އިއްޔެ ބޭއްވި ޕީޕީއެމްގެ ހާއްސަ ކޮންގްރެސްއިން ނިންމި ނިންމުންތައް ބާތިލު ކުރަން ކޯޓަށް ދާން އެ ޕާޓީން ވަކިކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއަށް ތާއީދު ކުރާ ފަރާތްތަކުން ނިންމައިފި އެވެ.
ޕީޕީއެމްއިން 2013 ވަނަ އަހަރު އިންތިހާބު ކޮށްފައިވާ އިންތިހާބު ކޮމިޓީގައި ހިމެނިވަޑައިގެންނަވާ އަހުމަދު ޝުޖާއު، އަލީ ރަޝީދު އަދި އަހުމަދު އަރުފަތު ސޮއި ކުރައްވާ ނެރުއްވާފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިއްޔެ ބޭއްވި ގައުމީ ޖަލްސާއަކީ އަސާސީ ގަވައިދާ ހިލާފަށް ބޭއްވި ޖަލްސާއެއް ކަމަށެވެ. އެއީ އެ ޖަލްސާ އަކީ 2013 ވަނަ އަހަރު އިންތިހާބުކޮށްފައިވާ އިންތިހާބު ކޮމިޓީގެ އެއްވެސް ބައިވެރިވުމެއް ނެތި ކުރިޔަށް ދިޔަ ޖަލްސާއަކަށް ވާތީ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފަށް ކޮންގްރެސް ކުރިއަށް ގެންދާތީ ޕާޓީގެ ގިނަ ގޮފިތަކަކުން ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. ގައުމީ ޖަލްސާއަށް ފޮނުވާނެ މީހުން ގޮފިތަކުން ހޮއްވަވާފައިނުުމާއި ގިނަ ގޮފިތަކަށް ގައުމީ ޖަލްސާ ބާއްވާކަން އަންގާފައި ނުވާކަމުގެ ޝަކުވާ އެ ފަރާތްތަކަށް ލިބިފައިވާ ކަމަށް ބުނެފައިވެ އެވެ.
ޕީޕީއެމްއިން އިއްޔެ ބޭއްވި ގައުމީ ޖަލްސާގައި ވަނީ އެޕާޓީގެ ރައީސް ކަމަށް ރައީސް އަބްދުﷲ ޔާމީން އިންތިހާބު ކޮށްފައި އެވެ. އަދި ނައިބު ރައީސުންނަށް އަބްދުއް ރަހީމް އަބްދުﷲ، މުހައްމަދު ސައީދު، އާޒިމާ ޝަކޫރު އަދި މުސާ ޒަމީރު އިންތިހާބުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް