ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ރިޕޯޓު ކުރާ މިންވަރު މަދު ނުވާކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބު ދައްކައިފި އެވެ.
އެމިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ މަހު އެ މިނިސްޓްރީއަށް 193 މައްސަލަ ހުށަހެޅުނެވެ. އޭގެ ތެރެއިން 89 މައްސަލަ އަކީ ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި ގުޅިގެން ހުށަހެޅުނު މައްސަލަ ތަކެވެ. އެއީ ހުށަހެޅުނު މައްސަލަތަކުގެ 46 ޕަސެންޓު މައްސަލަ އެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާގެ ތެރެއިން އެންމެ ގިނައިން ހުށަހަޅާފައިވަނީ ޖިންސީ އަނިޔާގެ މައްސަލަތަކެވެ. އެބާވަތުގެ 26 މައްސަލަ ހުށަހަޅާފައިވާއިރު ޖިސްމާނީ އަނިޔާގެ 20 މައްސަލަ އަދި އުހުމާލުވުމުގެ 18 މައްސަލަ ހުށަހަޅާފައިވެ އެވެ.
ކުޑަކުދިންނާއި ގުޅޭގޮތުން ހުށަހެޅިފައިވާ އިތުރު މައްސަލަތަކުގެ ތެރޭގައި އިންޓަނެޓު މެދުވެރިކޮށް ނަގާލިބުމުގެ ހަތަރު މައްސަލަ އާއި އެހެން ކުދިންގެ ފަރާތުން ނަގާލިބުމުގެ ހަތަރު މައްސަލައެއް ހިމެނެ އެވެ. ކުޑަކުދިންނަށް ގެވެށި އަނިޔާ ކުރުމުގެ ދެ މައްސަލައަކާއި ކުޑަކުދިން ކުށްކުރުމުގައި ބައިވެރިވުމުގެ އަށް މައްސަލައެއް ހުށަހެޅިފައިވެ އެވެ.
ކުޑަކުދިންގެ އަހުލާގާއި ގުޅުން ހުރި 13 މައްސަލައެއް ހުށަހެޅިފައިވެ އެވެ. އޭގެ ތެރޭގައި ސްކޫލަށްދާން ދެކޮޅު ހެދުމުގެ ހަ މައްސަލައަކާއި ގެއިން ނުކުމެގެންދިއުމުގެ މައްސަލައަކާއި ފުރައްސާރަ ކުރުމުގެ ތިން މައްސަލަ ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް