އިއްޔެ ހެނދުނު ރިޔާސީ ލޯންޗްކޮޅުގައި ހިނގި ހާދިސާގެ ތަޙުޤީޤުގައި ދިވެހި ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންގެ އޭޖެންޓަކު ރާއްޖެ އަތުވެއްޖެއެވެ.
ފުލުހުން ބުނީ މިރޭ 22:30 ގައި އެފްބީއައި އޭޖެންޓް އައުމުން އޭނާއަށް އިބްރާހީމް ނާސިރު އިންޓާނޭޝަނަލް އެއާޕޯޓުން މަރުޙަބާކިޔާފައިވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އުސާމަތު މުޙައްމަދު ކަމަށެވެ.
މޯލްޑިވްސް ޕޮލިސް ސަރިވިސްގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު މިއަދު މީޑިއާތަކާ ބައްދަލުކުރައްވައި ވިދާޅުވެފައިވަނީ، ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ހިންގާ ތަޙުޤީޤުގައި އެމެރިކާގެ އެފްބީއައިގެ އިތުރުން އޮސްޓްރޭލިއާގެ ފެޑެރަލް ޕޮލިސް ގެ އެހީތެރިކަމަށްވެސް އެދިފައިވާކަމަށާއި ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި މި މައްސަލަ ތަޙުޤީޤު ކުރަމުން ގެންދާކަމަށެވެ.
މި މައްސަލައިގެ ތަޙުޤީޤު ގައި ބައިވެރިވުމަށް ސައޫދީ އަރަބިޔާގެ ފޮރެންސިކް ޓީމެއް މިރޭގެ ވަގުތެއްގައި ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައި ވާކަމަށްވެސް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް