ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ޕޯޓޯ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު ލިވަޕޫލް ކާމިޔާބު ކޮށްފިއެވެ.
ގްރޫޕް ބީގައި ހިމެނޭ ލިވަޕޫލް މޮޅުވީ ރަށުން ބޭރުގައި ޕޯޓޯއާއި ވާދަކޮށް 5-1 ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މި މެޗުގައި ލިވަޕޫލުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 18 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މިސްރުގެ އިތުބާރު ފޯވާޑް މުހައްމަދު ސަލާހެވެ. މި ލަނޑަށް ފަހުވެސް ލިވަޕޫލް ރަނގަޅަށް ކުޅެމުން ދިޔައިރު، މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލުން ވަނީ ދެވަނަ ލަނޑެއް ޖަހާ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖޭމްސް މިލްނާގެ އެހީތެރިކަމާއި އެކު ސަޑިއޯ މާނޭއެވެ.
ދެ ލަނޑުގެ ލީޑެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ލިވަޕޫލުން ނިންމާލިއިރު، އެޓީމުގެ ތިންވަނަ ލަނޑު މެޗުގެ 60 ވަނަ މިނެޓުގައި ކާޓިސް ޖޯންސްގެ އެހީތެރިކަމާއި އެކު ކާމިޔާބު ކޮށްދިނީ މި މެޗުގައި ލިވަޕޫލުގެ ފުރަތަމަ ލަނޑުވެސް ޖަހައިދިން ސަލާހުއެވެ. ޕޯޓޯއިން އެޓީމުން މެޗުގައި ޖެހި ހަމަ އެކަނި ލަނޑު މެޗުގެ 79 ވަނަ މިނެޓުގައި ކާމިޔާބު ކުރި އިރު، މި ލަނޑު އެޓީމަށް ކާމިޔާބު ކޮސްދިނީ މެހެދީ ތަރޭމީއެވެ.
ޕޯޓޯއިން އެމީހުންގެ ފުރަތަމަ ލަނޑުޖެހިތާ ގިނައިރުތަކެއް ނުވަނީން ލިވަޕޫލުން ވަނީ އެޓީމުގެ ހަތަރުވަނަ ލަނޑު ޖަހާ ލީޑު އިތުރަށް ފުޅާކޮށްފައެވެ.
މެޗުގެ 77 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖޯންސްގެ އެހީތެރިކަމާއި އެކު މި މެޗުގެ ފަހުހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރޮބާޓޯ ފިރްމީނޯއެވެ. އަދި މެޗުގެ 81 ވަނަ މިނެޓުގައި ފިރްމީނޯ ވަނީ ލިވަޕޫލުގެ ފަސްވަނަ ލަނޑު ވެސް ކާމިޔާބުކޮށްދީފައެވެ.
މި ގުރޫޕުގައި ހިމެނޭ އަނެއް ދެޓީމު ކަމުގައިވާ އެތްލެޓިކޯ މެޑްރިޑާއި އޭސީ މިލާން ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއަކުން އެތްލެޓިކޯއިން ވަނީ އޭސީ މިލާންގެ މައްޗަށް ކުރި ހޯދާފައެވެ.
މި ނަތީޖާތަކާއެކު ގްރޫޕް ބީގެ އެއްވަނައިގައި ލިވަޕޫލް އޮތީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އެތުލެޓިކޯއަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ޕޯޓޯއަށް ދެ މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އަދި ގުރޫޕުގެ އެންމެ ފުލުގައި މިލާން އޮތީ ޕޮއިންޓެއް ނުލިބިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް