އަފްގާނިސްތާނުގެ ވެރިކަން މިދިޔަ މަހު ތޯލިބާނުންގެ އަތް ދަށަށް ދިއުމާއި އެކު ފިލި މީހުންގެ ތެރޭގައި ސަރުކާރު އޮފީސްތަކުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނާއި އަންހެން ފަނޑިޔާރުން ފާހަގަކޮށްލެވެ އެވެ.
އަންހެނުންނާއި މެދު ބޮޑެތި ތަފާތު ކުރުން ގެންގުޅޭ ތޯލިބާނުން ވަނީ ވަގުތީ ސަރުކާރު އެކުލަވާލުމުގެ ކުރިން އަންހެނުންނަށް ސަރުކާރު އޮފީސްތަކުގައި ވަޒީފާ އަދާކޮށް ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ދޭނެ ކަމަށް ބުނެ އެވެ. އެކަމަކު އަންހެން ޓީޗަރުންނާއި ފަނޑިޔާރުންނާއި އަންހެން ފުލުހުންނާއި ސިފައިންނަށް އެ ފުރުސަތެއް ނެތެވެ.
ސާނަވީ އާއި މަތީސާނަވީ އަންހެން ދަރިވަރުންނާއި ޓީޗަރުންނަށް އެންގީ ވަކިގޮތެއް އަންގަންދެން ގޭގައި މަޑު ކުރުމަށެވެ. އޭގެ ކުރިން ތޯލިބާނުންގެ އަތްދަށުން ސަލާމަތްވާ ފުލުހުންނާއި ބައެއް އަފްގާންގެ އަންހެން ނޫސްވެރިންގެ އިތުރުން ކުޅިވަރުތައް ކުޅޭ ގިނަ އަންހެން ޓީމުތަކުގެ މެމްބަރުންނާއި އަންހެން ލަވަކިޔުންތެރިން ވަނީ ގައުމު ދޫކޮށް ފިލާފަ އެވެ.
އޭގެ ތެރޭގައި އަންހެން ފަޑިޔާރުން ހިމެނުނު ކަމުގައި ވިޔަސް 200 އަށްވުރެ ގިނަ ފަނޑިޔާރުން ތިބީ އަފްގާނިސްތާނުގައި ފިލާ ކަމަށްވެ އެވެ. އޭގެ ތެރެއިން ބައެއް އަންހެން ފަނޑިޔާރުން ވަނީ މީޑިއާގައި އެމީހުންނަށް ކުރަމަތިވަމުންދާ ކަންކަން ކިޔައިދީފަ އެވެ.
އެމެރިކާއިން އަފްގާނިސްތާނު ހިފައިގެން އެގައުމުގަ ހޭދަ ކުރި 20 އަހަރު ތެރޭގައި 270 އަށްވުރެ ގިނަ އަންހެން ފަނޑިޔާރުން އެގައުމުގައި ވަޒީފާ އަދާކުރި އެވެ. އޭރު އެކި މައްސަލަތަކުގައި ހައްޔަރުކޮށް ދައުވާ އުފުލުނު ތޯލިބާނުންނަށް ބޮޑެތި ހުކުމް އެ އަންހެން ފަނޑިޔާރުން ކޮށްފައިވެ އެވެ.
އޭގެ ތެރޭގައި ހިމެނޭ އަދި މިހާރު ފިލައިގެން އުޅޭ އަންހެން ފަނޑިޔާރަކު މީޑިއާއަށް ފޯނުން ދިން އިންޓަވިއުއެއްގަ ބުނީ އޭނާ ދިރިއުޅޭ ޕްރޮވިންސް އާއި މުޅި ގައުމު ތޯލިބާނުން ހިފައި އޭނާ މީގެ ކުރިން ޖަލަށް ލީ މީހުން ދޫކޮށްލަން ފަށާފައިވާ ހަބަރާއި އެކު ދިރިއުޅުނު އަމިއްލަ ގެ ދޫކޮށް އާއިލާ އާއި އެކު ފިލާފައިވާ ކަމަށެވެ. ޕްރޮވިންސްއިން ބޭރުވީ މުޅި މޫނު ނިވާވާގޮތަށް ބުރުގާ އަޅައިގެން ހުރެގެން ކަމަށް ބުނެފައިވެ އެވެ.
އޭނާ ބުނީ ގެއިން އެހެން ތަނަކަށް ބަދަލުވިތާ އެއް ދުވަސް ނުވަނީ އަވައްޓެރިންގެ ފަރާތުން ތޯލިބާނުން އެގެއަށް ދިޔަ ކަމުގެ މެސެޖުތައް ކުރަން ފެށި ކަމަށެވެ. އަދި ތަފާތު އިންޒާރުގެ މެސެޖުތައް ލިބެމުންދިޔަ ކަމަށް އެ ފަނޑިޔާރު ބުނެފައިވެ އެވެ.
އޭގެ އެއް ހާދިސާގެ ތަފްސީލް ކިޔައި ދެމުން ބުނީ އަނބިމީހާ ރަހުމު ކުޑަގޮތަކަށް މަރާލި ތޯލިބާނުންގެ މީހަކަށް ޖަލު ހުކުމް އިއްވި ދުވަސް މަތިން ހަނދާންވާ ކަމަށާއިި އެ އަންހެން މީހާއަށް ކޮށްފައިވާ އަނިޔާތަށް ފެންނަ ފޮޓޯ މިހާރުވެސް ލޯމަތީ ސިފަވާ ކަމަށެވެ. އެދުވަހު އެމީހާގެ ފިރިމީހާއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމުން ކޯޓުން ގެންދިޔަ ގަޑީގައި އޭނާ ސަލާމަތްވާ ދުވަހު އަނބިމީހާ މަރާލިގޮތަށް އެ ހާލު ޖެއްސުމަށް ފަހު ފަނޑިޔާރު މަރާލާނެ ކަމަށް ބުނެ އިންޒާރުދިން ކަމަށް ސިއްރުން ފިލާހުރެ ވާހަކަ ދެއްކި އަންހެން ފަނޑިޔާޜު ބުނެފައިވެ އެވެ.
އެ ތޯލިބާން މީހާ މިނިވަން ވުމުން އެންމެ ފުރަތަމަވެސް ދިޔައީ އެގެއަށް ކަމަށް އަންހެން ފަނޑިޔާރު މީޑިއާއަށް މައުލޫމާތު ދެމުން ބުންޏެވެ. އެކަމަކު އޭރު އޭނާ އާއިލާއެކު ފިލާފައިވާތީ އަތު ނުޖެހުނީ ކަމަށާއި އެމީހާ ދިޔަ ކަމުގެ މައުލޫމާތާއި ހޯދަން ދިޔަ މީހާގެ ސިފަ ކިޔައިދިނީ ފޮޓޯ ފޮނުވީ އަވައްޓެރިން މެސެޖުކޮށްގެން ކަމަށް ބުންޏެވެ.
އޭގެ ފަހުން އެ ތޯލިބާން މީހާ ނަމްބަރު ހޯދައިގެން އަންހެން ފަނޑިޔާރަށް ގުޅައި އޭނާ ހުރިތަނާއި، އެކުގައި އުޅޭ މީހުންނާއި ގުޅޭ ހުރިހާ މައުލޫމާތެއް ލިބިފައިވާ ކަމަށް ބުނިކަމަށާއި އަދި ވަރަށް އަވަހަށް ބަދަލު ހިފަން އަންނާނެ ކަމަށް ބުނި ކަމަށްވެސް އަންހެން ފަނޑިޔާރު ރޮމުން ފޯނުން މީޑިއާގައި ބުނެފަވެ އެވެ.
އޭނާ ބުނީ އެ ދުވަހުން ފެށިގެން ދޭތެރެ ދޭތެރެއިން ދަނީ ނަމްބަރު ބަދަލު ކުރަމުންނެވެ. އަދި އުޅޭތަންވެސް ކޮންމެ ހަފްތާއަކުން ބަދަލު ކުރަމުންދާ ކަމަށާއި އެގޮތަށް ދަތުރުކޮށް އަފްގާނިސްތާނުގެ އެތައް ސަރަހައްދަކަށް މިހާރު ދެވިއްޖެ ކަމަށް ބުންޏެވެ.
މިވާހަކަތާއި ގުޅިގެން ތޯލިބާނު ސަރުކާރާއި ސުވާލު ކުރުމުން ތޯލިބާނުންގެ ތަރުޖަމާނެއް ކަމަށްވާ ބިލާލް ކަރީމީ ވިދާޅުވީ އަންހެން ފަނޑިޔާރުންގެ ގޮތުގައި މަސައްކަތް ކޮށްފައިވާ މީހުންނަށް ވަޒީފާ އަދާ ކުރުމުގެ ފުރުސަތު ތޯލިބާނުންގެ އިސްލާމީ ދައުލަތުގައި ނޯންނާނެ ކަމަށެވެ. އެކަމަކު އާންމު އެހެން ރައްޔިތުންނެކޭ އެއްގޮތަށް މިނިވަން ކަމާއި އެކު އާއިލާ އާއި އެކު ގައުމުގައި އުޅެނޭވެނެ ކަމަށް ވިދާޅުވި އެވެ.
ކަރީމީ ވިދާޅުވީ އެފަދަ ފަނޑިޔާރުންގެ ކިބައިން ބަދަލު ހިފުމުގެ ރޫހު ތޯލިބާނުންގެ ނެތް ކަމަށެވެ. އަދި ޖަލުން ދޫކޮށްލި ބަޔަކު ބިރު ދައްކާނަމަ ވީހާވެސް އަވަހަކަށް އެ މައުލޫމާތު ތޯލިބާން ސަރުކާރުގެ އޮފިޝަލުންނާއި ހިއްސާ ކުރުން އެދޭ ކަމަށާއި އެއްވެސް ރައްޔިތަކަށް ބޭއިންސާފުން އަނިޔާ ލިބުނަ ނުދޭނެ ކަމަށެވެ.
ކަރީމީ ވިދާޅުވީ ޖަލުން ދޫކޮށްލި މީހުންގެ ތެރޭގައި ތޯލިބާން ހަނގުރާމަވެރިންގެ އިތުރުން މަސްތުވާތަކެތި ޓްރެފިކް ކުރާ މީހުންނާއި މާފިއާ ގޭންގުތައް އެގައުމުގައި ހިންގި މީހުން ހިމެނޭ ކަމަށެވެ. ޖަލުން ދޫކޮށްލި އެއްވެސް މީހަކު ރައްޔިތަކަށް ނުވަތަ އޭރު ސަރުކާރުގެ އިސް ވެރިއަކަށް އަނިޔާވެރިވެ ބަދަލު ހިފާނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ކަރީމީ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް