ވެރިކަން ބަދަަލުވުމުގެ މަރުހަލާގައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ފަރާތްޕުޅުން ސިޔާސީ ގޮތުން އެންމެ އިސްބޭފުޅަކަށް ހުންނަވާނީ ކުރީގެ މަޖިލީހުގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބުދުﷲ ޝާހިދު ކަމަށް އިބޫގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ ދާއިމީ ނަތީޖާ މިއަދު އިއުލާން ކޮށް ނިމިފައިވާތީ، ސަރުކާރު ބަދަލުވުމުގެ މަރުހަލާ ނުވަތަ ޓްރާންސިޝަންގެ މަސައްކަތްތައް ދަނީ ފެށިގެން ކުރިއަށް ކަމަށެވެ. އެކަންކަމަށ ސިޔާސީ ގޮތުން އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހަރަކާތްތެރިވަމުން ދާނީ ޝާހިދު ކަމަށެވެ.
މާރިޔާ ވިދާޅުވީ ޝަހިދުގެ ދަށުން ހުންނަވާ ޑައިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އައްޔަން ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާ ކަމަށެވެ. އެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަން ޖެހެނީ ސިވިލް ސާވިސް ކޮމިޝަނާއި ގުޅިގެންނެވެ.
"ޓްރާންސިޝަން މި މަރުހަލާ ހެޑް ކުރައްވާ ސިޔާސީ ބޭފުޅެއްގެ ގޮތުގައި ހުންނަވާނީ ކުރީގެ މަޖިލިސް ރައީސް ޝާހިދު. ދެން އޭގެ ދަށުން ޑައިރެކްޓާ ޖެނެރަލް އޮފް ޓްރާސިޝަނެއް އައްޔަން ކުރައްވާނީ. އެ ބޭފުޅެއް އައްޔަން ކުރެއްވުމުގެ މަސައްކަތް އެބަ ކުރިއަށް ދޭ." މާރިޔާ ވިދާޅުވި އެވެ.
މާރިޔާ އިތުރަށް ވިދާޅުވީ، ސަރުކާރުގެ ބައެއް ލިޔުންތަކާއި ވަޒީފާތަކަށް މީހުން އައްޔަން ކުރުމާއި ކެނޑުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށެވެ. ސަރުކާރު ބަދަލުވުމުގެ މަރުހަލާ ކުރިއަށްދާއިރު އެފަދަ ކަންކަން ނުކުރެއްވުމަށް މާރިޔާ އެދިވަޑައިގެންނެވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް