ފުރަތަމަ ފަހަރަށް މިފަހަރު ލ. މާބައިދޫން އެމްޑީޕީއަށް މެޖޯރިޓީ ލިބޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ކެމްޕޭނަށް މާބައިދޫއަށް ވަޑާއިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ، އެމްޑީޕީން އިސްލާހީ ހަރަކާތް ފަށައިގެންއިރު މާބައިދޫއަކީ އެމްޑީޕީއާ ވިސްނުން އެއްގޮތް ރަށެއް ނޫން ކަމަށެވެ. ރައީސް މައުމޫންގެ ސަރުކާރާ އެކީގައި ވަރަށް ގާތް ގުޅުމެއް ރަށުގައި އޮތް ކަމަށާއި އެހެން ނަމަވެސް އިސްލާހީ މަސައްކަތް ފެށުމާއެކު އެމްޑީޕީއާ އެއްކޮޅަށް އަރައި މަޑުމަޑުން އެކަން ބަދަލު ވަމުން އައިސް، މިއަދު މިއޮތީ ވިސްނުން އަރާ ހަމަކޮށްފައި ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑަށް ފެންނަ ގޮތުގާ އިރާދަކުރެއްވިއްޔާ ފުރަތަމަ ފަހަރަށް މާބައިދޫން މިފަހަރު އަޅުގަނޑުމެންނަށް މެޖޯރިޓީ ވޯޓު ކަށަވަރު ވެގެން ދާނެ" ރައީސް ވިދާޅުވިއެވެ.
އެރަށުން މިއަދު އެ މަންޒަރު ފެންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
ކުރިއަށް އޮތް ދައުރުގައި އެމްޑީޕީއަށް ވެރިކަން ލިބިއްޖެ ނަމަ މާބައިދޫއަށް ކޮށްދެއްވާނެ ކަންތައްތައް ރައީސް ވަނީ އެރަށު ރައްޔިތުންނާ ހިއްސާ ކުރައްވާފައެވެ.
އެގޮތުން އެރަށު ސިއްހީ މަރުކަޒުން ހިދުމަތްދޭ ވަގުތު އިތުރުކޮށް، ވަސީލަތްތައް ފުރިހަމަ ކުރުމަކީ ރައްޔިތުންގެ އެދުމެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ކުރިއަށް އޮތް ދައުރުގައި ހެލްތް ސެންޓަރު 24 ގަޑިއިރަށް ބަދަލުކޮށް، ހިދުމަތްތައް ފުރިހަމަ ކޮށްދޭނެ ކަމަށެވެ. އަދި ރަށުގެ ބޮޑެތި މަގުތަކުގައި ތާރު އަޅައި، ޒަމާނީ ފެންވަރަކަށް ހަދައިދޭނެ ކަމަށާއި ސްކޫލަށް އިތުރަށް ބޭނުންވާ ވަސީލަތްތަކާއި މަލްޓިޕަރޕަސް ހޯލު ގާއިމު ކޮށްދީ، ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތާއެކު ރައްޔިތުން ބޭނުންވާ ގޮތަށް މޫދަށް އެރޭ ސަރަހައްދެއް ހަދައިދީ، ޒުވާނުން ބޭނުންވާ ޖިމާއި ޔޫތް ސެންޓަރެއް ގާއިމު ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް