"އޯގާ" މިއީ މިހާރު އާ ނަމަކަށް ނުވާނެ އެވެ.
ތިމާވެއްޓާއި ރައްޓެހި ދިވެހިން ދަންނަ ބާވަތްތައް ބޭނުން ކޮށްގެން "އޯގާ" އިން ތައްޔާރު ކުރާ އުފެއްދުންތަކަކީ މިއަދު ދިވެހިންގެ މެދުގައި މަގުބޫލު އަދި ބަލައިިގެންނަ ބްރޭންޑެކެވެ.
އެންމެ ފަހުން އެ ކުންފުނިން އުފައްދާފައިވަނީ އަޔޫރުވެދިކް ޝޭމްޕޫ ބާއެއްގެ އިތުރުން އެކްޒެމާ ބާމެކެވެ. މީގެ ތެރެއިން އެކްްޒެމާ ބާމަކީ ހަމުގެ މައްސަލަތަކަށް ހާއްސަ އުފެއްދުމެކެވެ.
"އޯގާ"ގެ ވެރިޔާ އަޒްލީނާ އަމީން "ދުވަސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެންމެ ފަހުން އެ ކުންފުނިން ތައާރަފު ކުރި ބާމާއި ޝޭމްޕޫ މިހާރު އެހެން އުފެއްދުންތައް ވިއްކާ ހާއްސަ ފިހާރަތަކުން ލިބޭނެ ކަމަށެވެ. އެ ކުންފުނީގެ އުފެއްދުންތައް އެއާޕޯޓާއި ރިސޯޓުތަކުގެ އިތުރުން މާލޭއާި ހުޅުމާލޭގެ އެ ކުންފުނީގެ ފިހާރަތަކުން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަޒްލީނާ ވިދާޅުވީ "އޯގާ"ގެ ހުރިހާ އުފެއްދުންތަކަކީ ރާއްޖޭގެ އުފެދޭތަކެތި ބޭނުންކޮށްގެން ރާއްޖޭގައި އުފައްދާ ތިމާވެއްޓާއި ރައްޓެހި ބާތް އެންޑް ބޮޑީ ބްރޭންޑެއް ކަމަށެވެ. އެ ކުންފުނީގެ ހާއްސަ އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ ކެމިކަލްގެ އެއްވެސް ބާވަތެއް ނުހިމެނޭ ހިތިފަތު ސައިބޯންޏަކީ ފަތްޕިލާވެލިން މުއްދަނސި ހަންގަނޑަށް އެއްވެސް ގެއްލުން ނުވާ އުފެއްދުމެއް ކަމަށް ވިދާޅުވި އެވެ.
ހިތިފަތު ސައިންބޯންނާއި އެކްޒެމާ ބާމުގެ އިތުރުން "އޯގާ"ގެ އުފެއްދުންތަކުގެ ތެރޭގައި ޝޭމްޕޫ އާއި ކޮންޑީޝަނާ ބާ އަދި އެކި ވައްތަރުގެ ބާމުގެ އިތުރުން އުއްބައްތި ހިމެނެ އެވެ. މިތަކެތި އުފެއްދުމަށް ބޭނުން ކުރަނީ ދިވެހި ފަޅޯ، ހިތިފަތް، މުރަނގަ ފަތް، ކާށިތެޔޮ އަދި ފުނަ ތެލާއި ކާށި ކިރެވެ.
އެ އުފެއްދުންތައް އެއާޕޯޓު ޑިއުޓީ ފްރީންނާއި، ރާއްޖޭގެ 15 އަށްވުރެ ގިނަ ރިސޯޓުގެ އިތުރުން މާލެ އާއި ހުޅުމާލޭގައި ހުންނަ އޮތެންޓިކް މޯލްޑިވްސް ޝޮޕުން ލިބޭނެ އެވެ.
"އޯގާ"ގެ ތަފާތު ކަމަކީ އެ ކުންފުނީގެ ހުރިހާ އުފެއްދުންތައް ތައްޔާރުކޮށް ބަންދުކޮށް ޑިސްޓްރިބިއުޓް ކުރުމުގައި ޕްލާސްޓިކް ވީހާވެސް މަދުން ބޭނުން ކުރުމެވެ. އަދި ކުރިޔަށް އޮތްތާވެސް އެގޮތަށް މަސައްކަތް ކުރުމަކީ ކުންފުނީގެ އަމާޒެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް