ސަރުކާރު ކުންފުނިތަކުގައި އަދިވެސް އޮތީ ކޮރަޕްޝަނަށް މަގު ފަހިކުރާ ސަގާފަތެއް ކަމުގައި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފިއެވެ.
އެ ޖަމިއްޔާއިން މިހެން ބުނެފައިވަނީ އިއްޔެ ފާހަގަ ކުރި ބައިނަލްއަޤްވާމީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ދުވަހުގައި ނެރުނު ބަޔާނެއްގައެވެ.
އެބަޔާނުގައި ބުނެފަވަނީ ރާއްޖޭގައި ރައްޔިތުންނަށް އަސާސީ ޙިދުމަތް ދިނުމުގެ މައިގަނޑު ދައުރެއް އޮތީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އަތްމަތީގައި ކަމަށެވެ. އެހެންނަމަވެސް މި ކުންފުނިތްކުގައި އަދިވެސް އޮތީ މަޢުލޫމާތު ހިފެހެއްޓުމުގެ ސަޤާފަތެއްކަން ހާމަ ކުރެއްވިއެވެ. އަދި މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤު ޤާނޫނުގެ ތެރެއަށް ނުވަންނަ ކަމަށް ބުނެ ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކުން ކުރަމުންދާ މަސައްކަތަކީ ރައްޔިތުންނަށް ޤާނޫނު އަސާސީން ލިބިދީފައިވާ ހައްޤަކަށް ގޮންޖެހުންކަމުގައި ފާހަގަ ކުރިއެެވެ.
އިތުރަށް ހާމަ ބުނެފައިވާ ގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ދައުލަތުން ސީދާ ގޮތެއްގައި ފައިސާއާއި ވަސީލަތް ލިބޭ، އަދި ދައުލަތުގެ މައްސޫލިއްޔަތު އަދާ ކުރަމުން އަންނަ މުއައްސަސާތަކެކެވެ. އެގޮތުން މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤު ޤާނޫނުގެ ތެރެއަށް ސަރުކާރު ހިއްސާވާ ކުންފުނިތައް ނުވަންނަ ކަމަށް ބުނަމުންދާ ބުނުމަކީ އެޖަމިއްޔާއިން ބަލައިގަންނަ ކަމެއްނޫން ކަމަށެވެ.
ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމަށް އެންމެ މުހިންމު ކަމަކީ މުއައްސަސާއެއްގެ ހާމަކަން އިތުރުކުރުމާއި އެންމެންނަސް މަޢުލޫމާތު ހޯދައި ލިބިގަނެވޭނެ ގޮތްތަކެއް ހަމަ ޖެހިފައި އޮތުން ކަމުގައި ޓްރާންސްޕޭރެންސީން ބުނެ އެވެ. މިގޮތުން، 27 ޖޫން 2019 ގައި ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުން ހަރުދަނާ ކުރުމަށްޓަކައި ބޭއްވުނު މަހާސިންތާގައި ކުންފުނިތަކުގެ އިސްވެރިންވެފައިވާ އެއްބަސްވުން ހަނދާންކޮށްދީފައިވެއެވެ. އެ އެއްބަސްވުމަކީ ކޮރަޕްޝަނަށް އެއްވެސް ވަރަކަށް ތަން ނުދިނުމަށާއި ކޮރަޕްޝަން އެއްކޮށް ނައްތާލުމަށް މަސައްކަތް ކުރާނެކަމަށް އިގުރާރުވެ އެކުލަވާލައިފައިވާ އެއްްބަސްވުމެކެވެ.
އެހެންކަމުން، ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ މި ހުރަސްތައް ނައްތާލާ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ރޫހާއި އެއްގޮތަށް މަޢުޅޫމާތު ފަސޭހައިން ހޯދައި ލިބިގަނެވޭނޭ އިންތިޒާމު ހަމަޖެއްސުމަށް ގޮވާލައްވާފައެވެ. އަދި އިސްނަގައިގެން ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ ސަގާފަތް ކުރިއެރުވުމަށް ވެސް މި ބަޔާނުގައި ގޮވާލާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް