ޗައިނާއަށް އިތުބާރު ގެއްލިފައިވާ ކަމަށް ބުނެ އީޔޫގެ ވިޔަފާރިތަކުގެ އިންޒާރެއް!

ޗައިނާ ސަރުކާރުން އަމަލު ކުރަމުންދާ އުސޫލުތަކުގެ ސަބަބުން ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ވިޔަފާރިވެރިންގެ އިތުބާރު އެގައުމަށް ގެއްލިފައިވާ ކަމަށް ޔޫރަޕިއަން ޗެމްބާ އޮފް ކޮމާސްއިން ބުނެފި އެވެ. އެ ޖަމިއް...

29 Sep 2022 | 03:32

ޗައިނާ ސަރުކާރުން އަމަލު ކުރަމުންދާ އުސޫލުތަކުގެ ސަބަބުން ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ވިޔަފާރިވެރިންގެ އިތުބާރު އެގައުމަށް ގެއްލިފައިވާ ކަމަށް ޔޫރަޕިއަން ޗެމްބާ އޮފް ކޮމާސްއިން ބުނެފި އެވެ.

އެ ޖަމިއްޔާއިން ހެދި ދިރާސާއެއްގައި އެ ޖަމިއްޔާގައި ރެޖިސްޓްރީވެގެން ހިންގާ ޔޫރަޕްގެ 1،800 އަށްވުރެ ގިނަ ކުންފުނި ބައިވެރިވެފައިވެ އެވެ. ބައިނަލްއަގުވާމީ މައިދާނުގައި ވިޔަފާޜި ކުރަމުންދާ އެ ކުންފުނިތަކުގެ އެންމެ ގިނަ ޝަކުވާ ހުރީ ޗައިނާ އާއި ގުޅިގެންނެވެ.

އެގޮތުން 967 ކުންފުންޏަކުން ޗައިނާއިން ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމްކޮށްދިނުމަށް ގޮވާލާ އިންޒާރު ދީފައިވެ އެވެ. އެމީހުން ބުނީ ޗައިނާގައި ވިޔަފާރި ކުރުމަށް ދަތިވީ މިދިޔަ ދެއަހަރެއްހާ ދުވަހުގެ ތެރޭގައި ކަމަށެވެ.

މައިގަނޑު ސަބަބެއް ކަމަށް ބުނެފައިވަނީ ކޯވިޑާއި ގުޅިގެން އެޅި ފިޔަވަޅުތައް އުވާނުލުމެވެ. ނުވަތަ ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ކޯވިޑާއި އެކު އުޅެން ދަސްކޮށްގެން އިގްތިސޯދު ކުރިޔަށް ގެންދަން ޗައިނާ މަސައްކަތް ނުކުރުމުގެ ނަތީޖާއެއްގެ ގޮތުން އެ ވިޔަފާރިތަކަށް ޗައިނާގައި ބޮޑެތި ގެއްލުންތަކާއި ކުރިމަތިވަމުންދާ ކަމަށް ބުނެފައިވެ އެވެ.

ދެން އެމީހުންގެ ޝަކުވާއަކަށް ވެފައިވަނީ ޗައިނާގައި މަސައްކަތް ކުރާ ޔޫރަޕްގެ ގައުމުތަކުގެ މުވައްޒަފުންނަށް ކޯވިޑް ފިޔަވަޅުތަކާއި ގުޅިގެން އަދިވެސް އެތެރެ ނުވެވޭ މައްސަލަ އެވެ. އަދި ޗައިނާ މުވައްޒަފުންނަށް އެ ގައުމުން ބޭރަށް ދަތުރު ނުކުރުވުމުގެ މައްސަލައިގަވެސް ގެއްލުން ވަމުންދާ ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން ޗައިނާގެ ބައެއްގެ ގޮތުގައި އެ ގައުމުން ބަލާ ޓައިވާނާއި ހޮންގް ކޮންގްގައި ވިޔަފާރި ކުރުމަށް ކުރިން އޮތް ފުރުސަތުތައް ހަނިވަމުންދާ މައްސަލައިގަވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

އެ ވިޔަފާރިތަކުން ވަނީ އީޔޫއިން އިސް ނަގައިން އެމީހުން ޗައިނާގައި ކުރާ ވިޔަފާޜިތަކަށް ފަހި މާހައުލެއް ގާއިމްކޮށްދިނުމަށް ޗައިނާ ސަރުކާރާއި އެކު މަޝްވަރާ ކޮށްދިނުމަށް އެދިފައި އެވެ. އަދި ކުންފުނިތަކުން އެ ގައުމު ދޫކޮށްލަން ޖެހިއްޖެ ނަމަ ޗައިނާއިން ޔޫރަޕްގެ ގައުމުތަކަށް ކުރަމުންދާ ވިޔަފާރިއަށް ބުރޫއަރައި ޗައިނާގެ އިގްތިސޯދަށް އޭގެ އަސަރު ކުރާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ.

މިދިޔަ މަހު އެމެރިކާގެ ވިޔަފާރިވެރިންގެ ޖަމިއްޔާ ކަމަށްވާ ލޮބީންވެސް ވަނީ ހަމަ މި މައްސަލައިގަ ކަންބޮޑުވުން ފާޅުކޮށް ފިޔަވަޅުތައް ލުއި ކުރުމަށް ޗައިނާއަށް ގޮވާލާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް