ސާފް ޗެމްޕިއަންޝިޕް 2021: ޓީމް ޕްރޮފައިލް - ސްރީލަންކާ

ސްރީލަންކާއަކީވެސް ސާފް ސަރަހައްދުގައި ފުޓްބޯޅައިގެ މާ ވަރުގަދަ ބާރެއްގެ ގޮތުގައި ބެލެވޭ ގައުމެއް ނޫނެވެ. ނަމަވެސް ލަންކާއަކީވެސް 1993 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވުނު ފުރަތަމަ ސާފް ޗެމްޕިއަންޝިޕް ...

29 Sep 2021 | 15:13

ސްރީލަންކާއަކީވެސް ސާފް ސަރަހައްދުގައި ފުޓްބޯޅައިގެ މާ ވަރުގަދަ ބާރެއްގެ ގޮތުގައި ބެލެވޭ ގައުމެއް ނޫނެވެ. ނަމަވެސް ލަންކާއަކީވެސް 1993 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވުނު ފުރަތަމަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުން ފެށިގެން ގަވައިދުން މި މުބާރާތުގައި ބައިވެރިވަމުން އަންނަ ގައުމެކެވެ.

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ލަންކާ މިހާނަތަށް ނެރެފައިވާ ނަތީޖާތަކަށް ބަލާއިރު މި މުބާރާތުގައި އެ ގައުމު ނެރެފައިވާ ނަތީޖާތައް ވެސް ހަމަ ރަނގަޅެވެ. އެގޮތުން މިހާތަނަށް ސާފް ޗެމްޕިއަންޝިޕުގައި ލަންކާ ނެރެފައިވާ ނަތީޖާތަކުގެ ރެކޯޑްތަކަސް ބަލާއިރު، އެގައުމުން ވަނީ އެންމެ ފުރަތަމަ ވާދަކުރި މުބާރާތުގައި އެއްކޮޅުން ފައިނަލުގައި ކުޅެފައެވެ. އަދި ޖެހިގެން އައި އަމިއްލަ ގައުމުގައި 1995 ވަނަ އަހަރު ބޭއްވުނު މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދާފައެވެ.

2008 ވަނަ އަހަރު ރާއްޖެއާއި ލަންކާގައި ބޭއްވުނު މުބާރާތުގެ އިތުރުން 2009 ވަނަ އަހަރު ބަނގްލަދޭޝްގައި ބޭއްވުނު މުބާރާތާއި 2015 ވަނަ އަހަރު އިންޑިއާގައި ބޭއްވުނު މުބާރާތުގެ ސެމީފައިނަލަށް ލަށް ލަންކާ ވަނީ ދަތުރު ކޮށްފައެވެ. ނަމަވެސް އެންމެ ފަހުން 2018 ވަނަ އަހަރު ބަނގްލަދޭޝްގައި ވޭއްވުނު މުބާރާތުން ލަންކާ ކަޓާފައިވަނީ ގްރޫޕް ސްޓޭޖުންނެވެ.

އެންމެ ފަހުން 2018 ވަނަ އަހަރު ބަންގްލަދޭސްގައި ބޭއްވުނު މުބާރާތުގައި ލަންކާއިން ނެރެފައިވާ ނަތީޖާތައް

މި މުބާރާތުގައި ލަންކާ ހިމެނުނީ އިންޑިއާ، އާއި ދިވެހިރާއްޖެއާއި އެކު ގުރޫޕު ބީގައެވެ. މި ގުރޫޕުގައި އެގައުމުން ކުޅުނު ތިން މެޗުގެ ތެރެއިން  ދެ މެޗުން ބަލިވެފައިވާއިރު، އަނެއް ދެމެޗުން ވަނީ މޮޅުވެފައެވެ.

ކޯޗު

ލަންކާ ގައުމީޓީ ފުޓްބޯޅަ ޓީމުގެ ކޯޗެއްގެ ގޮތުގައި އިރުޝާދު ދެމުން އަންނަނީ އާމިރު އެލަގިޗް ނަމަކަށް ކިޔާ ބޮސްނިއާއާއި އޮސްޓްރޭލިއާއަށް ނިސްބަތް ވާ ރައްޔިތެކެވެ. އޭނާ އަކީ ކޯޗިން ކެރިއަރުގައި ގިނަ ތަޖުރިބާތަކެއް ލިބިފައިވާ ފަރާތެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ޔޫރަޕާއި އޭޝިއާގެ ބައެއް ކުލަބުތަކަށް ވެސް ކޯޗު ކޮށްދީފައިވެއެވެ. ނަމަވެސް ކޯޗިން ކެރިއަރުގައި މާ ބޮޑެތި ކާމިޔާބީތަކެއް ހާސިލްކުރެވިފައެއް ނުވެއެވެ.

1996 ވަނަ އަހަރު ކޯޗިންގެ ދާއިރާއަށް ނިކުތް އެލަގިޗް ލަންކާގެ ގައުމީޓީމާއި ހަވާލުވީ 2020 ވަނަ އަހަރުގައެވެ. ބޮސްނިއާގެ 19 އަހަރުން ދަށުގެ ގައުމީޓީމަށް ވެސް އިރުޝާދު ދީފައިވާ އެލަގިޗް ލަންކާގެ ކޯޗުކަމާއި ހަވާލުވިފަހުން ލަންކާ ބޮޑު މުބާރާތެއްގައި ވާދަކޮށްފައި ނުވާއިރު، މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތަކީ އެލަގިޗްގެ އިރުޝާދުގެ ދަށުން ލަންކާ ވާދަކުރާ ފުރަތަމަ ބައިނަލްއަޤުވާމީ ބޮޑު މުބާރާތްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

މުހިންމު ކުޅުންތެރިން

ލަންކާގެ އެންމެ ފާހަގަ ކޮށްލެވޭ ކުޅުންތެރިއަކީ އިނގެރޭސި ވިލާތުގެ ކުއީން ޕާކް ރޭންޖަސްއަށް ކުޅެމުން އަންނަ ޒުވާން މިޑްފީލްޑަރ ޑިލޮން ޑި ސިލްވާއެވެ. އުމުރުން 19 އަހަރުގެ ޑިލޮން ޑި ސިލްވާ އަކީ މިފަހަރުގެ މުބާރާތުގައި ލަންކާ އިން އެންމެ ބޮޑަށް ބަރޯސާވާނެ އެއް ކުޅުންތެރިއާއެވެ. ޓޮޓެންހަމް ހޮޓްސްޕާގެ ޔޫތް ޓީމުގެ އިތުރުން ބާކިންގްގެ ޔޫތް ޓީމަށް ވެސް ކުޅެފައިވާ ޒުވާން މިޑްފީލްޑައަށް  ކުއީން ޕާކް ރޭންޖާސްގެ ސީނިއާޓީމަށް ބަދަލުވީ ކްއީން ޕާކް ރޭންޖަސްގެ ޔޫތްޓީމަށް ކުޅުމަށް ފަހު މިދިޔަ އަހަރުގައެވެ. ނަމަވެސް އަދި މިހާތަނަށް އެ ކުލަބަށް ޑިލޮން ޑި ސިލްވާ އެއްވެސް މެޗެއް ކުޅެދީފައެއް ނުވެއެވެ. މިފަހަރުގެ ސާފް ޗެމްޕިއަންޝިލް މުބާރާތަކީ އޭނާ ލަންކާގެ ގައުމީޓީމުގައި ހިމެނިގެން ކުޅޭ ފުރަތަމަ ބޮޑު މުބާރާތެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިލް މުބާރާތުގައި ލަންކާ ކުޅޭ މެޗުތައް

01 އޮކްޓޫބަރ: ލަންކާ - ބަނގްލަދޭޝް (16:00)

04 އޮކްޓޫބަރ: ލަންކާ- ނޭޕާލް (21:00)

07 އޮކްޓޫބަރ: ލަންކާ - އިންޑިއާ (16:00)

10 އޮކްޓޫބަރ: ލަންކާ - ދިވެހިރާއްޖެ (16:00)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް