ފަލަސްތީނުގެ ހައްގުގައި އަޑުއުފުލުމުން ތިމަންނާއަށާއި ތިމަންނާގެ ދަރިންނަށް ބިރު ދައްކާކަމަށް ބުނެ، ނިކަމެތި ދެ އަންހެނުން ހައްޔަރުކުރުން ލަދުވެތި: ޑރ އިޔާޒް

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާއްމާއި ދެކޮޅަށް ރާއްޖޭގައި އަޑުއުފުލާ، އައިޝަތު ޝާދިޔާ އަދި ޑރ ޝަޒްރާ އިބްރާހިމް ހައްޔަރުކުރުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. ...

29 Aug 2024 | 11:31

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާއްމާއި ދެކޮޅަށް ރާއްޖޭގައި އަޑުއުފުލާ، އައިޝަތު ޝާދިޔާ އަދި ޑރ ޝަޒްރާ އިބްރާހިމް ހައްޔަރުކުރުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ފުލުހުން ބުނީ، އެމީހުން ހައްޔަރުކޮށްފައިވަނީ ސުލްހަވެރިކަމާއިއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، ވަކި ޝަފީރަކަށް އުދަނގޫވާ ގޮތަށް އަމަލުކޮށް، ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުން ކޯޓު އަމުރުގެ ދަށުން ކަމަށެވެ.

މިކަމާއި ގުޅިގެން ޑރ އިޔާޒް އެކްސްގައި ވިދާޅުވީ، ގޭގެ ވަށައިގެން ސަލާމަތީ ކެމެރާތައް ހަރުކޮށްފައި، އެތައް ބައިވަރު ހަށިފާރަވެރިންތިބި ތަނަކަށް ނިކަމެތި ދެ އަންހެނުން ގޮސް ފަލަސްތީނުގެ އަހުންނާއި އުހުތުން އުފުލަމުން ގެންދަވާ ވޭންތަކުގެ ވާހަކަ ދެއްކުމުން ތިމަންނާއާއި ދަރިންނަށް ބިރުދައްކާކަމަށް ބުނެ، އައުވާނުން ލައްވާ ވާހަކަބޮޑުކޮށްގެން ދޮގު ޚަބަރު ފަތުރާ، ފުލުހުންނަށް ޕްރެޝަރުކޮށް އެ ދެ އަންހެނުން ހައްޔަރުކުރުމަކީ ލަދުވެތި ކަމެއް ކަމަށެވެ.

" ރީތި ގޮތުގައި އެމީހުންނާއި ބައްދަލުކޮށް ތިމަންނާމެން ފަލަސްތީނުގެ ކަންތަކުގައި މިވެނި ކަންތައްތަކެއް ކުރަމޭ އިތުރަށް ކުރެވޭނެ ކަންތަކާއި މެދު ވެސް ވިސްނަމޭ ބުނެ ވާހަކަ ދެއްކިނަމަ މަންޒަރު ރީތިވީސް.މިހާރު ކަންތައްތައް ކުރެއްވި ގޮތުން ދޭހަވަނީ ފަލަސްތީނަށް ވުރެ ބޮޑަށް އިސްރާއިލަށް ވާގިވެރިވާ ބޭފުޅެއް ކަމަށް. ތިޔަހެން ކަންތައްތައް ކުރެއްވީމާ މަނިކުފާނު އެ ގައުމެއް ތަމްސީލުކުރައްވަން ވަޑައިގެން ހުންނެވި ގައުމަށްވެސް ހުތުރު" ޑރ އިޔާޒް ވިދާޅުވިއެވެ.

ފުލުހުން އެ ދެ އަންހެނުން އުދަނގުކޮށްފައިވަނީ ކޮން ސަފީރަކަށް ކަމެއް ނުވަތް ކޮން ޑިޕްލޮމެޓިކް މިޝަންތަކަކަށް ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރާ އެދެމީހުން ހައްޔަރުކުރުން، އިދިކޮޅު ޕާޓީ އެމްޑީޕީން އަދި އަދާލަތު ޕާޓީންވެސް ވަނީ އެކަން ކުށްވެރިކޮށްފައެވެ.

ޝާދިޔާ އަދި ޑރ ޝަޒްރާގެ ބަންދަށް މިއަދު ކްރިމިނަލް ކޯޓުން ވަނީ ތިން ދުވަސް ޖަހާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް