އުންމީދަކީ ދިއްދޫ ޖޫނިޔާ ކޮލެޖުގައި 2023 ވަނަ އަހަރު ކިޔަވައިދޭން ފެށުން: މިނިސްޓަރު

ހއ. ދިއްދޫގެ ޖޫނިޔާ ކޮލެޖުގެ މަސައްކަތްތަކުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ކޮންސެޕްޓް ކުރެހުމުގެ މަސައްކަތް ކަމަށާއި އުންމީދަނީ 2023 ވަނަ އަހަރު އެ ކޮލެޖުގައި ކިޔަވައިދިނުމުގެ މަސައްކަތް ފެށުން ކަމަށ...

29 Sep 2021 | 07:32

ހއ. ދިއްދޫގެ ޖޫނިޔާ ކޮލެޖުގެ މަސައްކަތްތަކުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ކޮންސެޕްޓް ކުރެހުމުގެ މަސައްކަތް ކަމަށާއި އުންމީދަނީ 2023 ވަނަ އަހަރު އެ ކޮލެޖުގައި ކިޔަވައިދިނުމުގެ މަސައްކަތް ފެށުން ކަމަށް މަތީ ތައުލީމާއި ބެހޭ ވަޒީރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު މިއަދުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ދިއްދޫގައި ޖޫނިޔާ ކޮލެޖެއް ގާއިމް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވައުދުވެވަޑައިގަންނަވާފައިވާ އިރު އެ މަސައްކަތް 2021 ވަނަ އަހަރުގެ ބަޖެޓުގައި ވެސް ވަނީ ހިމަނާފައެވެ.

އެހެންކަމުން އެކަމާއި ގުޅޭ ގޮތުން 2020 ވަނަ އަހަރު ކުރި މަސައްކަތްތަކާއި، އެ މަސައްކަތް ނިމޭނެ ދުވަހަކާއި، އެ ތަން ނިމި އެ ތަނުގައި ކިޔަވައިދެވެން ފެށޭނެ ދުވަހެއް ސާފުކުރުމަށް މެމްބަރު ވަނީ ސުވާލު ކުރައްވާފައެވެ. ފޭސްތަކަކަށް ބަހާލައިގެން ޖޫނިޔާ ކޮލެޖު ނިންމުމުގެ ބަދަލުގައި އެތަން އެއްކޮށް ނިންމޭނެ ގޮތަކަށް އެ މަސައްކަތް އިންތިޒާމުކުރުމަކީ ސަރުކާރުގެ ވިސްނުން ކަމަށް ވަޒީރު މިއަދު ވިދާޅުވިއެވެ. ރައީސް ސާލިހުގެ ރިޔާސީ ވައުދު އެންމެ ފުރިހަމަ އަށް ފުއްދޭނީ އޭރުން ކަމަށް މިނިސްޓވިދާޅުވިއެވެ.

ދިއްދޫގެ އިތުރުން އެހެން ސަރަހައްދުތަކުގައި އަޅާ ޖޫނިއާ ކޮލެޖު ނިމޭ އިރު އެތަނުގައި ކިޔަވާދޭނެ ދާއިރާ ކަނޑައެޅުމާއި، ކޮލެޖުގެ މަސައްކަތް ނިމޭ އިރު ދަނާލަކާއި އެކު އެތަން ނިންމުމުގެ ވިސްނުން ހުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ރަށު ކައުންސިލާއި ބައްދަލުކޮށް، އެތަނުގައި ކިޔަވާދިނުމަށް އެކުލަވާލާ މަންހަޖާއި މެދު މަޝްވަރާކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. "މި މަސައްކަތް ކުރުމަށް ބަޖެޓުގައި ބާކީ ހުރީ އެއްލައްކަ ހަތްދިހަ ފަސްހާސް. އިނެވެސްޓަރެއް ލިބިއްޖެއްޔާ މި އަހަރުވެސް އިމާރާތް ކުރުމުގެ މަސައްކަތް ފެށޭނެ. އެހެންނަނަމަވެސް އިންވެސްޓަރެއް ނުލިބިއްޖެ އެހެން މޮޑެލް އަކަށް ދާން ވިސްނާ އެ މަސައްކަތް ކުރުމުގެ ވިސްނުން އެބަ ހުރި." މިނިސްޓަރު ޑރ.އިބްރާހިމް ހަސަން ވިދާޅުވިއެވެ.

ދިއްދޫގައި ޖޫނިޔާ ކޮލެޖް ގާއިމް ކުރުމަށް ބޭނުންވާ އިމާރާތުގެ ބޮޑުމިނާއި އެތަނަށް ބޭނުންވާ ބިމުގެ ބޮޑުމިން ދެނެގަތުމާއި، އެ މަސައްކަތަށް ހޭދަވާނެ ވަގުތާއި، ޕްރޮޖެކްޓަށް ހޭދަވާނެ ޚަރަދާއި މި އަހަރުގެ މޭއިގެ ނިޔަލަށް ނިމިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެންމެ ފުރަތަމަ ޖޫނިޔާ ކޮލެޖެއް އަޅަން އެ ރަށުން ދީފައި ވަނީ އެ ރަށުގެ ކުރީގެ ޕްރީސްކޫލް ހުރި އިމާރާތެވެ. އެހެންނަމަވެސް އެއީ ޖޫނިޔާ ކޮލެޖް ހަދަން އެންމެ އެކަށީގެންވާ ތަނެއް ކަމަށް ނުވާތީ މި އަހަރުގެ އޮގަސްޓް މަހުގެ ހަތަރު ވަނަ ދުވަހު އެ ރަށުގައި މި މަސައްކަތް ކުރުމަށް އިތުރު ބިމެއް ކައުންސިލްގެ ފަރާތުން ވަނީ ހަމަޖައްސާދެއްވާފައެވެ. އަދި އެ ތަނަށް އިންވެސްޓްކުރުމުގެ ފުރުސަތު މި މަުގެ 30ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ހަޔަރ އެޑިއުކޭޝަން އިން އިސްނަގައިގެން މި މަސައްކަތަށް އިންވެސްޓަރުން ހޯދަން މަސައްކަތް ކުރި ކަމަށާއި، އެގޮތުން ޔޫކޭ، ހަންގޭރީ، ސައުދިއަރަބިއާ، ޖަޕާން އަދި ކޮރެއާ ފަދަ ގައުމުތަކުގެ ސަފީރުންނާއި ވާހަކަދައްކާ އިންވެސްޓަރުން ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް