އިންޖިނިއަރަކަށްވެ ހުރެ ޑރ. މުހައްމަދު މުއިއްޒު ނެރު ކެނޑިގޮތާމެދު، 'އިބޫއަސްލަމް' ކެމްޕޭން ސްޕޯކްސްޕަރސަން މާރިޔާ ދީދީ ފާޑު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވަނީ، އެހެން ދުވަސްތަކެކޭ ވެސް އެއްގޮތަށް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުއިއްޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އެގޮތުން މާރިޔާ ވިދާޅުވީ، މުއިއްޒުގެ ހައުސިންގް މިނިސްޓަރު ކަމުގައި މާލޭގެ ދެކުނު ބަނދަރުގައި ކެރެއް ކެނޑުމުން އެތަނުން ވެގެން ދިޔަ ގޮތް އެންމެންނަށްވެސް އެނގޭ ކމަށެވެ.
"އިންޖިނިއަރެއް ވެއްޖެއްޔާ އެނގިވަޑައިގަންނަވާނެ ޓައިޑު އޮންނާނެ ގޮތާ، ދެން އެހެން ހުރިހާ ކަމެއް. އޭގަ އެ ޓައިޑް މޫވް ކުރާނެ ގޮތާ، އެ ހުރިހާ އެއްޗެއް" މާރިޔާ ވިދާޅުވިއެވެ.
އެ ނެރުން ވަންނަން އުޅުމުގެ ތެރޭގައި އުޅަނދުފަހަރަށާއި އާއްމުންނަށް އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުން ލިބިފައި ވާކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި އެތަނުގައި ހިނގި ހާދިސާ ތަކުގައި އެތައް ބަޔަކަށް ހާނީއްކަ ވެގެން ދިޔަކަމަށް މާރިޔާ ވިދާޅުވިއެވެ.
މުއިއްޒުއަށް ފާޑު ވިދާޅުވެ މާރިޔާ ފާހަގަ ކުރެއްވި ބައެއް އެހެން ކަންކަމަކީ، މާލޭ ރަސްފަންނުގައި ނަޖިސް ފެން ފެތުރުމުގެ ސަބަބުން އަލުން ތަން ބަންދުކޮށްގެން ހަދަން ޖެހުމާއި، ހިޔާ ފްލެޓްތަކުގެ ޖާގަ ކުޑަވެ، ދެ ކޮޓަރިއަކީ އުޅެން އެކަށީގެން ނުވާ ތަނެއްކަން ފާހަގަ ކުރެއްވިއެވެ.
އަދި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުން ބައްދަލުވުމެއްގައި ތިއްބައި އެތަން ތަޅުލެވުނު މައްސަލަ ހިމެނެއެވެ. މާރިޔާ ވިދާޅުވީ އެކަމާ ގުޅިގެން މުއިއްޒު މާފަށް އެދިވަޑައިގަންނަވަން ޖެހޭ ކަމަށެވެ. އަދި އެކަން ހިނގާދިޔަގޮތް ބައްލަވައި ރައްޔިތުންނާ ހިއްސާ ކުރަން ޖެހޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް