ޔަމަންގައި ކުރިއަށްދިޔަ ކައިވެނީގެ ހަފްލާއަކަށް ދިން ވައިގެ ހަމަލާއެއްގައި އާމުންގެ 135 މީހުން މަރުވެއްޖެކަމަށް އަލިފްދާލުން ބުނެފިއެވެ.
މިހަމަލާ ދިންކަމަށް ބެލެވެނީ ސައުދީ އަރަބިއްޔާއިން ހަދާފައިވާ ކޯލިޝަނުން ކަމަށް ހުޅަނގުގެ މީޑިއާތަކުން ވަނީ ބުނެފަ އެވެ.
ޔަމަންގެ ކައިވެނީގެ ހަފްލާ ކުރިއަށްދިޔަ އަލް ވަހިޖާއަކީ ސައުދީ އިން ހަދާފައިވާ ކޯލިޝަންގެ ވައިގެ ބާރުގެ ދަށުގައި އޮންނަ އަވަށެކެވެ. ވައިގެ މަގުން ފޮނުވާލި ދެ މިސައިލް ދެ ޓެންޓަށް އަރާ އެވަގުތުވެސް އެތަށް ބަޔަކު މަރުވިކަމަށްވެއެވެ. އަދި މަންޒަރު ދުއް މީހުން މައުލޫމާތުދެމުން ބުނެފައިވާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
ޔަމަން ސަރުކާރުގެ އިސް އޮފިޝަލަކު އޭޕީ އަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިހަމަލާއަކީ ސައުދީއިން ހަދާފައިވާ ކޯލިޝަނުން އޮޅިގެން ދެވުނުހަމަލާއެއްކަމަށެވެ. އެހެން ނަމަވެސް ސައުދީ ކޯލިޝަނުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ. ކޯލިޝަންގެ ތަރުޖަމާނު ބުނެފައިވަނީ ކޯލިޝަނުން އެސަރަހައްދުގައި ވޭތުވެދިޔަ ތިން ދުވަހުވެސް ވައިގެ އެއްވެސް އޮޕަރޭޝަނެއް ހިންގާފައި ނުވާނެކަމަށާއި އޮޅިގެންވެސް އެކަހަލަ ހަމަލާއެއް ދެވިއްޖެނަމަ އެކަމާ އެއްބަސްވެ އެކަމުގެ ފުރިހަމަ ޒިންމާ ކޯލިޝަނުން ނަގާނެކަމަށެވެ.
މިހާދިސާ ހިނގާފައި މިވަނީ ސައުދީ ކޯލިޝަނުން ޔަމަންގައި ދިން ވައިގެ ހަމަލާއެއްގައި 30 މީހުން މަރުވިތާ ދުވަހެއް ފަހުންއެވެ. ސައުދީ ކޯލިޝަނުން މިއަހަރުގެ މާޗުމަހުގައި ހޫތީންނާއި ދެކޮޅަށް ހަނގުރާމަފެށި ފަހުން 4900 މީހުން މަރުވެފައިވާކަމަށް އދ ގެ ހިސާބުތަކުން ދައްކައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް