ޗެކަޕް ހަދާލަންވެސް ރައީސް ވަޑައިގަންނަވަނީ ސިންގަޕޫރަށް – ރައްޔިތު މީހާ ހުންނަންޖެހެނީ ކަޅު ބާޒާރުން ޑޮލަރު ގަނެގެންވެސް ނުފުރިފަ: ޓިކްޓޮކް ސަމާ

މެޑިކަލް ޗެކަޕެއް ހަދާލަންވެސް ރައީސް މީހާ ސިންގަޕޫރަށް ވަޑައިގަންނަވާއިރު އާއްމު ރައްޔިތު މީހާ ހުންނަންޖެހެނީ ކަޅު ބާޒާރުން ޑޮލަރު ގަނެގެންވެސް ނުފުރިފައި ކަމުގައި މަރިޔަމް ސަމާ (ޓިކްޓޮކް ސަމާ) ބުނެފ...

29 Aug 2024 | 09:08

މެޑިކަލް ޗެކަޕެއް ހަދާލަންވެސް ރައީސް މީހާ ސިންގަޕޫރަށް ވަޑައިގަންނަވާއިރު އާއްމު ރައްޔިތު މީހާ ހުންނަންޖެހެނީ ކަޅު ބާޒާރުން ޑޮލަރު ގަނެގެންވެސް ނުފުރިފައި ކަމުގައި މަރިޔަމް ސަމާ (ޓިކްޓޮކް ސަމާ) ބުނެފިއެވެ.

ސަމާ މިހެން ބުނެފައިވަނީ ސަމާގެ ހިތުން ހިތަށް ޕްރޮގްރާމްގެ ދަށުން މިރޭ ބޭއްވުމަށް ތައްޔާރުވަމުން އަންނަ އެހީ ޕްރޮގްރާމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ކުރިއަށްގެންދިޔަ ޓިކްޓޮކް ލައިވެއްގައެވެ.

އެ ލައިވްގައި އާއްމު ރައްޔިތު މީހާއަށް ބޭސްފަރުވާ ހޯދުމުގައި ހުރި ގޮންޖެހުންތަކާއި ދަތިތަކުގެ ވާހަކަ ދައްކަމުން ސަމާ ބުނެފައިވަނީ އޭނާ އެ ވާހަކަތައް އެ ދައްކަނީ ފާއިތުވި އަހަރެއްހާ ދުވަހު "ހިތުން ހިތަށް" ޕްރޮގްރާމްގައި ކުރި ތަޖުރިބާގެ އަލީގައި ކަމަށާއި ސަމާއަށް ގާތްގަނޑަކަށް ކޮންމެ 50 ކުއްޖަކުން އެއް ކުއްޖަކަށް އެހީތެރިކަމެއް "ހިތުން ހިތަށް" ޕްރޮގްރާމް މެދުވެރިކޮށް ފޯރުކޮށްދެވޭއިރު އާއްމު ރައްޔިތު މީހާއި އާއިލާތައް އުޅެނީ ވަރަށް ނިކަމެތި ހާލުގައި ކަމަށެވެ.

އެގޮތުން ސަމާ ބުނީ އާސަންދަ ހަމަޖެހި ޓިކެޓް ހަމަޖެހުނު ނަމަވެސް އެންސްޕާއިން 200 އެއްހާ ޑޮލަރު ހަމަޖެހިގެންދާއިރު އެވެސް ދެނީ އެ އަދަށްވާ ފައިސާ ކަމަށެވެ. އަދި ދެން އާއްމު ރައްޔިތުމީހާ ޖެހެނީ ކަޅު ބާޒާރުން 18 އަށް ޑޮލަރު ގަންނަން ކަމަށެވެ.

ސަމާގެ "ހިތުން ހިތަށް" ޕްރޮގްރާމްގެ ޕްރޮގްރާމެއް މިރޭ ކުރިއަށްގެންދާނެއެވެ. މިރޭ 09:00ގައި ސަމާގެ ޓިކްޓޮކް އެކައުންޓުން ލައިވްކޮށް ކުރިއަށްގެންދާ މި އިވެންޓް ސަމާގެ ޓިކްޓޮކް އެކައުންޓުންނާއި އަދި ދުވަސް ނޫހުގެ ފޭސްބުކް ޕޭޖުންވެސް ލައިވް ކުރާނެއެވެ.

ސަމާގެ މިރޭގެ "ހިތުން ހިތަށް" ޕްރޮގްރާމް މިރޭ ހާއްސަ ކޮށްފައިވަނީ ހަށިގަނޑުން ބޭރުގައި ލިވަރ އުފެދިފައިވާ ޔަޝްވީ ބިންތް ޝާކިރްގެ ބޭސްފަރުވާގެ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް