ޗެމްޕިއަންސް ލީގު: މެސީ ތަފާތު ދައްކާ ޕީއެސްޖީ މޮޅު ކޮށްދީފި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ އަތުން ޕީއެސްޖީ މޮޅުވެއްޖެއެވެ. ގުރޫޕް އޭގައި ހިމެނޭ ޕީއެސްޖީ ސިޓީއާއި ވާދަކޮށް ރޭގެ...

29 Sep 2021 | 01:39

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ އަތުން ޕީއެސްޖީ މޮޅުވެއްޖެއެވެ.

ގުރޫޕް އޭގައި ހިމެނޭ ޕީއެސްޖީ ސިޓީއާއި ވާދަކޮށް ރޭގެ މެޗުން ޕީއެސްޖީ މޮޅުވީ 0-2 ގެ ނަތީޖާއިންނެވެ.

ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗުގައި ޕީއެސްޖީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލަނޑުޖަހާ ލީޑު ނަގާފައެވެ. މެޗު ފަށައިގެން އަށްވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިދުރީސާ ގާނާ ގޭއެވެ. މި ލަނޑަށް ފަހު ސިޓީން ކުޅުން ވަރުގަދަ ކޮށް މެޗު ކޮންޓްރޯލްކޮށްގެން ކުޅުނު ނަމަވެސް، ޕީއެސްޖީން ވަނީ ރަނގަޅަށް ޑިފެންސްކޮށް ސިޓީ ހުއްޓުވާފައެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނީ ޕީއެސްޖީ ލީގުގައި އޮވެގެންނެވެ.

ފަހު ހާފަށް ފެށިގެންވެސް ރަނގަޅަށް ކުޅެމުން ދިޔައީ ސިޓީންނެވެ. އެގޮތުން ޕީއެސްޖީގެ ފަހަތަށް ބާރު ބޮޑުކޮށް ނަތީޖާ އަނބުރާލަން ސިޓީން ގިނަ މަސައްކަތް ތަކެއް ކުރިއެވެ. ނަމަވެސް ޕީއެސްޖީގެ ވަރުގަދަ ޑިފެންސްލައިނުން ވަނީ ސިޓީ ގެ މަސައްކަތް ފެނަށް ދުއްވާލާފައެވެ. މެޗުގައި ޕީއެސްޖީން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 74 ވަނަ މިނެޓުގައެވެ. ކައުންޓަ އެޓޭކެއްގައި ކީލިއަން އެމްބާޕޭގެ އެހީއާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނިމިގެން ދިޔަ ޓްރާންސްފާ ބާޒާރުގައި ސްޕެއިންގެ ބާސެލޯނާ ދޫކޮށް އެޓީމާއި ގުޅުނު ފޯވާޑު ލިއޮނެލް މެސީއެވެ. މިއީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވި ފަހުން މެސީ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

މި މެޗުން ޕީއެސްޖީ މޮޅުވިއިރު، މި ގްރޫޕުގެ އަނެއް މެޗުގައި އަންގާރަ ދުވަހުގެރޭ ކުލަބު ބްރޫޖުން ވަނީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން އާރްބީ ލައިޕްޒީގް ބަލިކޮށްފައެވެ. މި ނަތީޖާތަކާއެކު ގްރޫޕް އޭގެ އެއްވަނައިގައި އޮތް ޕީއެސްޖީއާއި، ދެވަނައިގައި އޮތް ބްރޫޖަށް ވަނީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނައިގައި އޮތް ސިޓީއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ތާވަލުގެ ފުލުގައި ލައިޕްޒީގް އޮތީ ދެ މެޗުން ޕޮއިންޓެއް ނުލިބިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް