ޖާބިރާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލައިފި

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާ ދެކޮޅަށް އެޅެންއޮތް ޤާނޫނީ ފިޔަވަޅު އެޅުމަށް މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރް ގޮވާލައްވައިފިއެވެ. ޒަރީރް މިފަދައިން ގޮވާލާފައިވަނީ ޖާބިރު މަތިވެރީގެ ރައ...

29 Sep 2021 | 08:22

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާ ދެކޮޅަށް އެޅެންއޮތް ޤާނޫނީ ފިޔަވަޅު އެޅުމަށް މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރް ގޮވާލައްވައިފިއެވެ.

ޒަރީރް މިފަދައިން ގޮވާލާފައިވަނީ ޖާބިރު މަތިވެރީގެ ރައްޔިތުންނަށް ނިސްބަތްކޮށް މަޖިލީހުގައި ދެއްކި ވާހަކަތަކާއި ގުޅިގެންނެވެ.

ޖާބިރު މަޖިލީހުގައި ވާހަކަ ދައްކަވަމުން މަތިވެރި ފަޅުކޮށް އެރަށުގެ ރައްޔިތުންނަކީ ޓެރަރިސްޓުންގެ ގޮތުގައި ސިފަކޮށް އަދި އެރަށަށް އިންވެސްޓަރުން ނުދިއުމަށް ގޮވާލާ ދެއްކި ވާހަކަތަކަށް ރައްދު ދެއްވައި ޒަރީރް ވިދާޅުވީ ރައްޔިތުން ތަމްސީލްކުރާ މެމްބަރަކަށް އެފަދަ ވާހަކަތައް ދެއްކޭނެކަމަށް ގަބޫލުނުކުރާކަމަށެވެ.

ޒަރީރު މިއަދު ވަނީ، މަތިވެރީގައި ޖާބިރު ހިންގާ "ކާޒާމިއާ"ގެ މައްސަލައިގައި ޖާބިރު މަތިވެރީގެ ކައުންސިލަށް 17 އޮގަސްޓްގައި ފޮނުވި ސިޓީއެއްގައި ހުރި ވާހަކަތައްވެސް ހާމަކޮށްފައެވެ. އެގޮތުން ޖާބިރު މަތިވެރީ ކައުންސިލަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން އެއް މިލިއަން ރުފިޔާ ވަގުތުން ދައްކާނެކަމަށާްއި އަދި ދެން ހުރި ފައިސާ ތިން މަސްތެރޭގައި ދައްކާނެކަމަށް ސިޓީގައި ބުނެފައިވާކަމަށް ޒަރީރު ވިދާޅުވިއެވެ.

އެހެންނަމަވެސް އޭގެން އެއްވެސް ފައިސާއެއް އަދިވެސް ދައްކާފައިނުވާކަމަށެވެ.

"އަޅުގަނޑު ސަރުކާރުގެ އެންމެހާ މުއައްސަސާތަކަށް ގޮވާލަން، އެފަދަ ވާހަކަތައް އެބޭފުޅާ [ޖާބިރު] ދައްކާތީ، އެބޭފުޅާއާ ދޭތެރޭގައި ޤާނޫނީގޮތުން އެޅެންހުރި ފިޔަވަޅު އެޅުމަށް ހުރިހާ ފަރާތަކަށް ގޮވާލަން" ޒަރީރު ވިދާޅުވިއެވެ.

މަތިވެރިއަށް މިފަހުން ޖާބިރު އެރުމުން އެ ރަށުގެ ރައްޔިތުން ވަނީ ޖާބިރާ ދެކޮޅަށް އިހުތިޖާޖުކޮށްފައެވެ. އަދި ޖާބިރު ރަށުން ބޭލުމަށް ގޮވާލަން ފެށުމުން ފުލުހުންގެ ހިމާޔަތަށް ގެންގޮސްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް