ބީއެމްއެލްގެ އެހީގައި އައިޖީއެމް ހޮސްޕިޓަލުގައި އޮންކޯލޮޖީ ވޯޑެއް

ބޭންކް އޮފް މޯލްޑިވްސް އިން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި އޮންކޮލޮޖީ އަށް ހާއްސަ ވޯޑެއް ގާއިމްކުރުމާ ގުޅޭ އެމްއޯޔޫ އެއްގައި ސޮއިކޮށްފިއެވެ. މިއީ ނޮވެންބަރު މަހު ފާހަގަ ކު...

29 Aug 2022 | 08:00

ބޭންކް އޮފް މޯލްޑިވްސް އިން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި އޮންކޮލޮޖީ އަށް ހާއްސަ ވޯޑެއް ގާއިމްކުރުމާ ގުޅޭ އެމްއޯޔޫ އެއްގައި ސޮއިކޮށްފިއެވެ.

މިއީ ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތެވެ.

ބޭންކުން މި ޕްރޮޖެކްޓް ހިންގުމަށް 3.5 މިލިއަން ރުފިޔާ ހަދިޔާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއަދު ބޭންކުގައި ބޭއްވުނު ހަފްލާއެއްގައި އެމްއޯޔޫގައި ބޭންކުގެ ފަރާތުން ސޮއި ކުރެއްވީ އިންޗާރޖް އަދި އެކްޓިންގ އެމްޑީ ޢާއިޝަތު ނޫރައްދީން އެވެ. އަދި އައިޖީއެމްއެޗް ގެ ފަރާތުން ސޮއި ކުރެއްވީ އެ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް ސަލީމެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އިންޗާރޖް އަދި އެކްޓިންގ އެމްޑީ ޢާއިޝަތު ނޫރައްދީން ވިދާޅުވީ " އަޅުގަނޑުމެންގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތައް ވާނީ ރާއްޖެއަށް މުހިންމު ގިނަ ދާއިރާތަކަށް އަމާޒުކޮށްފައި. މިގޮތުން މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ބޭންކުގެ މާލީ އެހީތެރިކަން ލިބިގެން މިދަނީ ސިއްހީ ދާއިރާއަށް މިހާރުވެސް ވަރަށް ބޭނުންތެރި މުހިންމު ކަމަކަށް. މި ޕްރޮޖެކްޓްގެ އެހީގައި ކެންސަރ ބަލި ތަހައްމަލުކުރަމުންދާ ބަލިމީހުންނަށް ހާއްސަ ވޯޑެއް ގާއިމްކުރެވިގެންދާނެ. އަދި އަޅުގަނޑުމެންގެ އުންމީދަކީ މި ވޯޑުގެ މެދުވެރިކޮށް ރައްކާތެރި އަދި ފެންވަރު ރަނގަޅު އޮންކޮލޮޖީ ހިދުމަތްތަކެއް އެކަމަށް ބޭނުންވެފައި ތިބި ފަރާތްތަކަށް ލިބިގެންދިޔުން."

އައިޖީއެމްއެޗް ގެ ސީއީއޯ އިބްރާހިމް ސަލީމް އިތުރަށް ވިދާޅުވީ "ކެންސަރު ބަލީގެ މީހުންނަށް ހާއްސަ ވޯޑެއް ގާއިމްކުރުމަށްޓަކައި ބީއެމްއެލް އިން މިދެއްވި ދީލަތި އެހީއަށް އަޅުގަނޑު ޝުކުރު އަދާކުރަން. މި އެހީގެ ސަބަބުން ބަލިމީހުންނަށް އެންމެ ފަހުގެ ފެންވަރު ރަނގަޅު ފަރުވާއެއް ދިނުމަށް ހޮސްޕިޓަލުގެ ހިދުމަތްތައް އިތުރަށް ފުޅާކުރެވިގެންދާނެ. ކެންސަރ ބަލީގެ ފަރުވާ ބޭނުންވެފައިތިބި ފަރާތްތަކަށް ފަސޭހަކަމާއެކު ލިބޭނެ ގޮތް ހޯދައިދިނުމަކީ އައިޖީއެމްއެޗްގެ މުހިންމު ލަނޑުދަނޑިއެއް."

ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން މިހާތަނަށް ހިންގާފައިވާ ހަރަކާތްތައް:

  • ޖުލައި: ގައުމީ ދާރުލްއާސާރު ތަރައްގީ ކުރުމަށް އެހީވުން
  • ޖޫން: ބީއެމްއެލް ފެހި ޕްރޮޖެކްޓް
  • މޭ: އޮންލައިންކޮށް ފަންޑްރެއިޒް ކުރެވޭ ޕްލެޓްފޯމް ކައިންޑްލީ
  • އެޕްރީލް: ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ތަރައްގީކުރުމަށް އެހީވުން
  • މާރިޗު: ސްމޯލް ގްރާންޓްސް
  • ފެބުރުވަރީ: ހައުސިންގ ގްރާންޓް
  • ޖަނަވަރީ: ބީއެމްއެލް ސްޓާރޓަޕް ގްރާންޓް
  • ޑިސެންބަރު: ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުގެނައުން
  • ނޮވެންބަރު: ބީއެމްއެލް ސްކޮލާޝިޕް ފަންޑު

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް