އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ސަލާމަތީ ބާރުތަކުގެ ފުރިހަމަ އެއް ބާރުލުން ލިބޭނެ ކަމަށް ފުލުހުންނާއި ސިފައިން ބުނެފި އެވެ.
ދެ ފަރާތް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން އާއި އެމްއެންޑިއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އާދަމް އާޒިމް ވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމަށް މަރުހަބާ ދަންނަވާފަ އެވެ.
ޝިފާން ވިދާޅުވީ ރައްޔިތުންގެ އެ ނިންމުމަށް އިހުތިރާމްކޮށް އެ ނިންމުން ދަމްހައްޓާ އެއްބާރުލުން ދޭނެ ކަމަށެވެ. އަދި މިހާރު ކުރިޔަށްދާ އިންތިގާލީ މަރުހަލާގައި އެ ނިންމުން ގާއިމް ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ތަރުތީބުން ކުރިޔަށް ގެންދާނެ ކަމަށެވެ.
އާޒިމް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ތެރޭގައި ރައްޔިތުން ދައްކުވައި ދިނީ ސުލްހަވެރިކަމާއި އަމާންކަން ކަމަށެވެ. އަދި ސިފައިންގެ ފަރާތުން އިލްތިމާސް ކުރަނީ ހަމައެގޮތަށް މި އިންތިގާލީ މަރުހަލާގެ ތެރޭގައި ވެސް އަމާންކަމާއެކު ކުރިޔަށް ދިޔުމަށް ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކޮށް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ކަމަށް އިންތިހާބު ވެފައިވާކަން އިއުލާނުކޮށްފައި އެވެ. އިބޫ އިންތިހާބު ކާމިޔާބު ކުރެއްވީ ރައީސް އަބްދުﷲ ޔާމީން އާއި ވާދަ ކުރައްވާ 134 ހާހަށްވުރެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް