ޕާކިސްތާނުގެ އިދިކޮޅުގެ އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ ޕާކިސްތާނު ތަހްރީކޭ އިންސާފް (ޕީޓީއައި)ގެ އިސް ވެރިންނާ ދެކޮޅަށް ޕާކިސްތާނުގެ ފެޑެރަލް އިންވެސްޓިގޭޝަން އެޖެންސީ (އެފްއައިއޭ) ގެ ސައިބާ ކްރައިމް ސާކަލް، ލާހޯރުއިން އާ މައްސަލައެއް ހުށަހަޅައިފި އެވެ.
މި މައްސަލަ އަކީ ސޯޝަލް މީޑިއާޕްލެޓްފޯމްތަކުގައި ދައުލަތުގެ މުއައްސަސާތަކާ ދެކޮޅަށް "ދޮގު ކެމްޕޭނެއް" ފެށި ކަމުގެ ތުހުމަތުގައި ހުށަހަޅާފައިވާ މައްސަލައެކެވެ. ޖިއޯ ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލާގައި ނަން ހިމެނެނީ ކުރީގެ ފިނޭންސް މިނިސްޓަރު ހަމްމާދު އަޒްހަރާއި މުސަރަތު ޖަމްޝީދު ޗީމާ އާއި ނޭޝަނަލް އެސެމްބްލީގެ ކުރީގެ ޑެޕިއުޓީ ސްޕީކަރު ގާސިމް ސޫރީ އާއި ޕަންޖާބުގެ ކުރީގެ ގަވަރުނަރު އުމަރު ސަފްރާޒް ޗީމާ އާއި ސެނެޓަރު އައްޒާމް ސްވާތީ އާއި އިސްތެހްކަމް-އޭ-ޕާކިސްތާން ޕާޓީ (އައިޕީޕީ) އަލީ ޒައިދީ ގެ އިތުރުން ޕީޓީއައިގެ ކުރީގެ ސީނިއާ ނައިބު ރައީސް ފަވާދު ޗައުދަރީ އެވެ.
އެފްއައިއޭގެ އޮފިޝަލުން ވިދާޅުވި ގޮތުގައި މި މައްސަލާގައި ދައުވާ އުފުލާފައިވާ ހުރިހާ ލީޑަރުން މިދިޔަ މަހު ހާޒިރުކޮށް ޖަވާބުދާރީވުމަށް ފަހުވެސް އެއްވެސް ބޭފުޅަކު ތަހުގީގީ އިދާރާއަށް ހާޒިރުވެފައެއް ނުވެ އެވެ. އަދި އެކަމާ ގުޅޭ ގޮތުން ޖަވާބު ވެސް ހުށަހަޅާފައި ނުވާ ކަމަށް އޮފިޝަލަކާ ހަވާލާދީ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
މި ލީޑަރުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ހެއްކާއި އެ ބޭފުޅުންގެ ބަޔާންތަކަށް ރިއާޔަތްކޮށްގެންނެވެ. އެފްއައިއޭގެ އޮފިޝަލަކާ ހަވާލާދީ ޖިއޯ ނިއުސް އިން ބުނީ އެ މީހުން ހައްޔަރު ކުރުމަށް ޓީމްތަކެއް އެކުލަވާލާފައިވާ ކަމަށެވެ. ޖިއޯ ނިއުސް އިން ބުނި ގޮތުގައި އައްޒާމް ސްވާތީގެ މައްޗަށް ޕާކިސްތާނުގެ އެކި ކަންކޮޅުތަކުގައި ގިނަ މައްސަލަތަކެއްގައި ދައުވާ އުފުލާފައި ވަނީ އަސްކަރިއްޔާގެ އިސް އޮފިސަރަކާ ދެކޮޅަށް ކުރެއްވި ޓްވީޓްތަކަކާ ގުޅިގެންނެވެ.
އެންމެ ފުރަތަމަ ސެނެޓަރު އެފްއައިއޭއިން ހައްޔަރުކުރީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު އޭރުގެ އަސްކަރިއްޔާގެ ވެރިޔާއާއި ޝަރުއީ ދާއިރާ އާއި ދައުލަތުގެ އެހެނިހެން މުއައްސަސާތަކާ ދެކޮޅަށް އޭނާގެ ރަސްމީ ޓްވިޓާ އެކައުންޓްގައި "ނަފްރަތު އުފެދޭ އަދި އިންޒާރުގެ މެސެޖެއް" ޕޯސްޓް ކުރުމުންނެވެ.
ލާހޯރު ކޯޕްސްގެ ކޮމާންޑަރު ހައުސް (ޖިނާހު ހައުސް) އާއި ޖެނެރަލް ހެޑްކުއާޓާސް (ޖީއެޗްކިއު) ފަދަ އަސްކަރީ މަރުކަޒުތަކަށް ދިން ހަމަލާތަކާ ގުޅިގެން ޕީޓީއައިގެ ލީޑާޝިޕަށް ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ އިރު އޭގެ ތެރޭގައި ގައުމިއްޔަތާއި ޓެރަރިޒަމްގެ މައްސަލަތައް ވެސް ހިމެނޭ ކަމަށް ޖިއޯ ނިއުސް އިން ބުންޏެވެ.
ޕީޓީއައިގެ ޗެއާމަން އަދި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އަދިވެސް ހުންނެވީ އެޓޮކް ޖަލުގައި ކަމަށްވާއިރު، މި މަހުގެ ކުރީކޮޅު އިސްލާމްއާބާދުގެ ޝަރީއަތުގެ މަޖިލީހުން އޭނާ ތިން އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ.
މީގެ އިތުރުން 2018 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް އެގައުމުގެ ބޮޑުވަޒީރުގެ ހައިސިއްޔަތުން ބޭރުގެ އިއްޒަތްތެރިންގެ އަތުން ލިބުނު ޓޯޝަޚާނާ (ސްޓޭޓް ޑިޕޮސިޓަރީ) ހަދިޔާގެ ފައިސާ ސިއްރުކުރި ކަމުގެ ކުށް ސާބިތުވެ، އެއް ލައްކަ ޕާކިސްތާން ރުޕީސް އިން ޖޫރިމަނާ ކުރަން ވެސް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އޭގެ ފަހުން ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަނުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވުމާ ގުޅިގެން ފަސް އަހަރަށް އޭނާ އިންތިޚާބުތަކުން ސަސްޕެންޑް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް