ސާފް ޗެމްޕިއަންޝިޕް 2021 މުބާރާތުގެ ޓިކެޓު ވިއްކަން ފެށުމާއެކު ކިޔޫގައި މީހުން ރުކުރުވާލައިފި އެވެ.
މި މުބާރާތުގެ ފުރަތަމަ ދެ މެޗުގެ ޓިކެޓް ވިއްކަން ފަށާފައިވަނީ މއިަދު ހަވީރު އެވެ. ޓިކެޓު ވިއްކަން ފެށުމާއެކު ގިނަ އަދަދެއްގެ މީހުން ވަނީ ޓިކެޓް ގަތުމަށް ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑު ސަރަހައްދަށް ޖަމާވެފަ އެވެ.
2019 ވަނަ އަހަރުގެ ފަހުކޮޅު މުޅި ދުނިޔެއަށް ކުރިމަތިވި ޢާލަމީ ވަބާ ކޮވިޑް-19 ގެ ސަބަބުން ކުޅިވަރު ހަރަކާތްތައް ވެސް ހުއްޓިފައި އޮތުމަށް ފަހު، ސަރަހައްދީ އެންމެބޮޑު ފުޓްބޯޅަ މުބާރާތް ރާއްޖޭގައި ބާއްވާތީ ގިނަ ބަޔަކު ތިބީ އެކަމަށް ކެތް މަދުވެފަ އެވެ.
ޚާއްސަކޮށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް 12 ވަނަ ކުޅުންތެރިޔާގެ ފަރާތުން މަދަދު އެންމެބޭނުންވާ ވަގުތު އެ އެހީތެރިކަން ދިނުމަށް ދިވެހީން ތިބީ ތައްޔާރަށްކަން އެދަނީ ސާބިތުކޮށްދެމުން ނެވެ. ބަހާއި ޢަމަލުން ނެވެ.
ދިވެހީންނަކީ ފުޓްބޯޅައަށް މަރުދޭ ބަޔަކަށް ވާ އިރު، ޚާއްސަކޮށް ގައުމީ ޓީމު ކުޅޭ މެޗެއް ނަމަ، މުޅި ދަނޑުގައި "ސާބަހޭ ސާބަހޭ ދިވެހި ޓީމަށް ސާބަހޭ" ގޮވާ އަޑު ނޫން އަޑެއް ނީވޭނެ އެވެ. ނަމަވެސް ޒަމާނަށް ނުވަތަ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަމުންދާ ބަދަލުތަކާއެކު ދަނޑަށް ސަޕޯޓަރުން ވަނުމުގައި ވަނީ ހީނަރުކަމެއް އައިސްފަ އެވެ.
ނަމަވެސް އެ ހީނަރުކަން ނައްތާލުމަށް މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ މުހިންމު ރޯލެއް އަދާކުރާނެ މުބާރާތެކެވެ. މުޅި ގައުމު "ރަތް ކުލައިން" ފަވާލާ ގައުމީ ޖޯޝުގައި އެންމެން އެއްބައިވެލުމަށް މިއީ ރަނުގެ ފުރުސަތެކެވެ.
އެފަދަ ފުރުސަތަކަށް ދިވެހީން އެދިއެދި ތިިބިކަން މިއަދުގެ މަންޒަރުން ކިތަންމެ ރަނގަޅަކަށް ވެސް ހާމަވެއެވެ.
ސާފް ޗެމްޕިއަންޝިޕް މީގެ ކުރިން ވެސް ރާއްޖެ ކާމިޔާބުކޮށްފައިވާ އިރު، ދިވެހި ފަސްގަނޑުގައި، ދިވެހީންގެ ލޯމަތީގައި، ސައްތައިންސައްތަ ދިވެހި ކޯޗުންގެ އިރުޝާދާއެކު "ތިންވަނަ ފަހަރު މިއީ އަހަރުމެންގެ ފަހަރަށް" ނުހެދޭންވީ އެއްވެސް ސަބަބެއް ނެތެވެ.
އެފްއޭއެމް އިން ބުނެފައިވަނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ނަމަ، ދަނޑަށް ވަދެވޭނެ ކަމަށެވެ.
މި މުބާރާތުގެ ޓިކެޓުގެ އަގުތަކަކީ ގޮނޑިބަރީގެ 100 ރުފިޔާ އަދި ސިޑިބަރީގެ ޓިކެޓެއް އަގަކީ 75 ރުފިޔާ އަށެވެ.
ސާފް ޗެމްޕިއަންޝިޕްގެ ޓައިޓްލް ސްޕޮންސަރއަކަށް އުރީދޫ މޯލްޑިވްސް ހަމަ ޖައްސާފައިވާ އިރު، ކޯ ސްޕޮންސަރއަކީ އެސްޓީއޯ އެވެ. މެޑިކަލް ޕާޓްނަރއަކަށް އޭޑީކޭ އަދި އިންޝުއަރެންސް ޕާޓްނަރއަކަށް ހަމަޖައްސާފައިވަނީ އެލައިޑް އިންޝުއަރެންސް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް