މާސްކު ނާޅާ ބޭރުގައި އުޅުން އަދި ހުއްދައެއް ނުކުރޭ، ފަރުވާ ބަހައްޓަވާ!

މި ފަހަކަށް އައިސް މާލެ އާއި ފައްސި ވޭދަނަތައް ހުރި އެހެން ރަށްރަށުގައި ވެސް މާސްކު ނާޅައި އެޗްޕީއޭގެ އެންގުންތަކާއި ޚިލާފަށް އުޅޭ މީހުން އިތިވެފައިވާކަން ފާހަގަވެއްޖެއެވެ. ވެރިރަށް މާލޭގެ މަގުތަކުން ...

29 Sep 2021 | 08:11

މި ފަހަކަށް އައިސް މާލެ އާއި ފައްސި ވޭދަނަތައް ހުރި އެހެން ރަށްރަށުގައި ވެސް މާސްކު ނާޅައި އެޗްޕީއޭގެ އެންގުންތަކާއި ޚިލާފަށް އުޅޭ މީހުން އިތިވެފައިވާކަން ފާހަގަވެއްޖެއެވެ.

ވެރިރަށް މާލޭގެ މަގުތަކުން ވެސް މި މަންޒަރު ފެންނަމުން ދާއިރު، ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް މިހާރު މި ކަމުގައި ވަރަށް ބޮޑަށް ދޫދީފައިވާކަން ފާހަގަކުރެވެއެވެ. ގައިޑްލައިންތަކާއި ޚީލާފުވާ މީހުން ހުއްޓުވައި ސުވާލުކުރުމަކީ އަދި ފިޔަވަޅު އަޅަންޖެހިއްޖެ ނަމަ އެކަން ކުރުމަކީ ވެސް ފުލުހުންނަށް މަތިކޮށްފައިވާ ޒިންމާއަކަށް ވާއިރު، މާސްކު ނާޅައި މަގުތަކުގައްޔާއި އާންމުން އެއްވެ އުޅޭ ތަންތަނުގައި މާސްކުނާޅައި ވަރަށް މިނިވަންކޮށް މިހުންނަށް އުޅެވޭ ގޮތަށް ދޫދީފައިވާކަން ފާހަގަކުރަންޖެހެއެވެ،

މާލޭގެ ފިހާރަތަކާއި އާންމު ޚިދުމަތްދޭ ތަންތަނުގައި މަސައްކަތް ކުރާ ބައެއް މީހުން ވެސް އެ ތަންތަނުގައި މާސްކު ނާޅައި ތިބޭތީ ފެނެއެވެ.

ރަށްރަށުގައި އާންމުތަންތަނަށް ނުކުމެ އުޅޭއިރު މާސްކު އެޅުމަކީ މަޖުބޫރު ކަމެއް ކަމަށް އެޗްޕީއޭން ވަނީ އަންގާފައެވެ.

އެއެޖެންސީން މިގޮތަށް އެންގީ ކޯވިޑް-19 ގެ ހާލަތު ގޯސްވަމުންދާތީއާއި ބައެއް ރަށްރަށުންވެސް މިހާރު ކޭސްތައް ފެންނަމުން އަންނާތީ މި ބަލި ކޮންޓްރޯލްކުރުމަށްޓަކާ އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި ފެބުރުއަރީ މަހުގެ ދެވަނަ ދުވަހު ނެރުއްވާފައިވާ އިއުލާނުގައިވާ ގޮތުން، 7 ފެބްރުއަރީން ފެށިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގެއިން ބޭރުގައާއި އާންމު ތަންތަނުގައި އުޅޭއިރު މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފައެވެ.

އެހެންނަމަވެސް 2 އަހަރުން ދަށުގެ ކުޑަކުދިންނާއި ކަސްރަތު ކުރަން އުޅޭ މީހުން ކަސްރަތުކުރާ ވަގުތުތަކުގައި މާސްކް އެޅުމުން އިސްތިސްނާވާނެއެވެ. މީގެ އިތުރުން އެހެން މީހެއްގެ އެހީއާ ނުލައި މާސްކު އަޅައި މާސްކު ނުނެގޭ މީހުންނާއި ހޮޓާ،ކެފޭ، ރެސްޓޯރަންޓް، ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޚިދުމަތް ހޯދާ ފަރާތްތައް، ޚިދުމަތް ހޯދާ ވަގުތު ތަކުގައި މާސްކް އެޅުމުން އިސްތިސްނާވާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ހުރިހާ ރަށެއްގައި މާސްކް އެޅުން މަޖުބޫރުކޮށްފައިވާއިރު މާސްކު ނާޅާ އުޅޭނަމަ މާލެއެކޭ އެއްގޮތަށް ރަށްރަށުގައިވެސް 1000 ރުފިޔާއިން ޖޫރިމަނާކުރަމުންދާނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވަނީ ހާމަކޮށްފައެވެ. އެގޮތުން ފުލުހުން ނެތް ރަށްރަށުގައިވެސް ކޮންމެ ރަށެއްގައިވެސް އޮންނަ ކޯވިޑް ޓާސްކް ފޯހުން އެކަން ބަލަމުން ދާނެކަމަށް ފުލުހުން ބުނެއެވެ.

އަތޮޅުތަކޭ އެއްގޮތަށް މާލޭގައިވެސް މަގުމަތީގައި މާސްކު ނާޅާ އުޅޭ މީހުންނަށް ނަސޭހަތް ދިނުމަކާއި ނުލާ ޖޫރިމަނާ ކުރާނެކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް