ޗެމްޕިއަންސް ލީގު: ޝެރިފް އަތުން ވަރުގަދަ ރެއާލް މެޑްރިޑް ބަލިވެއްޖެ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި އަންގާރަ ދުވަހުގެ ރޭ މޯލްޑޯވާގެ ޝެރިފް އާއި ވާދަކުރިން މެޗުން ސްޕެއިންގެ ރެއާލް މެޑްރިޑް ބަލިވެއްޖެއެވެ. މި މެޗުން ރެއާލް ބަލިވީ އަމިއްލަ ދަނޑުގައި ކުޅެ ޝެ...

29 Sep 2021 | 01:58

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި އަންގާރަ ދުވަހުގެ ރޭ މޯލްޑޯވާގެ ޝެރިފް އާއި ވާދަކުރިން މެޗުން ސްޕެއިންގެ ރެއާލް މެޑްރިޑް ބަލިވެއްޖެއެވެ.

މި މެޗުން ރެއާލް ބަލިވީ އަމިއްލަ ދަނޑުގައި ކުޅެ ޝެރިފް އަތުން 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީވެސް ޝެރިފުންނެވެ. މެޗުގެ 25 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖަސުރްބެކް ޔަކްޝިބޮއޭވެވެ.

މެޗުގެ ފުރަތަމަ ހާފު ޝެރިފް ލީދުގައި އޮވެ ނިންމާލި އިރު، ފަހުހާފު ފެށިގެން މެޗުގެ 65 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކަރީމް ބެންޒެމާ ވަނީ ރެއާލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއީ އޭރިއާ ތެރެއިން ރެއާލުގެ ވިނީޝިއުސް ޖޫނިއާއަށް ޝެރިފުގެ އެޑްމަންޑް އަޑޯ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. މިއީ މިފަހަރުގެ ޗެމްޕިއަންސް ލީގު މުބާރާތުގައި ބެންޒެމާ ކާމިޔާބު ކުރި ފުރަތަމަ ލަނޑެވެ.

ބެންޒެމާގެ ލަނޑުން ރެއާލުން ނަތީޖާ އެއްވަރުކުރި ނަމަވެސް، މެޗުގެ ފަހު އެންމެ ފަހު މިނެޓުގައި 89 ވަނަ މިނެޓުގައި ޝެރިފުން ވަނީ ދެވަނަ ލަނޑެއް ޖަހާ އަލުން މި މެޗުގައި ލީޑު ނަގާފައެވެ. އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސެބަސްޓިއަން ތިލްއެވެ.

މި މެޗުން ޝެރިފް މޮޅުވިއިރު، މި ގްރޫޕުގެ އަނެއް މެޗުގައި ޝަޚްތާރު ޑޮނިއެސްކާއި އިންޓަ މިލާން ބައްދަލުކުރިއިރު، އެ މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ރޭގެ މި ނަތީޖާއާއި އެކު ގްރޫޕް ޑީގައި ކުޅުނު ދެމެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއި އެކު އެ ގުރޫޕުގެ އެއްވަނައަށް ޝެރިފް ވަނީ ޖެހިލާފައެވެ. ދެވަނައިގައި އޮތް ރެއާލަށް ދެ މެޗުން ތިން ޕޮއިންޓް ލިބިގެން މި ގުރޫޕުގެ ދެވަނާގައި އޮތްއިރު، ފުލުގައި އޮތް އިންޓަ އާއި ޝަޚްތާރަށް ދެ މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް