ދިރާގާއި ވިމެން އިން ޓެކް އިން ކުރިއަށް ގެންދިޔަ "ގާލްސް އިން ޑޭޓާ" ނިންމާލައިފި

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން އަންހެން ކުދިންނަށް އަމާޒުކޮށްގެން ހިންގި ޑޭޓާ ލިޓްރަސީ ޕްރޮގްރާމް "ގާރލްސް އިން ޑޭޓާ" ނިންމާލައިފިއެވެ. މިޕްރޮގްރާމަކީ މިއަދުގެ ޑޭޓާ އިންޓެންސިވް ދުނިޔޭގ...

29 Aug 2022 | 17:30

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން އަންހެން ކުދިންނަށް އަމާޒުކޮށްގެން ހިންގި ޑޭޓާ ލިޓްރަސީ ޕްރޮގްރާމް "ގާރލްސް އިން ޑޭޓާ" ނިންމާލައިފިއެވެ.

މިޕްރޮގްރާމަކީ މިއަދުގެ ޑޭޓާ އިންޓެންސިވް ދުނިޔޭގައި ޑޭޓާގެ މުހިންމުކަން އަންހެން ކުދިންނަށް ދަސްކޮށްދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މިހަފްލާގައި ޕްރޮގްރާމްގެ ބައިވެރިން ވަނީ އެކުދިން ޕްރޮގްރާމްގައި ދަސްކުރި ހުނަރުތައް ބޭނުންކޮށްގެން ތައްޔާރުކުރި ޕްރޮޖެކްޓްތައް ހުށަހަޅާފައެވެ. 10 އަހަރާއި 13 އަހަރާއި ދެމެދުގެ 25 ކުދިން މިޕްރޮގްރާމް ފުރިހަމަ ކުރިއެވެ.

މިދިޔަ މެއި 28 ވަނަ ދުވަހުން ފެށިގެން ދޮޅު މަސް ދުވަހަށް އޮންލައިންކޮށް ކުރިއަށް ގެންދެވުނު މިޕްރޮގްރާމްގައި ޑޭޓާ އެއްކުރުމާއި، އޭގެން މާނަ ދޭހަކުރުމާއި، ޑޭޓާ ބޭނުންކޮށްގެން މުހިއްމު ނިންމުންތައް ނިންމާނެ ގޮތްތައް އެކުދިންނަށް ދަސްކޮށްދެވުނެވެ. އެކި އެކި މައްސަލަތައް ހައްލުކުރުމަށް ޑޭޓާ ހޯދާނެގޮތާއި ޑޭޓާ އެއްކުރުމުގެ އަމަލީ މަސައްކަތްތަކެއްވެސް ދަސްކޮށްދެވުނެވެ. އެގޮތުން މޯލްޑިވްސް ނޭޝަނަލް ލައިބްރަރީއަށް ޒިޔާރަތްކޮށް ޑޭޓާ އެއްކުރުމުގެ އަމަލީ މަސައްކަތްތަކެއްވެސް ބައިވެރިން ފުރިހަމަކުރިއެވެ.

ހޮނިހިރު ދުވަހު ހަވީރު ބޭއްވުނު މިހަފްލާގައި ވާހަކަފުޅު ދައްކަވަމުން ދިރާގުގެ ،މެނޭޖަރ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވީ، ކުދިންގެ ޅަ އުމުރުގައިވެސް މި ފަދަ ދާއިރާއަކަށް ލޯ ހުޅުވި، މިއީ ކުރެވިދާނެ ކަމެއްކަން އަމިއްލައަށް ގަބޫލުކުރެވި، އަމިއްލަ ނަފުސަށް އިތުބާރު ކުރެވުމަކީ މި ޕްރޮގްރާމުގެ އެންމެ މުހިންމު އެއް މަގުސަދުކަމަށެވެ. އަދި މުސްތަގުބަލުގައި ކޮންމެ ދާއިރާއަކުން ކުރިއަށް ދިއުމަށް އަޒުމް ކަނޑައެޅިކަމުގައި ވީނަމަވެސް ޑޭޓާ ސައިންސް އަދި ޑޭޓާ އެނެލެޓިކްސް އަކީ މިހާރު ވަރަށް މުހިންމު ހުނަރެއްކަމަށެވެ.

ޕްރޮގްރާމްގެ ޒަރީއާއިން ބައިވެރިންނަށް އައު ކަންތައްތަކެއް ދަސްކުރުމުގެ ފުރުސަތު ލިބެގެން ދިޔަކަމަށާއި ޑޭޓާ ސައިންސްގެ ދާއިރާއަށް ޝައުގުވެރިކަން އުފެދިގެން ދިޔަކަމަށް އުންމީދުކުރާކަމަށް ވިމެން އިން ޓެކްގެ ނާއިބު ރައީސާ މަރިޔަމް އަސްނާ ވިދާޅުވިއެވެ. އަދި ޕްރޮގްރާމްގައި ދަސްވި މަޢުލޫމާތާއި ދަސްވި ކަންތައްތަކުގެ އެހީގައި މިދާއިރާއިން ކުރިއަށް ދިޔުމަށް ގޮވާލިއެވެ.

މިޕްރޮގްރާމްގެ ސަބަބުން ޑޭޓާ ސައިންސްގެ ދާއިރާއަށް ލޯހުޅުވި މިދާއިރާއިން މުސްތަގްބަލުގައި ކާމިޔާބުކަމާއެކު ކުރިއަށް ދެވިދާނެކަމަށް ޕްރޮގްރާމްގެ ބައިވެރިން ހިޔާލުފާޅުކުރިއެވެ. ޕްރޮގްރާމްގައި ޑޭޓާ ޕްރޮސެސިންގގެ މުހިއްމުކަން ދަސްވެގެން ދިޔަކަމަށާއި އެކަމަށް ބޭނުންކުރާ އެކިއެކި ޓޫލްތަކުގެ މަޢުލޫމާތު ލިބިގެން ދިޔަކަމަށް ބައިވެރިން ބުނެއެވެ.

ގަރލްސް އިން ޑޭޓާ ޕްރޮގްރާމަކީ ޑޭޓާ ދާއިރާ މިއީ އަންހެން ކުދިންނަށް ވެސް ރަނގަޅު ދާއިރާއެއްކަން އަންގައިދިން ޕްލެޓްފޯމެއްކަމަށް އެއް ބައިވެރިއަކު ފާހަގަކުރިއެވެ.

މިއީ އަންހެން ކުދިންނަށް އަމާޒުކޮށްގެން ޑޭޓާ ލިޓަރެސީ ޕްރޮގްރާމެއް ރާއްޖޭގައި ކުރިއަށް ގެންދެވުނު ފުރަތަމަ ފަހަރެވެ. މިސީރީސްގެ އިތުރު ޕްރޮގްރާމްތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިޔުމަށް ވަނީ ރޭވިފައިއެވެ.

2019 އިން ފެށިގެން ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން އަންހެން ކުދިންނަށް ޓެކްނޮލޮޖީ ގެ ދާއިރާގައި ބާރުވެރިކުރުމަށް ، ކޯޑިން ދަސްކޮށްދިނުމުގެ މަގްސަދުގައި ގާރލްސް ޓު ކޯޑްގެ ނަމުގައި އަހަރީ ޕްރޮގްރާމެއް ދަނީ ހިންގަމުންނެވެ.26

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް