މަސްދަރު ހާމަކުރަން އޮތް މާއްދާ ޤާނޫނުއަސާސީއާ ހިލާފު: ޝަފީޤް

ހެއްކާބެހޭ ބިލުގައި މަސްދަރު ހާމަކުރުމަށް އޮތް މާއްދާ ޤާނޫނުއަސާސީއާ ހިލާފުކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީޤް ވިދާޅުވެއްޖެއެވެ. މެމްބަރު މިހެން ވިދާޅުވީ ހެއްކާބެހޭ ބިލަށް ރައްޔި...

29 Sep 2021 | 09:38

ހެއްކާބެހޭ ބިލުގައި މަސްދަރު ހާމަކުރުމަށް އޮތް މާއްދާ ޤާނޫނުއަސާސީއާ ހިލާފުކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީޤް ވިދާޅުވެއްޖެއެވެ.

މެމްބަރު މިހެން ވިދާޅުވީ ހެއްކާބެހޭ ބިލަށް ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ. ޝަފީޤް ވިދާޅުވީ ޖުމުލަ ގޮތެއްގައި ބިލުގައި ހުރިކަންކަމަށް ތާއީދު ކުރާކަމަށެވެ.

އެހެންނަމަވެސް ނޫސްވެރިންގެ މަސްދަރު ހާމަކުރަންޖެހޭގޮތަށް ބިލުގައި އޮތް މާއްދާއާމެދު ކަންބޮޑުވާކަމަށް ވިދާޅުވިއެވެ. ޝަފީޤް ވިދާޅުވީ މިސަރުކާރުން މަސައްކަތްކުރަނީ ނޫސްވެރިންނަށް ދޭންޖެހޭ މިނިވަންކަން ވަރަށްބޮޑަށް ދީގެންކަމަށެވެ. އަދި މިމާއްދާ އޮތްގޮތާމެދު ގިނަ ފަރާތްތަކަކުން ކަންބޮޑުވުން ފާޅުކުރުމުން އެކަން އިސްލާހުކުރާނެކަން ހާމަކޮށްފައިވާކަންވެސް ޝަފީޤް ފާހަގަަކުރެއްވިއެވެ.

ޝަފީޤް ވިދާޅުވީ މަސްދަރު ހާމަކުރުމަށް އޮތް މާއްދާ ޤާނޫނުއަސާސީއާ ހިލާފު ކަމަށެވެ. އެގޮތުން ނޫސްވެރިކަމުގެ މިނިވަންކަމުގެ ތެރެއިން މަސްދަރު ހާމަކުރުމަށް މަޖުބޫރުކޮށްގެން ނުވާނެކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަން ޝަފީޤް ފާހަގަކުރެއްވިއެވެ. އެހެންކަމުން މިބިލުގެ މަސައްކަތް ކޮމިޓީގައި ކުރިއަށްދާއިރު މި މާއްދާ އިސްލާޙުވެގެންދާނެކަމަށް ގަބޫލުކުރާކަމަށްވެސް ވިދާޅުވިއެވެ.

ހެއްކާބެހޭ ބިލުގައި މަސްދަރު ހާމަކުރުމަށް އޮތް މާއްދާއާ ގުޅިގެން ގިނަ ފަރާތްތަކަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިކަމާ ގުޅިގެން ބަންޑާރަނައިބުގެ އޮފީހުން ބުނެފައިވަނީ ހެއްކާބެހޭ ބިލުގައި ހިމެނޭ އެ އުސޫލުގެ ސަބަބުން ނޫސްވެރިންނާއި ޢާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ޙައްލެއް ހޯދުމަށްޓަކައި، އެ ބިލުގެ ކަމާބެހޭ މާއްދާތައް މުރާޖަޢާކޮށް، އެ ބިލަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމުގެ މަސައްކަތް، ބިލުގެ ކޮމިޓީ މަރުޙަލާގައި ކުރިއަށްގެންދާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް