ކެޓަގަރީ ހަތަރެއްގެ ދަރަޖަ ދީފައިވާ ތޫފާން އިއަން އެމެރިކާގެ ފްލޮރިޑާއަށް އަރައިފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ތޫފާން އިއަން އެމެރިކާގެ ފްލޮރިޑާއށް އަރާފައިވަނީ އެ ގައުމުގެ ގަޑިން އިއްޔެ ހަވީރު 3:00 ހާއިރުގައެވެ. (މި އާޓިކަލް ލިޔާއިރު ފްލޮރިޑާއަށް މިއީ ބުދަ ދުވަހުގެ 08:30). މި ތޫފާން ފްލޮރިޑާއަށް އެރިއިރު ތޫފާނުގައި ވައިގެ ބާރުމިން ހުރީ ގަޑިއަކު 150 މޭލު ބާރުމިނުގައިކަމަށް އެމެރިކާގެ ހަރިކޭން ސެންޓަރުން ބުނެފައިވެއެވެ.
ތޫފާން އެރުމުގެ ކުރިން ފްލޮރިޑާ ސަރަހައްދުން 2.5 މިލިޔަން ރައްޔިތުން ސަލާމަތުގެ އައްސޭރިއަށް ގެންދަން ޖެހިދާނެކަމުގެ އިންޒާރު ލިބުނު ނަމަވެސް ތޫފާން ކިއުބާއި ފްލޮރިޑާއަށް ދަތުރުކުރިލެއް ބާރުކަމުން އަދި ތޫފާން ފްލޮރިޑާއަށް އެރިއިރު އޭގެ ބާރު ހުރި މިންވަރުން ރައްޔިތުން ސަލާމަތުގެ އައްސޭރިއަށް ގެންދިއުމަށް މާ ލަސްވެދާނެކަމަށް މިހާރު ވަނީ ނިންމާފައެވެ.
ފްލޮރިޑާގެ ގަވަރުނަރު ރައްޔިތުންނާ މުހާތަބުކޮށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ކުރިއަށް އޮތް ދެ ދުވަހަކީ ވަރަށް ނުރައްކާތެރި ދެ ދުވަސްކަމުގައި ވެދާނެކަމަށާއި ރައްކާތެރި ތަނެއްގައި ގާއިމްވެތިބުން ބުއްދިވެރިކަމަށެވެ.
މި ތޫފާނާއި ގުޅިގެން ފްލޮރިޑާ ސަރަހައްދުގެ 60 ސްކޫލެއްގެ ކިޔެވުން ބަންދުކޮށްފައިވާއިރު މިހާތަނަށް 175 މީހަކު ސަލާމަތުގެ އައްސޭރިއަށް ގެންގޮސްފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ. އަދި ވައިގެ ދަތުރުފަތުރުތައް އެ ސަރަހައްދުގައި ކެންސަލްކޮށްފައިވާއިރު މީހުން ސަލާމަތްކުރުމުގެ މަސައްކަތް އެމެރިކާގެ އެއާފޯސްއިން ވަނީ މިހާރު ފަށާފައެވެ.
މި ތޫފާނުގައި ކަނޑުގެ ލޮނުގަނޑު 12 ފޫޓަށް އުފުލި، ފުރާނައަށް ނުރައްކާވާވަރުގެ ބޮޑެތި ރާޅުތައް އަރާފާނެކަމުގައި އަންދާޒާކޮށްފައިވާއިރު އިތުރަށް ބާރުގަދަވަމުން އަންނަ މި ތޫފާން މިހާރު ދަތުރުކުރަމުން އަންނަނީ ފްލޮރިޑާގެ ޓަމްޕާ އޭރިއާއަށްކަމުގައި ރިޕޯޓްކޮށްފައިވެއެވެ.
މި ތޫފާން ކިއުބާއަށް އެރިއިރު ތޫފާނުގެ ބާރު ހުރީ "ކެޓަގަރީ 3" ގެ ދަރަޖައިގައެވެ. ކިއުބާ އަށް ބޮޑެތި ގެއްލުންތަކެއް މި ތޫފާނުގައި ލިބިފައިވާއިރު ފްލޮރިޑާއަށް މި ތުފާން އެރިއިރު ތޫފާންގެ ދަރަޖަ ވަނީ "ކެޓަގަރީ 3" އިން "ކެޓަގަރީ 4" ގެ ތުފާނަކަށް ބަދަލުވެފައެވެ. އަދި މި ތޫފާން އިތުރަށް ބާރުގަދަވެ "ކެޓަގަރީ 5" އަށް ބަދަލުވެދާނެކަމުގައިވެސް އަންދާޒާކޮށްފައިވެއެވެ. މިއީ މި ފަހުގެ ތާރީހެއްގައި އެމެރިކާއަށް އެރި އެންމެ ބާރުގަދަ އަދި އެންމެ ނުރައްކާތެރި އެއް ތޫފާނަށް ވުމުގެ ފުރުސަތު ބޮޑެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް