ރިޔާސީ ލޯންޗުކޮޅުގައި އިއްޔެ ހިނގި ހާދިސާ ތަހުގީގުކުރަން ސައުދީއަރަބިއްޔާއިން ރާއްޖެ އައިސްފައިވާ ނުވަ މެމްބަރުންގެ މައްޗަށް ހިމެނޭ ފޮރެންސިކް ޓީމާއި، ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު ބައްދަލު ކުރައްވައިފި އެވެ.
ފުލުހުން ހާމަކުރާ ގޮތުގައި މި ބައްދަލުވުން ބާއްވާފައިވަނީ ފުލުހުންގެ މައި އިދާރާ ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި މިއަދު މެންދުރުފަހު ވަގުތެއްގަ އެވެ. މިބައްދަލުވުމުގައި މިފަދަ އަވަސް ގޮތަކަށް މިތަޙުޤީޤުގައި އެހީތެރިވުމަށް ފޮރެންސިކް ޓީމެއް ފޮނުއްވައިދެއްވިކަމަށްޓަކައި ސަޢުދީ ރަސްގެފާނަށާއި ސަޢުދީ ސަރުކާރުގެ ވެރިންނަށާ ސަޢުދީ ފުލުހުންގެ އިސްވެރިންނަށް ސީޕީ ޝުކުރު އަދާ ކުރެއްވި ކަމަށް ފުލުހުން ހާމަކުރެ އެވެ. އަދި މިޓީމު ރާއްޖެ އައިސް މިއަދުން މިއަދަށް ތަޙުޤީޤުގެ މަސައްކަތް ފަށާފައިވާތީ އެކަމާ އުފާ ކުރައްވާކަން ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދުގެ ވާހަކަ ފުޅުގައި ފާހަގަ ކުރެއްވި ކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.
"ސަޢުދީ ފޮރެންސިކް ޓީމުން މިބައްދަލުވުމުގައި ވާހަކަ ދެއްކެވި ބޭފުޅުން ވަނީ މި ޙާދިސާއަކީ ވަރަށް ހިތާމަހުރި ޙާދިސާއެއްކަން ފާހަގަ ކުރައްވާފައި، މިއާއެކު ރާއްޖޭގައި ހިނގާ މިފަދަ ތަޙުޤީޤެއްގައި ދިވެހިންނާއެކު މަސައްކަތްކުރަން ފުރުޞަތު ލިބުނުކަމީ ވަރަށް ބޮޑު އުފަލެއްކަން ފާހަގަ ކުރައްވައި ސައުދީ ސަރުކާރުގެ ހުށަހެޅުއްވުން ޤަބޫލު ކުރައްވައި ސަޢުދީ ފޮރެންސިކްޓީމަށް ދެއްވި ފުރުޞަތަށް ދިވެހި ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ އަށާ ދިވެހި ސަރުކާރަށް އަދި ދިވެހި ފުލުހުންނާ ސިފައިންގެ ވެރިންނަށް ޓީމުގެ މެމްބަރުން ވަނީ ޝުކުރު އަދާ ކުރައްވާފައި، އަދި އެޓީމުގެ މެމްބަރުންގެ ލަޔާޤަތާ ޤާބިލިއްޔަތު ތަންދިން އެންމެ ފުރިހަމަ ގޮތެއްގައި ރާއްޖޭގެ ތަޙުޤީޤު ޓީމާއެކު މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދަށް ސަޢުދީ ފޮރެންސިކް ޓީމުގެ މެމްބަރުން ދެއްވި" ފުލުހުން ބުނެފައި ވެ އެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މިހާތަނަށް މިމައްސަލައިގެ ތަޙުޤީޤުގައި ދިވެހި ފުލުހުންގެ ތަޙުޤީޤު ޓީމުން ކޮށްފައިވާ މަސައްކަތަކީ ފާހަގަ ކުރެވޭފަދަ މުހިއްމު މަސައްކަތެއްކަން ސަޢުދީ ފޮރެންސިކް ޓީމުގެ މެމްބަރުން މިބައްދަލުވުމުގައި ފާހަގަ ކުރި ކަމަށެވެ.
ފުލުހުން ހާމަކުރާ ގޮތުގައި މިބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީ އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޙަސަން ޙަބީބް އާއި ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު އާއި ފޮރެންސިކް ސަރވިސަސް ޑައިރެކްޓްރޭޓުގެ ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ އަޙްމަދު ބައިވެރި ވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް