އަޅުގަނޑުމެންގެ ވެރިކަމެއްގަ ބްރިޖް ފީ ނަގާނެއޭ ކިޔައިގެން ފަތުރަނީ ދޮގު ހަބަރެއް: މުއިއްޒު

ޕީޕީއެމް/ ޕީއެންސީގެ ވެރިކަމެއްގައި ސިނަމާލެ ބްރިޖް ފީ ނަގާނެއޭ ކިޔައިގެން ފަތުރަނީ ދޮގު ހަބަރެއް ކަމަށް އެ ކޯލިޝަންގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މުއިއްޒު ކުރެއްވި ޓުވީޓެއްގައ...

29 Aug 2023 | 05:38

ޕީޕީއެމް/ ޕީއެންސީގެ ވެރިކަމެއްގައި ސިނަމާލެ ބްރިޖް ފީ ނަގާނެއޭ ކިޔައިގެން ފަތުރަނީ ދޮގު ހަބަރެއް ކަމަށް އެ ކޯލިޝަންގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެފަދަ ދޮގު ވާހަކަ ފެތުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ، ނާތަހުޒީބު ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ވެރިކަމެއްގައި ސިނަމާލެ ބްރިޖު ބޭނުންކުރާ ރައްޔިތުން އަތުން ފީ ނަގަން ނިންމާފައިވާ ކަމަށް ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ޚަބަރެއް. ދޮގު ބުހުތާނު ވާހަކަތައް ފެތުރުމަކީ ޒިންމާދާރުކަން ކުޑަ، ނާތަހުޒީބު ޢަމަލެއް." މުއިއްޒު ވިދާޅުވިއެވެ.

ސިނަމާލެ ބްރިޖް ގާއިމު ކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި، މުއިއްޒު ހައުސިންގް މިނިސްޓަރު ކަމުގައި ހުންނަވަނިކޮށެވެ. ފީ އެއް ނެގުމަށް މަޝްވަރާ ކުރެވި، ވާހަކަ ތަކެއް ދެކެވުނު ނަމަވެސް އޭރުން ފެށިގެން އެއްވެސް އިރެއްގައި ބްރިޖުން ފީއެއް ނަގާފައެއް ނުވެއެވެ.

ހުޅުލެއާއި މާލެ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖް އާންމު ދަތުރުތަކަށް ހުޅުވާލާފައި ވަނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅުގައެވެ.

ބްރިޖް ހުޅުވާލުމާއެކު އެމްޕީއެލް އިން ވަނީ ހުޅުމާލެއަށް ދިޔުމަށް ބަހުގެ ޚިދުމަތް ވެސް ފަށާފައެވެ. އަދި ފުލުހުން ވަނީ ބްރިޖް ބޭނުންކުރުމުގެ ގަވާއިދުވެސް އާންމުކޮށްފައެވެ. އެކި ލޭންތަކުގައި ދުއްވުމަށް ޚާއްސަ ކުރެވިފައިވާ އުޅަނދުތަކުގެ ތަފްސީލް ހާމަކޮށްފައިވާއިރު ބްރިޖާއި ، ބްރިޖާއި ގުޅިފައިވާ ރިންގް ރޯޑުގައި ޕާކު ކުރުމަކީ މަނާ ކަމެއްކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް