މި ވަގުތީ އާލަމުގައި މީސްތަކުންނަށް ސިއްރުން ފާފަތަކަށް އަރައިގަނެވުނު ނަމަވެސް އެ ފާފަތަކުގެ ހިސާބު ބެލެވޭ ދުވަހު މަހުސަރުގެ މައިދާނުގައި ތިބާ ކުރިނަމަ ކުރި ހުރިހާ ފާފައަކަސް ހެޔޮ އަމަލަކަސް މީސްތަކުންގެ ކުރިމަތީގައި ބޭޒާރުވެގެން ދާނެއެވެ. އެހެންކަމުން އިސްލާހުވެ ހެޔޮޢަމަލުކުރަން ލިބިފައި މިވާ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. ﷲ އަށް ބިރުވެތިވެ ހެޔޮމަގަށް އެނބުރި އަންނާށެވެ. ފަލާޙާއި ކާމިޔާބުގެ މަގަކީ އެއީއެވެ.
މަޢުލޫމާތު: އިސްލާމީ ތިލަފަތުގެ ދަރުހަކުން
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް