ކެމްޕޭނަށް ޖޭޕީއާއި ޑިމޮކްރެޓްސް އަދި ޕީއެންސީ އެއް ސަރަހައްދެއްގައި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖޭޕީއާއި ޑިމޮކްރެޓްސް އަދި ޕީއެންސީގެ ރިޔާސީ ކެނޑީޑޭޓުން ކެމްޕޭނަށް އެއް ސަރަހައްދަކަށް ވަޑައިގެންފިއެވެ. ޕީއެންސީގެ ރިޔާސީ ކެޑިޑޭޓް ޑރ. މުހައްމަދު މުއ...

29 Aug 2023 | 07:18

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖޭޕީއާއި ޑިމޮކްރެޓްސް އަދި ޕީއެންސީގެ ރިޔާސީ ކެނޑީޑޭޓުން ކެމްޕޭނަށް އެއް ސަރަހައްދަކަށް ވަޑައިގެންފިއެވެ.

ޕީއެންސީގެ ރިޔާސީ ކެޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަނީ ރ، ބ، ޅ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހެނދުނު ރ. އަތޮޅަށް ވަޑައިގެންފައެވެ. މުއިއްޒު ފުރަތަމަ ވަޑައިގެންނެވީ އަލިފުއްޓަށެވެ. މި ދަތުރުފުޅު ކުރިއަށް އޮތް ތިން ދުވަހަށް ދެމިގެން ދާނެއެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބު ކެމްޕޭނަށް ރ. އަތޮޅަށް ފުރާ ވަޑައިގެންނެވީވެސް މިއަދުގެ ވަގުތެއްގައެވެ. އިލްޔާސް ވަޑައިގަންނަވާ ރަށެއް އަދި ސާފު ނުވި ނަމަވެސް، އެ އަތޮޅަށް ދަތުރު ފައްޓަވާފައި ވާކަމަށް ޑިމޮކްރެޓްސްއިން ވަނީ ހާމަކޮށްފައެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހީމް މިވަގުތު ހުންނެވީ ކެމްޕޭނަށް ބ. ތުޅާދޫއަށް ވަޑައިގަންނަވައެވެ. ގާސިމް ތުޅާދޫއަށް ވަޑާއިގެންނެވީ މިއަދުއެވެ. ގާސިމް ވަޑައިގެންނެވުމުގެ ކުރީގައި އެމަނިކުފާނުގެ ރަނިންމޭޓް ޑރ. އަމީން އިބްރާހިމްވެސް ވަނީ ތުޅާދޫއަށް ވަޑައިގަންނަވާފައެވެ.

ޑިމޮކްރެޓްސްގެ ރަނިންމޭޓް ހުސައިން އަމްރު މުހައްމަދު ރަޝާދު މިވަގުތު ހުންނެވީ ކެމްޕޭނަށް ތ. ދިޔަމިގިއްޔަށް ވަޑާއިގަންނަވައެވެ. އަދި ޕީއެންސީގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް މިވަގުތު ހުންނެވީ މާލެ ސަރަހައްދުގެ ޖަގަހަތައް ހުޅުވައިދެއްމަށްޓަކައި މާލޭގައެވެ.

ރައީސް ސޯލިހު ކެމްޕޭނަށް މިއަދު ލ. މާބައިދޫއަށް ވަޑައިގެންނެވި އިރު، ރަނިންމޭޓް މުހައްމަދު އަސްލަމް ވަޑައިގެންނެވީ ކެމްޕޭނަށް އދ. އަތޮޅަށެވެ.

އެމްއެންޕީގެ ރިޔާސީ ކެނޑޑޭޓް މުހައްމަދު ނާޒިމް އިއްޔެ ކެމްޕޭން ކުރެއްވީ ފ. ނިލަންދޫގައެވެ.

އަމިއްލަ ގޮތުން ވާދަކުރައްވާ ފާރިސް މައުމޫން މިއަދު ކުޅުދުއްފުށި ސިޓީއަށް ވަޑާއިގަންނަވާއިރު، އަމިއްލަ ކެނޑިޑޭޓް އުމަރު ނަސީރާއި ހުސައިން ޒަމީލް ކެމްޕޭން ކުރައްވަނީ މާލޭގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް